އައްޑު އާއި ފުވައްމުލަކުގެ މަގުތައް ހެދުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން: އެޗްޑީސީ

އައްޑު އަތޮޅާއި ފުވައްމުލަކުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މި މަސައްކަތާ ހަވާލުވެފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީގެ ސީނިއާ މާކެޓިން އޮފިސަރު ރިޝްފާ ލަތީފު މިއަދު ވިދާޅުވީ، ތާރު އަޅައިގެން
އައްޑޫގައި ހަދާ 17 ކިލޯމީޓަރުގެ މަގާއި ފުވައްމުލަކުގައި ހަދާ 10 ކިލޯމީޓަރުގެ މަގު ހެދުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ބޭންކްތަކާ އެކު މިހާރު މަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ.
"މި ވަގުތު އަޅުގަނޑުމެން މި އަންނަނީ މި މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ފަންޑް ހޯދުމުގެ ގޮތުން ބޭރުގެ ބޭންކްތަކާ މަޝްވަރާކުރަމުން،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ފައިސާގެ ކަންތައްތައް ހަމަޖެހުމާ އެކު މި މަސައްކަތް ކުރިއަށް ގެންދެވޭނެ. އަޅުގަނޑުމެންނަށް މި ވަގުތު ދަންނަވަން ދަތި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް. ނަމަވެސް މިކަމަށް ބޭނުންވާ ލޯނު ހޯދުމުގެ މަސައްކަތްތައް ވަރަށް ބާރަށް މިހާރު ކުރިއަށް އެބަދޭ."
މި މަޝްރޫއުގެ މަސައްކަތް ފަށާތާ 30 މަސް ދުވަހުގެ ތެރޭގައި ނިންމަން އެޗްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. މި މަޝްރޫއުގެ ދަށުން ސ. ފޭދޫ، ހިތަދޫ، މަރަދޫފޭދޫ އަދި ހުޅުދު އާއި މީދޫގައި ޖުމްލަ 17 ކިލޯ މީޓަރުގެ މަގު ތާރު އަޅައިގެން ހަދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ފުވައްމުލަކުގެ މަގު ހެދުމަށް ހަމަޖައްސާފައިވަނީ އެ ރަށުގައި ކުރިން ތާރު އަޅައިގެން ހަދާފައިވާ 2.5 ކިލޯ މީޓަރުގެ މަގާ ގުޅުވައިގެން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އައްޑު އާއި ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަޝްރޫއު ސަރުކާރުން އިފުތިތާހުކޮށްފައިވަނީ މި ދެ އަތޮޅުގެ ތަރައްގީގެ މަޝްރޫއުތައް އިފުތިތާހުކުރުމަށް މިދިޔަ އެޕްރީލް މަހުގެ 22- 23 އަށް ރައީސް ނަޝީދު އައްޑު އާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ