އޭޑީބީން 36.5 މިލިއަން ޑޮލަރުގެ ލޯނެއް ނަގާ ގޮތަށް ހަމަޖައްސައިފި

ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން 36.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 470 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގާ ގޮތަށް ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ސަރުކާރުން އެދިގެން އޭޑީބީން ނަގާ ލޯނުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވުމުގެ ގާނޫނީ ހުއްދަ ފިނޭންސް މިނިސްޓަރު އަލީ ހާޝިމަށް ރައީސް ދެއްވާފައިވާ ކަމަށެވެ.
ޒުހެއިރު ވިދާޅުވީ އެ ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ހުއްދަ ފިނޭންސް މިނިސްޓަރަށް ދެއްވީ އެކަމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ ފަރާތަކީ މިނިސްޓަރު ކަމަށްވާތީ ކަމަށެވެ. ނަމަވެސް އެ ލޯނު އެއްބަސްވުމުގައި ސޮއިކުރާނެ ދުވަހެއް އަދި އެ ލޯނުގެ އިންޓަރެސްޓް ރޭޓާއި ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތާއި އިތުރު ތަފުސީލު ފިނޭންސް މިނިސްޓްރީން މިއަދު ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ރައީސް އޮފީހުން އިއްޔެ ނެރުނު ހަބަރެއްގައި ވަނީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމުގައި ބޭރުގެ މާލީ އިދާރާތަކާ މި އަހަރުގެ ތެރޭގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ އިކޮނޮމިކް ރިކަވަރީ ޕްރޮޖެކްޓަށް އޭޑީބީން 21،912،000 ސްޕެޝަން ޑްރޯވިން ރައިޓްސް (ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު) ގެ ލޯނެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޓެކްނިކަލް އެސިސްޓެންސް ލޯނެއްގެ ގޮތުގައި 939،000 ސްޕެޝަލް ޑްރޯވިން ރައިޓްސް (ގާތްގަނޑަކަށް 1.5 މިލިއަން ޑޮލަރު)ގެ ލޯނެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ އެ ދެ ލޯނު އެއްބަސްވުމުގައި ވެސް ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވުމަށް ހަމަޖެހިފައި ވަނީ ފިނޭންސް މިނިސްޓަރު ކަމަށެވެ. އަދި އެ ދެ ލޯނާއެކު ހިލޭ އެހީގެ ގޮތުގައި ތިން މިލިއަން ޑޮލަރު ( 38 މިލިއަން ރުފިޔާ) ވެސް އޭޑީބީން ދިނުމަށް ހަމަޖައްސާފައިވާ ވެސް އެ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ