މި ޕްލެޓޫނަށް ކޮމާންޑްކުރާ މީހަކީ އަޅުގަނޑު: އުމަރު

ގާނޫނު އަސާސީ އާއި ގާނޫނީ އިމުގެ ބޭރުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ހައްޔަރުކޮށްގެން ގެންގުޅޭ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާ އަށް ކޮމާންޑް ކުރަނީ، ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު މިތަނުން ނުފެނުނަސް އަޅުގަނޑުމެން މި މަސައްކަތް ހިންގަމުން މިދަނީ، ވަކި ސެންޓްރަލް ކޮމާންޑެއް ހަދައިގެން، އެ ކޮމާންޑްގައި ވަކި ބަޔަކު ތިބެގެން، އަޅުގަނޑުމެން މަންޒަރުތައް ބަލަމުން، ތިބޭފުޅުންނަށް ކޮމާންޑް ދެމުން މި ގެންދަނީ. ދިވެހި ފުލުހުންނަށް ވެސް އަޅުގަނޑު ދަންނަވާނީ، ތިޔަބޭފުޅުންގެ ތެރޭގައި ތަމްރީނު ވެފައި ހުރި، ރާއްޖެއިން ބޭރުން ތަމްރީނުވެފައި ހުރި، އެންމެ މަތީ ތަމްރީނު ހަދާފައި ހުރި މީހެއްގެ ހައިސިއްޔަތުން މި ޕްލެޓޫންއަށް ކޮމާންޑް ކުރަނީ އުމަރު ނަސީރުއޭ،" ޕީޕީއެމްގެ ޖަގަހަ ކުރިމަތީގައި ރޭ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވި އެވެ.
އުމަރަކީ ކުރިން ސިފައިންގެ ތެރޭގައި މަސައްކަތް ކުރެއްވި އަދި މިލިޓަރީ ތަމްރީނު ހައްދަވާފައިވާ ބޭފުޅެކެވެ.
އޭނާ ވިދާޅުވީ، މުޒާހަރާ ކުރިއަށް ގެންދާއިރު، ފުލުހުންނަށާއި ސިފައިންނަށް އަނިޔާވިޔަ ނުދީ، "އެކަމަކު އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ހާސިލްކުރާނަން" ކަމަށެވެ. އަދި އެއްވެސް ފުލުހަކަށް އަދި ސިފައިންގެ މީހަކަށް، މުޒާހަރާގެ ބައިވެރިންގެ ފަރާތުން އެއްވެސް އަނިޔާއެއްވިޔަ ނުދިނުމަށް އުމަރު އެދިވަޑައިގަތެވެ.
"އަޅުގަނޑު ވަރަށް އުފާވި، ފުލުހުންގެ މީހެއްގެ ގައިގައި ރޯވެފައި އޮއްވައި، އޭނާ ކައިރީގައި ތިބި ފުލުހުން އޭނާ ކައިރިން ދުރަށް ޖެހުނު ވަގުތުގައި، އަޅުގަނޑުމެންގެ މީހުން ކައިރިއަށް ޖެހި، އަތުން އެ ތަން ނިއްވާލި މަންޒަރު ފެނުނީމާ. ސާބަހޭ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މީހުންނަށް. އަޅުގަނޑުމެން ﷲގެ އިރާދަފުޅުން އެއްވެސް ފުލުހަކަށް، އެއްވެސް ސިފައިންގެ މީހަކަށް އަނިޔާއެއްވިޔަ ނުދޭނަން،" އުމަރު ވިދާޅުވި އެވެ.
އިދިކޮޅު މީހުން ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި މުޒާހަރާ ފެށުމުގެ ކުރިން، ސަރުކާރަށާއި އެމްޑީޕީ އަށް ތާއީދުކުރާ ބަޔަކު ވަނީ އޭގެ ކުރިން ގޮސް، ނޫސްވެރިންގެ ހިމާޔަތުގެ ނަމުގައި މުޒާހަރާ ފަށައިފަ އެވެ. އެހެންވެ ދެ ބައި މީހުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގައި އިދިކޮޅު މީހުންގެ މުޒާހަރާ ކުރިއަށް ގެންދިޔައީ ޕީޕީއެމްގެ ޖަގަހަ ކުރިމަތީގަ އެވެ.
އުމަރު ވިދާޅުވީ، އިދިކޮޅު މީހުންނަށް ރޭ އާޓިފިޝަލް ބީޗް ސަރަހައްދު ގެއްލުނީ، ލަހުން މުޒާހަރާ އަށް ދިއުމުން ކަމަށެވެ. އެހެންވެ މިރޭ އަވަހަށް މުޒާހަރާ އަށް ދިއުމަށް އޭނާ އެދިވަޑައިގަތެވެ.
"މި މީހުން [އެމްޑީޕީ އަށް ތާއީދުކުރާ މީހުން] އަޅުގަނޑު ހުރިހާ ވޮލަންޓިއަރުންނަށް ވަގުތުން އެންގިން އަވަހަށް ކައިރި ކުރާށޭ [ޕީޕީއެމް] ޖަގަހަ ދޮރު މައްޗަށް. އެކަމަކު އަޅުގަނޑުމެންގެ މީހުންނަށް އަދި މި ކަމަށް ރަނގަޅަށް ތަމްރީނުވެފައި ނެތީމަ، އަޅުގަނޑުމެންގެ މީހުން އައިސް ތިބީ އެކި ހިސާބުތަކަށް ބެހިފައި. އަޅުގަނޑު ހާއްސަކޮށް ވޮލަންޓިއަރުންނަށް ދަންނަވާނީ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދޭ އިރުޝާދުގެ ދަށުން، އެ ޖަމާވާން އަންގާ ތަނަކަށް، އެންމެން ޖަމާވެ ބޮނޑިވެގެން ތިބެއްޗޭ. ދުރުދުރުގައި ނުތިބެއްޗޭ،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ