މެންބަރުކަމުން މުސްތަފާ ވަކިކޮށްދެއްވުމަށް އެދިވަޑައިގެން އުމަރު ކުރައްވާ ދައުވާގެ ޝަރީއަތް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ މެންބަރުކަމުން ވަކިކޮށްދެއްވުމަށް އެދިވަޑައިގެން އައިޑީޕީގެ ރައީސް އުމަރު ނަސީރު ކުރައްވާ ދައުވާގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ފަށައިފި އެވެ.
ސުޕްރީމް ކޯޓުގައި އެ ދައުވާ ހުށަހަޅުއްވަމުން އުމަރުގެ ވަކީލު މުހައްމަދު ވަހީދު ވިދާޅުވީ އެ ދައުވާ ހުށަހަޅުއްވަނީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ އެއް ވަނަ ނަންބަރާ ހަވާލާދީ ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
ވަހީދު ވިދާޅުވީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ އެއް ވަނަ ނަންބަރުގައި ބުނެފައިވާ ކަމަށެވެ. މެންބަރެއްގެ ގޮނޑިއެއް ހުސްވެއްޖެ ކަމާމެދު ހިޔާލު ތަފާތުވެއްޖެ ހިނދެއްގައި އެ މައްސަލަ ބަލައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މުހައްމަދު މުސްތަފާ ފުރުއްވަމުން ގެންދަވާ ތިމަރަފުށީ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމާމެދު ހިޔާލު ތަފާތުވެފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ މުސްތަފާގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ސީފުޑް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން (ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އިން 31،231 ޔޫއެސް ޑޮލަރުގެ (ގާތްގަނޑަކަށް 401،318ރ. ގެ) ލޯނެއް ނަގާފައިވާ ކަމަށެވެ. ނަމަވެސް އަދާ ހަމައަށް ވެސް އެ ލޯނު އަދާކޮށްފައި ނުވާ ކަމަށް ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ އެ މައްސަލަ 1997 ވަނަ އަހަރު މަދަނީ ކޯޓަށް ހުށަހެޅުމުން ހަމަ އެ އަހަރު "މުސްތަފާ އެ ލޯނު ނުދެއްކުމުން" އޭ ބުނެ އެ ލޯނު ދައްކަންޖެހޭނެ ކަމަށް ހުކުމްކޮށްފައިވާ ކަމަށެވެ. އަދި "މުސްތަފާ އެ ލޯނު ނުދެއްކުމުން" އޭ ހުކުމުގައި ބުނެފައި އޮތުމުން ވެސް އެއީ މުސްތަފާ ދައްކަންޖެހޭ އެއްޗެއްކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ ކަންތައްތަކަށް ބައްލަވާ މުސްތަފާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިކޮށްދެއްވުމަށް އުމަރުގެ ފަރާތުން އެދިވަޑައިގަތެވެ.
ދައުވާއަށް ޖަވާބުދެއްވަމުން މުސްތޮފާގެ ގާނޫނީ ވަކީލު އަބްދުﷲ އަހުމަދު ވިދާޅުވީ "ހ. ދޮންޖޭމުގޭ އުމަރަށް، މުސްތަފާ ދޭންޖެހޭ އެއްޗެއް ނެތް ފަދައިން އުމަރު، މުސްތަފާ އަށް ދޭންޖެހޭ އެއްޗެއް ވެސް ނެތް" ކަމަށެވެ. އަދި އެ ދެ ބޭފުޅުންގެ ދެމެދުގައި އެއްވެސް ބާވަތެއްގެ މުއާމަލާތެއް މީގެ ކުރިން ކޮށްފައި ނެތް ކަމަށާއި މި ދައުވާ ކުރުމުގެ އެއްވެސް ހައްގެއް އުމަރަށް ނުވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ އެ މައްސަލަ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް މުސްތަފާގެ ކެންޑިޑެސީއާ މެދު ޝައްކެއް ނެތް ކަމަށް އެ އިދާރާ އިން ނިންމާފައިވާ ކަމަށެވެ.
އެ މައްސަލައިގައި މުސްތަފާ ވިދާޅުވީ އޭނާގެ ހިއްސާ އޮންނަ ސީފުޑް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ދަރަންޏެއް އޮންނާނެ ކަމަށެވެ. ނަމަވެސް އެއީ އޭނާ ޝަހްސީ ގޮތުން ޒިންމާވާންޖެހޭ ކަމެއް ނޫން ކަމަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ އޭނާ ކެންޑިޑޭޓަކަށް ކުރިމަތިލެއްވުމުގެ ކުރިން 428،000ރ. ގެ ދަރަންޏެއް މަދަނީ ކޯޓަށް ހަލާސްކޮށްފައިވާނޭ ކަމަށާއި އޭގެ އިތުރަށް އެއްވެސް ދަރަންޏެއް ނެތް ކަމަށް ކޯޓުން ބުނެފައިވާ ކަމަށެވެ. އަދި އޭނާގެ އެއްވެސް ދަރަންޏެއް ނެތް ކަމަށް އެމްއެމްއޭ އިން ވެސް ބުނެފައިވާ ކަމަށް މުސްތަފާ ޝަރީއަތުގައި ވިދާޅުވި އެވެ.
ބީސީސީއައިގެ މައްސަލަ ހައި ކޯޓަށް ވެސް ހުށަހެޅުނު ކަމަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ މި ދައުވާއަކީ ކުރެވޭނެ ދައުވާއެއް ނޫން ކަމަށާއި މައްސަލަ ބަލައިގަތުމުން މިއީ "ހަޔާތްކުޑަ، ގޮތެއް ނެތް" ދައުވާއެއް ކަމަށެވެ.
ވަހީދު ވިދާޅުވީ މި މައްސަލަ ބަލައިގަތުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިންސާފަށް ނޫން ގޮތަކަށް ނިންމައިފި ކަމަށް މުސްތަފާ ވިދާޅުވެއްޖެ ކަމަށާއި އެހެންކަމުން އެ މައްސަލައިގައި އޭނާއާ މެދު ފިޔަވަޅު އަޅާންޖެހޭނެ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޖްތާޒް ފަހުމީ އާއި ޔޫސުފް ހުސެއިން އާއި އަބްދުﷲ އަރީފެވެ. ޝަރީއަތުގެ ރިޔާސަތު ބެލެހެއްތެވި ފަނޑިޔާރު މުޖްތާޒް ފަހުމީ މިއަދު އަޑުއެހުން ނިންމަވާލެއްވީ ދެން އަޑުއެހުމެއް އޮންނަ ދުވަހެއް ފަހުން އަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ