ރިޔާސީ އިންތިހާބު 2008: ވޯޓުލުން އޮކްޓޯބަރު 4 ގައި ބާއްވަން މަސައްކަތްކުރަނީ

ރިޔާސީ އިންތިހާބުގެ ވޯޓުލުން އަންނަ މަހުގެ ހަތަރެއްގައި ބޭއްވުމަށް ގަސްދުކުރާ ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފި އެވެ.
ދަރުބާރުގޭ "ފަންސަވީސް"ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު އިބްރާހިމް ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އިންތިހާބާ ބެހޭ ބިލާއި ރިޔާސީ އިންތިހާބުތަކާ ބެހޭ ބިލު އަދި ސުޕްރީމް ކޯޓު މި ހަފުތާގެ ތެރޭގައި ގާއިމުކޮށްފިނަ އޮކްޓޯބަރު ހަތަރެއްގައި އިންތިހާބު ބާއްވާން ގަސްދުކުރައްވާ ކަމަށެވެ. އަދި މި ހަފުތާގެ ތެރޭގައި އެ ދެ ގާނޫނު ފާސްކޮށް ތަސްދީގުކޮށް، ސުޕްރީމް ކޯޓު އުފައްދައިފި ނަމަ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގެ ތެރޭގައި ހުޅުވައިލާނެ ކަމަށެވެ.
"ވޯޓުލުމާ މެދު އާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. އަދި ވޯޓުލުމަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓެއް އާއްމުކޮށްފައިވޭ. އަދި އެ ލިސްޓަށް ހުށަހެޅުނު އިސްލާހުތައް ބަލަމުން އެބަގެންދަން،" އޭނާ ވިދާޅުވި އެވެ. "ރިޔާސީ އިންތިހާބުގެ ގަވައިދު އެކުލަވާލުމުގެ މަސައްކަތްކުރަމުން އެބަދޭ."
މުހައްމަދު އިބްރާހިމް ވިދާޅުވީ ވޯޓުލާ މީހުންގެ އިނގިލީގައި ފާހަގަޖެހުމަށް އިނގިރޭސިވިލާތުން މާކަރު ގެނެސްފައިވާ ކަމަށެވެ.
"އެ ފާހަގަ ނިޔަފައްޗާއި ނިޔަރޮއްޖާއެކު ޖެހުމުން ނުފޮހުވޭނެކަން ޔަގީން،" އޭނާ ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ޝާހިދު )ސާބެ( ވިދާޅުވީ އިންތިހާބު ބޭއްވުމުގެ ކުރިން ކެންޑިޑޭޓުންނަށް ކެމްޕޭނުކުރުމަށް ދެވޭނީ 10 ދުވަހުގެ މުއްދަތެއް ކަމަށެވެ. އަދި ދެވަނަ ބުރުގެ އިންތިހާބެއް ބާއްވަންވެއްޖެ ނަމަ އޮކްޓޯބަރު 10ގެ ކުރިން ބޭއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުގެ ގަވައިދުގައި ކެމްޕޭނުކުރުމަށް 30 ދުވަސް ދޭންޖެހޭ ކަމަށް ބުނެފައިވޭ. ނަމަވެސް ޓްރާންސިޝަނަލް ޕީރިއަޑްގައި އެ މުއްދަތު ވަނީ 10 ދުވަހަށް ކުރުކޮށްފައި. އަދި ރަން އޮފް )ދެވަނަ ބުރު( އަކަށް ދާންޖެހިއްޖެ ނަމަ އެ މުއްދަތު ވެސް ވަނީ ކުރުކޮށްފައި. އެހެންކަމުން މި ހަފުތާގެ ތެރޭގައި އެ ގާނޫނުތައް ތަސްދީގުކުރެވިއްޖެ ނަމަ މިހާރު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބު ބޭއްވޭނެކަން ޔަގީން،" އޭނާ ވިދާޅުވި އެވެ.
ސާބެ ވިދާޅުވީ ކެންޑިޑޭޓުންގެ ލިސްޓް އާއްމުކުރުމާ އެކު ކެމްޕޭނުކުރުމަށް 10 ދުވަހުގެ ފުރުސަތު ދެވޭނެ ކަމަށެވެ. އަދި އިންތިހާބުގެ ދުވަސްތައް ކަނޑައެޅޭނީ އިންތިހާބުތަކާ ބެހޭ ގާނޫނު މަޖިލީހުން ފާސްވުމުން ކަމަށެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރު އަލީ ފާއިޒު ވިދާޅުވީ މިހާތަނަށް ހުށަހެޅިފައިވާ ޝަކުވާތަކަށް ބަލައި މި ފަހަރު ވޯޓުލާ ނިމުމުން ގުނާނީ ވޯޓުނަގާ ތަނެއްގައި ކަމަށެވެ. އަދި އެ ގުނާ ތަނެއްގެ ކައިރީގައި އޮބްޒާވަރުންނަށް ތިބުމުގެ ފުރސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތްކުރަނީ މީގެ ކުރިން ހުށަހެޅިފައިވާ ޝަކުވާތަކުގެ އަލީގައި،" އޭނާ ވިދާޅުވި އެވެ.
ސާބެ ވިދާޅުވީ ދެ ފަހަރަށް ވޯޓުލުން ހުއްޓުވުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރަމުން ގެންދާ ކަމަށެވެ.
"މި ބަލަނީ ތިކަމަށް ހައްލެއް ހޯދޭތޯ. އަދި ތިކަން ހައްލުކުރުމަށް ވަކި ގޮތެއް ނުނިމޭ،" އޭނާ ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 209،000 މީހުން ތިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"މިހާތަނަށް އެ ލިސްޓަށް 702 އިސްލާހު ހުށަހެޅިފައިވޭ. މިހާރު އޮތް ލިސްޓް ދެ ބަހުން ނެރުމުގެ މަސައްކަތް ވެސް ކުރަމުން އެބަގެންދަން،" އޭނާ ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމަށް ޗާޕުކުރާ ކަރުދާހުގެ އަދަދާއި ވޯޓުލުމަށްފަހު ބާކީވާ ކަރުދާހުގެ އަދަދުވެސް ހާމަކުރާނެ ކަމަށެވެ. އަދި މިފަހަރުގެ އިންތިހާބަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
00: 11
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވައިލައި އޮކްޓޯބަރު 4 ގައި އިންތިޚާބު ބާއްވަން ގަސްތުކުރާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
މިއަދު ހެދުނު ބޭއްވި ޕްރެސްކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަނަރު މުހައްމަދު އިބްރާހިމް ވިދާޅުވީ ވޯޓް ނަގާ ތަނުގައި ނަތީޖާ އިއުލާން ކުރާނެ ކަމަށާއި މިފަހަރު ވޯޓްލާ މީހުން ފާހަގަކުރަން ޖަހާ މާކަކީ ނުފޮހެވޭނެ މާކެއް ކަމަށެވެ.
(ތަފުސީލު އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ