ޗެކް ބައުންސް މައްސަލަ މުސްތަފާގެ މައްޗަށް ސާބިތު ނުވާ ކަަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ) ދޫކުރެއްވި ކަމަށް ބުނާ ޗެކުތަކެއް ބައުންސްވެގެން އޭނާގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކުރި މައްސަލަ ސާބިތުނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.މުސްތަފާ މައްސަލައިގައި ހުކުމް އިއްވަވަމުން ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިން ދެއްކި ވާހަކަތަކާއި ޑޮކިއުމެންޓުތަކާ ދިމާނުވާ ކަމަށެވެ. އަދި ހެކިބަސް ދިން ގޮތާއި ޑޮކިއުމެންޓްތަކާ ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. ގާޒީ ވިދާޅުވީ ޗެކް ބައުންސް މައްސަލައެއް ސާބިތު ކުރުމުގައި އެފަދަ މައްސަލައެއް ސާބިތުވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ އުންސުރުތަކަށް ބަލަންޖެހޭ ކަމަށެވެ. އަދި މުސްތަފާގެ މައްސަލައިގައި އެ އުންސުރުތައް ހަމަނުވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެހެންކަމުން ދައުލަތުން މުސްތަފާގެ މައްޗަށް ކުރި "އެކައުންޓުގައި ފައިސާނެތި ޗެކު ދޫކޮށް އެ ޗެކުގައިވާ އަދަދަށް ފައިސާ ނުދެއްކުމުގެ ކުށް" ސާބިތުނުވާ ކަމަށް ކަނޑައެޅީ ކަމަށް ގާޒީ ވިދާޅުވި އެވެ.ހުކުމުގެ އިތުރުން ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އިތުރު ވާހަކައެއް ނުދައްކަވަ އެވެ. ނަމަވެސް ވިދާޅުވީ މައްސަލައިގައި ފާހަގަ ކުރެވުނު ނުކުތާތައް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި އޮންނާނެ ކަމަށެވެ.ގާޒީ ހުކުމް އިއްވެވުމާއެކު، ދަށު ކޯޓުތަކުގެ ފަނޑިޔާރުން ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މުސްތަފާ ވަނީ ގާޒީ އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވައިފަ އެވެ. އަދި ބޭރަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވެސް މުސްތަފާ ވަނީ ފަނޑިޔާރުންނަށް ޝުކުރު ދަންނަވައިފަ އެވެ.އެ މައްސަލައިގައި މުސްތަފާގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ، ފަހުން ދޭ ގޮތަށް މުސްތަފާ މީހެއްގެ އަތުން އެކި ފަހަރުމަތިން ފައިސާ ނެންގެވުމަށް ފަހު އެ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން ޗެކުތަކެއް ދެއްވި ކަމަށެވެ. އެއީ 530،705ރ. ގެ ޗެކަކާއި 530،300ރ. ޗެކަކާއި 301،975ރ. ގެ ޗެކަކާއި 120،000ރ. ޗެކެއް ކަމަށް އެ ދައުވާގައި ބުނެ އެވެ. ނަމަވެސް އެ ހުރިހާ ޗެކެއް ވެސް ބައުންސްވެފައިވާ ކަމަށާއި ގާނޫނުގައިވާ ގޮތުގެ މަތިން ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދިނުމަށް އެދި މުސްތަފާ އަށް ލިޔުމެއް ދިނުމުން ވެސް މިހާތަނަށް އެ ފައިސާ ލިބިފައިނުވާ ކަމަށް އެ ދައުވާގައި ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ