ކޯޓުތަކުގެ އާންމު އިދާރީ ކަންކަން ރާވައި ބެލެހެއްޓުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލާޒިމުކޮށްފައިވާ، އެ ކޮމިޝަނުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) ސުޕްރީމް ކޯޓުން އުވާލިތާ 10 މަސް ފަހުން އެ ނިންމުމަށް އަމަލުކުރުމަށް ޖޭއެސްސީން ބުރާސްފަތި ދުވަހު ނިންމައިފި އެވެ.
ޖޭއެސްސީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ޑިސެމްބަރު ،2 2008 ގައި އެ ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) އުވާލާފައިވާތީ އެ މާއްދާގައި ބަޔާންކޮށްފައިވާ "އެންމެހައި ކަންކަން މީގެ ފަހުން މި ކޮމިޝަނުން ނުކުރުމަށް" ނިންމާފައިވާ ކަމަށެވެ.
"މި ކޮމިޝަނުން މި ގޮތަށް އަމަލުކުރަން ނިންމީ ޝަރުއީ ދާއިރާގެ މިނިވަން މުސްތަގިއްލުކަން ދެމެހެއްޓުމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވާ މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި ވެސް ދެމެހެއްޓުމަށްޓަކައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުން އެ މާއްދާ އުވާލި ފަހުން ވެއަތުވެ ދިޔަ 10 މަސް ތެރޭގައި ވެސް ޖޭއެސްސީން ދިޔައީ އެ މާއްދާގައިވާ ގޮތަށް ކަންކަން ކުރަމުންނެވެ. އެ މާއްދާގައި ބުނެފައިވަނީ އަދުލް އިންސާފު ގާއިމްކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ހިންގައި ބެލެހެއްޓުމަކީ ޖޭއެސްސީގެ ބާރާއި މަސްއޫލިއްޔަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެ ގޮތުން އާންމު އިދާރީ ކަންކަމުގެ ތެރޭގައި ހަ ކަމެއް ފާހަގަކޮށްފައިވެ އެވެ.
އެ މާއްދާ އުވާލުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ ނިންމުމުގައި ބުނެފައިވަނީ އަދުލް އިންސާފު ގާއިމްކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހައި ކަންތައްތައް ރައްކާތެރިކޮށް އިދާރީ ހިންގުމާ ބެހޭ ގަވާއިދުތައް ހެދުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނު އަސާސީގެ 156 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. އަދި އަދުލް އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓުކަމަށާއި ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރުކަމަށް ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ށ. ގައި ބުނެފައިވާ ކަމަށް ވެސް އެ ނިންމުމުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން އެ މާއްދާގެ ނ. ގައި އަމިއްލަ ފަރުދެއް ނަމަވެސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާހަދައިގެން ނުވާނެ ކަމަށް ސާފު ބަހުން ބުނެފައިވާ ކަމަށެވެ. އަދި އެ ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާގެ ބ. އެކަށައަޅާފައިވަނީ އެ ކަންކަމަށް އެއްވެސް ވަރަކަށް ރިއާޔަތްނުކޮށް ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވެ އެވެ.
އެ މާއްދާ އުވާލުމަށްފަހު އުއްތަމަ ފަނޑިޔާރުވަނީ، އަދުލް އިންސާފު ގާއިމުކުރުމުގެ ބާރުގެ އިދާރީ ހިންގުމާ ބެހޭ ގޮތުން ސިޔާސަތުތައް އެކަށައެޅުމަށް "ޖުޑީޝަލް ކައުންސިލެއް" އުފައްދަވައިފަ އެވެ.
ޖޭއެސްސީ ގާނޫނުގެ 21 ވަނަ މާއްދާގެ ބ. ސުޕްރީމް ކޯޓުން އުވާލާފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ، ޖުޑިޝަރީ ހިންގުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ކަނޑައެޅި ބަޖެޓު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ދީފަ އެވެ. އަދި އެ ޑިޕާޓްމަންޓުގެ މުވައްޒަފުން ވެސް ޖޭއެސްސީ އަށް ބަދަލުކުރުމަށް މަޖިލީހުން ވަނީ ނިންމައިފަ އެވެ.
މަޖިލީހުގެ އެ ނިންމުމާ ދެކޮޅަށް، ރާއްޖޭގެ އެންމެ ފުންނާބު އުސް ގާނޫނީ ވަކީލުން ކަމަށްވާ، ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ. މުނައްވަރާއި އައިޝަތު އާޒިމާ ޝުކޫރާއި ޑރ. ހަސަން ސައީދާއި ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު މުހައްމަދު ނަޝީދާއި އުވިދިޔަ ހާއްސަ މަޖިލީހުގެ ނައިބު ރައީސް ޝާހީން ހަމީދާއި ކުރީގެ ޖަސްޓިސް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ޕެޓިޝަނެއް ތައްޔާރުކޮށް ދައުލަތުގެ ބައެއް މުއައްސަސާތަކަށް ފޮނުއްވައިފަ އެވެ.
ކޯޓުގެ އިދާރީ ހިންގުން ޖޭއެސްސީ އަށް ލާޒިމުކޮށްފައިވާ މާއްދާ ސުޕްރީމް ކޯޓުން އުވާލިތާ 10 މަސް ފަހުން އެ ނިންމުމަށް އަމަލުކުރަން ނިންމައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ