ރާއްޖެ އިން އިސްލާމީ އަގީދާ ބަލިކޮށްލުމަށް ކުރަމުންދާ ހުރިހާ އަމަލުތަކެއް މިހާރުން މިހާރަށް ހުއްޓާލައި އިސްލާމް ދީން ނޫން އެހެން ދީނަކަށް މި ގައުމުން ޖާގަ ނުދިނުމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ސަރުކާރަށް ގޮވާލައްވައިފި އެވެ.
ސަރުކާރުގެ ދީނީ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތަކުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ އަށް، ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން ފޮނުއްވި ހިތޯބެއްގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ދީން ގަބޫލްކޮށްގެން ތިބީ ބަޔަކު މަޖުބޫރުކޮށްގެން ނޫން ކަމަށެވެ. ރައްޔިތުން އިސްލާމްދީނުގެ މަތީގައި ދެމިތިބީ އެކަލާނގެ އެއްކައުވަންތަކަމާއި އާޚިރަތް ދުވަސް އަންނާނެ ކަމަށް ގަބޫލުކުރާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ބޭރު ގައުމުތަކުގެ މައްޗަށް ހެއްލި، ނުބައި ވާސްވާސްތަކުގައި ޖެހި ރައްޔިތުން މަގުފުރެދިގެން ނުވާނެ ކަމަށެވެ. އަދި ދީނީ މިނިވަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ ދީނީ މިނިވަންކަމަކީ ގެއްލުމާއި ހަލާކުގެ ފުން އަނދަވަޅެއް ކަމަށެވެ.
"މިހާރު ވެސް ރާއްޖޭގެ ސިޔާސީ މާހައުލުގައި އުފެދިފައި މިވާ ބައިބައިވުމުގެ ނުރަނގަޅު އަސަރުތައް ފެންނަމުންދާއިރު ރާއްޖޭގައި އިތުރު ދީންތަކެއް ފެތުރުމުގެ ފުރުސަތު ދެވިއްޖެ ނަމަ އިތުރު ހަމަނުޖެހުމާއި ފިތުނަފަސާދަ ކުރިއަށް ދާނެކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެފަދަ އިތުރު ހަމަނުޖެހުންތަކަކަށް ދޮރުހުޅުވުމަކީ ރާއްޖޭގެ އެންމެ މަތިވެރި ގައުމީ މަސްލަހަތު އެއްވެސް އިރެއްގައި ތަންދޭނެ ކަމެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި އިސްލާމްދީން ދިފާއުކުރުމުގެ ހައްގު ރައްޔިތުންނަށް ލިބިގެންވެ އެވެ. ރާއްޖޭގައި އިސްލާމްދީން ހިމާޔަތްކުރަން ޖެހޭ ގައުމީ ބޮޑު ސަބަބެއް އެބައޮތް ކަމަށާއި އެއީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއި އެކުވެރިކަމާއި އެއްބައެއްވަންތަކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ހިތޯބުގައި މައުމޫން ވިދާޅުވީ "ރާއްޖޭގައި މި ވަގުތު ނޫޅެއްވި ނަމަވެސް ހުންނެވީ ރައްޔިތުންނާ އެކު" ކަމަށެވެ.
އިސްލާމީ އަގީދާ ބަލިކަށިކުރުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ