މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭނެ ކަމަށް ލަފާކުރާ މީހުންގެ ލިސްޓެއް ކޮމިޝަނާ އޮފް އިލެކްޝަންސްގެ އޮފީހުން ހާމަކޮށްފި އެވެ
އެ އޮފީހުގެ ވެބްސައިޓްގައި ބުރާސްފަތި އާއްމުކުރި ލިސްޓްގައި ވަނީ އަންނަ ނޮވެމްބަރު 11 ވަނަ ދުވަހަށް 18 އަހަރު ފުރޭ 209،000 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ.
ވޯޓުލާ މީހުންގެ ލިސްޓާ ބެހޭ ގޮތުން ދަރުބާރުގޭ ފަންސަވީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް އިލެކްޝަންސް ޝައުކަތު އިބްރާހިމް ބުރާސްފަތި ދުވަހު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާނެ ދުވަހެއް އަދި ކަނޑައަޅާފައިނުވާތީ މިހާރު އިއުލާންކޮށްފައިވާ ލިސްޓަކީ ވޯޓު ދިނުމަށް ރަޖިސްޓްރީއެއް ތައްޔާރުކުރުމަށް އެކުލަވާލި ވަގުތީ ލިސްޓެއް ކަމަށެވެ.
"ކުރިން ބޭއްވި އިންތިހާބުތަކުގައި ބޭނުންކުރި ލިސްޓްތަކުގައި ކުށް ހުރި ކަމަށް އަޅުގަނޑުމެން ގަބޫލްކުރަން. އެހެން ދިމާވީ ރާއްޖޭގައި އުފަންވާ މީހުންނާއި މަރުވާ މީހުންގެ ރެކޯޑް ބަލަހައްޓާނެ ވަކި އިދާރާއެއް ނެތުމުން. މި ލިސްޓް އަޅުގަނޑުމެން ތައްޔާރުކޮށްފައި ވަނީ ސަރުކާރުގެ ކަމާ ބެހޭ ހުރިހާ އިދާރާތައް ގުޅިގެން،" އޭނާ ވިދާޅުވި އެވެ.
ޝައުކަތު ވިދާޅުވީ އަލަށް ހާމަކުރި ލިސްޓްގައި ވެސް ކުށް ހުރި ނަމަ އެ ކުށެއް އިސްލާހުކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
"އަޅުގަނޑު ނުދަންނަވާނަން މިއީ ވެސް އެންމެ ފުރިހަމަ ލިސްޓެކޭ. އެހެންވެ އިސްލާހު ހުށަހެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލީ،" އޭނާ ވިދާޅުވި އެވެ.
ޝައުކަތު ވިދާޅުވީ މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭނެ މީހުންގެ ރަޖިސްޓްރީއެއް އެކުލަވާލާނީ، އަލަށް ހާމަކުރި ލިސްޓްގެ ކުށް ފިލުވުމަށްފަހު ކަމަށެވެ.
"އަޅުގަނޑުމެން އެ ރަޖިސްޓްރީ އިއުލާންކުރާނީ ރިޔާސީ އިންތިހާބު ބާއްވާނެ ދުވަހެއް ކަނޑައެޅުމަށްފަހު. އެހެންކަމުން މިހާރު ލިސްޓް އެކުލަވާލާފައި ވަނީ އެންމެ ފަހުގެ ތާރީހެއްގެ ގޮތުގައި 11 ނޮވެމްބަރު ކަމަށް ބެލުމަށްފަހު،" އޭނާ ވިދާޅުވި އެވެ.
ޝައުކަތު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބަކީ މިނިވަން، އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށެވެ.
އެ އޮފީހުން ބުނީ 11 ނޮވެމްބަރުގެ ނިޔަލަށް 18 އަހަރު ފުރޭ މީހުންގެ ލިސްޓް ކޮމިޝަނާ އޮފް އިލެކްޝަންސްގެ އޮފީހުގެ ވެބްސައިޓް، އިލެކްޝަންސް ޑޮޓް ޖީއޯވީ ޑޮޓް އެމްވީ އިން ޑައުންލޯޑްކުރެވޭނެ ކަމަށެވެ. އަދި އެ ލިސްޓަށް އިސްލާހެއް ހުށަހެޅުމަށް ހިލޭ ގުޅޭ ނަންބަރެއް ވެސް އެ އޮފީހުން ވަނީ ހަމަޖައްސައިފަ އެވެ. އިސްލާހު ހުށަހެޅުމަށް ހަމަޖައްސާފައިވާ ނަންބަރަކީ 1414 އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލެވޭނެ ކަމަށް ލަފާކުރާ މީހުންގެ ލިސްޓެއް އިލެކްޝަނުން ހާމަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ