މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި އިސްލާހަށް މަސައްކަތްކުރައްވާ އަދި އިހުލާސްތެރިކަމާއެކު ރާއްޖެ އަށް ސިޔާސީ، އިސްލާހީ ހެޔޮ ބަދަލުތައް ގެނެވޭނެވަރުގެ ބޭފުޅަކަށް ހުންނެވީ އޭނާ އެކަނި ކަމަށް ސޯޝަލް ލިބެރަލް ޕާޓީ (އެސްއެލްޕީ) ން ކުރިމަތިލައްވައިފައިވާ އިބްރާހީމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެ އެވެ.
އެސްއެލްޕީގެ ފަރާތުން މިހާރު އައްޑު އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުގައި ރޭ ހިތަދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެންބަރުކަން ވެސް ކުރައްވާ އިބްރާ ވިދާޅުވީ ރިޔާސީ އިންތިހާބަށް އޭނާ ކުރިމަތިލެއްވީ ވެސް އިސްލާހީ ބަދަލުތައް ގެނެވޭނެ ވަރުގެ ބޭފުޅަކު އިންތިހާބަށް ކުރިމަތިލައްވައިފައި ނުވާތީ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި އެ ކަމަށް އެކަށީގެންވާ ވަރުގެ އެއްވެސް ބޭފުޅަކު ނެތް. އޭގެ ތެރޭގައި ސިޔާސީ ގޮތުން ރާއްޖެ އަށް އެއްވެސް ބަދަލެއް ގެނެވޭނެ ބޭފުޅަކު ނެތް. އަޅުގަނޑު މި މަގާމަށް ކުރިމަތިލުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީ،" ގާތްގަނޑަކަށް 100 ވަރަކަށް މީހުން ހާޒިރުވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވި އެވެ. "އެފަދަ ބޭފުޅަކު ހުންނެވި ނަމަ މިއަދު އަޅުގަނޑު ހުންނާނީ އެ ބޭފުޅެއްގެ ފަހަތުގައި. އަޅުގަނޑަށް ވުރެ ވަކިން އިތުރަށް މި ރާއްޖެ އިސްލާހުކުރަން މަސައްކަތްކުރި ހަމަ އެކަކު ވެސް ނުހުންނާނެ. އެ ވާހަކަ ކެރިގެން މި ދަންނަވަނީ."
އިބްރާ އަދި ވިދާޅުވީ ރާއްޖޭގެ އެއްވެސް ކަމެއް ރަނގަޅަށް ކުރިއަށްނުދާ ކަމަށާއި އެކަން އިސްލާހު ކުރެވޭނީ ވެރިކަމަށް ބަދަލެއް ގެނެވިގެން ކަމަށެވެ.
"ތައުލީމީ ހާލަތު، އިގުތިސާދީ ހާލަތު، ސިއްހީ ހާލަތު އަދުލު އިންސާފުގެ މައްސަލަތައް އަދި މުޅި ގައުމުގަ ނެތީއްޔާ ރަނގަޅަށް އެއްކަމެއް ވެސް. މިކަންކަން ބަދަލުކުރެވެން އަންނަނީ ވެރިކަމަށް ބަދަލެއް ގެނެސްގެންކަން އެއްވެސް ޝައްކަކާ ނުލައި އެނގެން މިއޮތީ،" އިބްރާ ވިދާޅުވި އެވެ. "ރައްޔިތެއްގެ އަޑު އަހައިގެން ވެރިކަމަކުން އިޖާބަދެއްވާނެ ނަމަ މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މިރާއްޖެ އަށް ބޮޑެތި ބަދަލުތަކެއް މި ދެންނެވި ކަންކަމުގައި ސަރުކާރުން ގެނެސް ދެއްވައިފީސް."
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާ އިތުރަށް ވިދާޅުވީ ބައެއް ފަރާތްތަކުން، ސިޔާސީ ގޮތުން ނުފޫޒު ގަދަ ފަރާތްތަކާ އޭނާއާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރާ ކަމަށާއި އެހެން ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނޫން ކަމަށެވެ. އޭނާ އަދި ވިދާޅުވީ "އަޅުގަނޑަކީ އެއްވެސް މީހެއްގެ މީހެއް ނޫން" ކަމަށެވެ.
މީގެ އިތުރުން އޭނާ ވަނީ ކުރިން އޭނާ ރައީސްކަން ކުރެއްވި އެމްޑީޕީ އަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އިސްލާހަށް މަސައްކަތްކުރަނީ ހަމައެކަނި އެމްޑީޕީ ކަމަށް އެޕާޓީން ކުރާ ދައުވާ އަށް އޭނާ އިންކާރު ކުރައްވާ ކަމަށާއި އެކަމަށް އިހުތިޖާޖު ވެސް ކުރައްވާ ކަމަށެވެ.
ރިޔާސީ އިންތިހާބު 2008: އަޅުގަނޑު ނޫނީ އިސްލާހަށް މަސައްކަތް ކުރާ މީހަކު ނެތް: އިބްރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ