އިމްތިޔާޒުގެ ބިލް ތަސްދީގުކުރެއްވުމަށް ފެނިވަޑައިނުގަންނަވާ ކަމަށް މެމްބަރު ނަޝީދު ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ބިލް ތަސްދީގުކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަމީން އާންމު އަދި ކުރީ ސަރުކާރުގެ ލީގަލް ރިފޯމް މިނިސްޓަރުކަން ކުރެއްވި ނަޝީދު އިއްޔެ ވިދާޅުވީ އިމްތިޔާޒުގެ ބިލްގައި ކަންބޮޑުވާންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެ ގޮތުން މެމްބަރުންނަށް ލިބެންވާ ފަސޭހަތަކާއި އިނާޔަތްތަކާއި ފައިދާތަކާއި މަންފާތައް އިމްތިޔާޒުގެ ބިލްގައި ހިމެނުއްވުމަކީ ބޮޑުވަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އިމްތިޔާޒުގެ ބިލް ތަސްދީގުކުރައްވަން ފެނިވަޑައިނުގަންނަވާ އަނެއް ސަބަބަކީ ޖިނާއީ އެކިއެކި ގާނޫނުތައް ހިންގުމަށް ހުރަސްއެޅޭ ގޮތަށް އެ ބިލްގައި ކަންކަން ހުރުން ކަމަށެވެ.
ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ އިމްތިޔާޒުގެ ބިލް އެކުލެވިފައިވާ ގޮތުން ވިސްނަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. ނަމަވެސް އެ ބިލް ތަސްދީގުކުރައްވާނީތޯ ނުވަތަ ނޫންތޯ ރައީސް މުހައްމަދު ނަޝީދު ނުނިންމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިނާޔަތްތަކާއި އިމްތިޔާޒުތައް ލިބެންޖެހޭނެ ކަމަށެވެ. ނަމަވެސް "މަޖިލީހުން މި ފަހަރު ކަންކުރި ގޮތް އަދި ދަނޑިވަޅު ރަނގަޅެއް ނޫން،" ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި އިމްތިޔާޒުގެ ބިލު ފާސްވީ 44 މެމްބަރުންގެ ތާއީދާއެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ