ހައުސިން ފަންޑަށް ފައިސާ ހޯދުމަށް ދޫކުރި ހަތަރު ރަށުން ފައިސާ ލިބުނީ އެންމެ ރަށަކުން

ހައުސިން ފަންޑަށް ފައިސާ ހޯދުމަށް ހަތަރު ރަށް ރިސޯޓުގެ ގޮތުގައި ތަރައްގީކުރުމަށް ހުޅުވާލައިގެން ލިބިފައި ވަނީ އެންމެ ރަށަކުން ހަތަރު މިލިއަން ޑޮލަރު ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހައުސިން ފަންޑަށް ފައިސާ ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން މޭ މަހު ބީލަމަށްލީ ނ. ފުށިވެލާވަރާއި ހުއިވަންޏާއި ރާފުށި އަދި ރ. ދިގަލީގެ ތެރެއިން ތިން ރަށެއްގެ ބީލަން އެކި މަރުހަލާތަކުގައި ބާތިލްވެފައިވާއިރު، ފަންޑަށް ފައިސާ ލިބިފައިވަނީ ފުށިވެލާވަރުން އެކަންޏެވެ. ތިން ވަނަ އަށް އެންމެ ގިނަ މާކްސް ހޯދައިގެން އެ ރަށުގެ ބީލަން ކާމިޔާބުކުރީ ރޮލްފް. އީއެމް. ބާތޯލް އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެކުއިޒިޝަން ކޮސްޓްގެ (ރަށުގެ މިލްކުވެރިކަމުގެ އަގު) ގޮތުގައި ރޮލްފް ހުށަހެޅި ހަތަރު މިލިއަން ޑޮލަރު ( 51.4 މިލިއަން ރުފިޔާ) ސަރުކާރަށް ދެއްކުމުން އޭނާ އަށް ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. އޭނާ އަށް 200 އެނދުގެ ރިސޯޓެއް ތަރައްގީކުރުމަށް ފުށިވެލާވަރު ކުއްޔަށް ދިނީ ދިހަ އަހަރު ދުވަހުގެ ކުލި އަހަރަކު އެނދަކަށް ގާތްގަނޑަކަށް 2،700 ޑޮލަރަށް، 25 އަހަރު ދުވަހުގެ މުއްދަތަށެވެ.
"އެ ހަތަރު ރަށުގެ ތެރެއިން ފައިސާ ލިބުނީ ފުށިވެލާވަރަށް އެކަނި. އަނެއް ތިން ރަށް އަލުން ބީލަމަށް ލުމާ ގުޅޭ ގޮތުން ނިންމާފައިވާ ވަކި ގޮތެއް އަދި ނޭނގޭ،" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
މިނިސްޓްރީން ބުނީ ނ. ހުއިވަންޏާއި ރ. ދިގަލީގެ ބީލަން ކުރިން ބާތިލުކޮށްފައިވާއިރު، ބީލަމުގައި ތިން ވަނަ އަށް އައިސްގެން ރާފުށީގެ ބީލަން ކާމިޔާބުކުރުމުގެ ފުރުސަތު ލިބުނު އެސްޕީއޭ (މޮރިސް) ލިމިޓެޑުން ވެސް އެމީހުންނަށް ދިން މުއްދަތުގައި ފައިސާ ދައްކާފައި ނުވާ ކަމަށެވެ.
ހަތަރު ރަށުގެ ބީލަމުގައި ބައިވެރިވި ފަރާތްތަކުން، އެންމެ މަތީ އަގެއްގެ ގޮތުގައި ކޮންމެ ރަށަކަށް ހަތް މިލިއަން ޑޮލަރު ހުށަހެޅި އެވެ. ކޮންމެ ރަށަކުން އެ އަދަދަށް ފައިސާ ލިބުނު ނަމަ ހައުސިން ފަންޑަށް ޖުމްލަ 28 މިލިއަން ޑޮލަރު ( 360 މިލިއަން ރުފިޔާ) ލިބޭނެކަމުގެ އުއްމީދު ކުރިން އޮތެވެ.
ގެދޮރު އެޅުމުގެ ޕްރޮގްރާމް ހިންގުމަށް ސަރުކާރުން ގާއިމުކުރާ، ހައުސިން ފަންޑަށް ފައިސާ ހޯދުމަށް ޖުމްލަ އަށް ރަށް ރިސޯޓުގެ ގޮތުގައި ތަރައްގީކުރަން ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ރަށްތައް ދޫކުރަނީ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަށް ބީލަން ކާމިޔާބުވާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ