މައުމޫން ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުން: އަލިވާގެ ތެރެއިން ފުލުސް އޮފިސަރެއްގެ ގައިގައި ތަޅައިގަތް: ފުލުސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމަނިކުފާނުގެ ގޭގައި ރޭ ހަރަކާތްތެރިވި ފުލުހުންގެ އިސް އޮފިސަރުގެ ގައިގައި ބަޔަކު ތަޅައިގަތުމުގެ ސަބަބުން އޭނާ އަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ބައިގަޑިއިރުގެ މުހުލަތެއް ދިނުމުން އެމަނިކުފާނު އެ ތަނަށް ހާޒިރުވެވަޑައިގަތުމުގެ ކަންކަމުގައި މ. އަލިވާގެ ސަރަހައްދުގައި ހަރަކާތްތެރިވި އިސް އޮފިސަރަށް ހަމަލާ ދީފައި ވަނީ އަލިވާގެ ތެރެއިން ކަމަށެވެ.
"މައުމޫން ވަޑައިގަތުމަށްޓަކައި އެ ބޭފުޅުންނަށް އެސިސްޓް ކޮށްދިނުމަށް އާޒިމާ ޝުކޫރާއި އެ ބޭފުޅުންގެ އެދިލެއްވުމަކަށް އޭރު އެ ތަނުގައި އެންމެ އިސްކޮށް ހުންނެވި ސީނިއާ އޮފިސަރު އެތާ [އަލިވާގެ] އެތެރެއަށް ވެންނެވީ. ވަންނަވާފައި އެ ތަނުގައި ވާހަކަ ދައްކަމުން ގެންދަނިކޮށް ބަޔަކު ހަމަލާ ދިނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"...ބިން މައްޗަށް ވައްޓައިގެން އޭނާގެ ގައިގައި ތަޅައިގަނެ ބޮޑެތި އަނިޔާތަކެއް ދީފައި ވަނީ. ގައިގެ އެކި ތަންތަނުން ނޫފައިގަނެ އެކިއެކި އަނިޔާތައް ވެފައި ހުރީ."
މައުމޫން ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމުގެ ސަލާމަތީ ކަންކަމާ ބެހޭގޮތުން ވާހަކަ ދެއްކުމަށްޓަކައި އަލިވާގެ އަށް ވަތް ފުލުސް އޮފިސަރަކަށް އެ ގޭ ތެރެއިން ހަމަލާ ދީފައިވާ ކަމަށް ޑީއާރުޕީން ވެސް މިއަދު ބުންޏެވެ.
ޑީއާރުޕީގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ފުލުހުންގެ އޮފިސަރަށް ހަމަލާ ދީފައި ވަނީ އޭނާ އަލިވާގެ އަށް ވަތް ވަގުތު، އެއްވެ ތިބި މީހުންގެ ތެރެއިން އެ ގޭ ތެރެއަށް ވަތް ބައެއް ކަމަށެވެ.
"ވީޑިއޯ ތަންކޮޅެއް މަތިން އަޅުވާފައި ހުރީމާ ހަގީގަތުގައި އެއީ ކޮންބައެއްކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ވަރެއް ނުވޭ. ހަމަގައިމު ވެސް އެތާ ތިއްބެވި އަޅުގަނޑުމެންގެ އެއްވެސް ބަޔަކު ފުލުހަކަށް ހަމަލާއެއް ނުދޭނެ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޑީއާރުޕީގެ އޮފިޝަލް ވިދާޅުވީ އަލިވާގެ ތެރެއިން ފުލުހުންގެ އޮފިސަރަށް ހަމަލާ ދިނީ އެ ގޭ ދޮށަށް އެއްވެ ތިބި މީހުންގެ ތެރެއަށް ފުލުހުން ގިނަ އަދަދަކަށް ކަރުނަ ގޭސް ޖަހަމުން ދިޔަ ވަގުތު ގޭ ތެރެއަށް ވެސް ކަރުނަ ގޭސް ބެރަލްއެއް ދިއުމާ ގުޅިގެން ކަމަށެވެ.
"ޓިއާ ގޭސް ބެރަލް އައުމާ އެކުގައި މަސްލަހަތު ގޯސްވެގެން ދިޔައީ،" އޭނާ ވިދާޅުވި އެވެ.
އަލިވާގެ ތެރޭގައި އޮފިސަރެއްގެ ގައިގައި ތަޅައިގަނެފައި ވާއިރު އިތުރު ފުލުހަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން ބުންޏެވެ. މީޑިއާ އޮފިޝަލަކު ވިދާޅުވީ އަލިވާގެ ދޮށަށް އެއްވެފައި ތިބި މީހުންގެ ތެރެއިން އެއްލި ގާގަނޑެއް ކަހަލަ އެއްޗަކުން ޖެހި އެ ފުލުސް މީހާގެ މޫނުމަތި ޒަޚަމްވެފައިވާ ކަމަށެވެ.
"ލޯ މައްޗާ ދިމާލުން ޖެހި އޭނާ އަޅައިގެން ހުރި މާސްކު ފަޅައިގެން ގޮސް ނޭފަތް މައްޗާއި މޫނުމަތި ފުދޭ ވަރަކަށް ބޮޑަށް ޒަޚަމްވެފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މަގުމަތިން ދިން ހަމަލާގައި ޒަހަމްވި ފުލުސް މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ގެންދާ ކަމަށާއި އަލިވާގެ ތެރެއިން ހަމަލާ ދިން އޮފިސަރަށް ރޭ އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުސް އޮފީހުން ބުނީ ދެ ފުލުހަކަށް ސީރިއަސް ޒަޚަމްތަކެއް ލިބުނު އިރު އަލިވާގެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދިޔަ ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ ކުދި އަނިޔާތައް ވެސް ވެފައިވާ ކަމަށެވެ.
ދައުލަތުގެ މުދަލަށާއި ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް މައުމޫން ހާޒިރުވެވަޑައިނުގެންނެވި މައްސަލައާ ބެހޭ ގޮތުން ސުވާލު ކުރުމަށް އެމަނިކުފާނު ފުލުސް އޮފީހަށް ވަޑައިގަތުމަށް ފޮނުވި ޗިޓަށް މައުމޫނުގެ ވަކީލުން އިއްޔެ ހަވީރު 00: 6 ގައި ފުލުސް އޮފީހަށް ހާޒިރުވުމުގެ ކުރިން، ހަވީރުން ފެށިގެން އަލިވާގެ ސަރަހައްދަށް މީހުން އެއްވަމުން ދިޔަ އެވެ. އެ ގޭ ދޮށަށް އެއްވި މައުމޫންގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އެހެން މީހުން އެ ސަރަހައްދުން ފޮނުވާލަން ފުލުހުން ކުރި މަސައްކަތުގައި ފުލުހުންނާއި ބައެއް މީހުންނާ ދެމެދު ރޭ ހަމަނުޖެހުން ހިނގި އެވެ. އަދި އަލިވާގެ ސަރަހައްދު ދޫކޮށް މީހުން ނުދިއުމުން ފުލުހުން އެ މީހުން ފޮނުވާލީ އިންޒާރު ދިނުމަށް ފަހު ކަރުނަ ގޭސް ޖަހައިގެންނެވެ.
ފުލުހުން ބުނީ މައުމޫން ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމާ ގުޅުން ހުރި ކަމެއްގައި އާއްމު މީހަކަށް އަނިޔާ ވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް މައުމޫން އެ އޮފީހަށް ވަޑައިގެންނެވި ކާރާއެކު ދަތުރު ކުރި ފުލުހުންގެ އުޅަނދަކުން ޖެހި، މައުމޫންގެ އަމިއްލަފުޅު ސެކިއުރިޓީ މީހެއްގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރީގެ ރައީސް ގެންނެވި އިރުގައި އިސްލާމީ މަރުކަޒާ ހަމައިން، ރައީސްގެ އާއްމު ސެކިއުރިޓީއެއްގެ ގޮތުގައި ހަރަކާތްތެރިވި މީހެއް ވެހިކަލްތައް އެއް ބާރުމިނެއްގައި ދުއްވާފައި ދަނިކޮށް ކުއްލިއަކަށް ހުރަސް ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ފައިގައި ޖެހި ފުދޭ ވަރަކަށް ބޮޑަށް އަނިޔާވި އޭނާ އަށް. ބެލެވޭނީ އޭނާގެ ފައި ބިންދައިގެން ދާނެ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.
ޑީއާރުޕީގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލު ވިދާޅުވީ އެ އެކްސިޑެންޓްގައި މައުމޫންގެ ސެކިއުރިޓީ މީހާގެ ފައި ބިންދައިގެން ދިއުމުގެ ސަބަބުން އޮޕަރޭޝަން ކޮށްފައިވާ ކަމަށެވެ.
"މިއަދު ހެނދުނު 30: 10 ހާއިރު އޮޕަރޭޝަންކޮށްފައި މިހާރު ވޯޑުގައި އޮތީ. އޭނާގެ ހާލު ރަނގަޅުވަމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި މައުމޫން ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމާ ގުޅުން ހުރި އެއްވެސް ކަމެއްގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ