ރިޔާސީ އިންތިޚާބު 2008: ކިތަންމެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވި ނަމަވެސް އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށް މައުމޫން ވިދާޅުވެއްޖެ

ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ކިތަންމެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވި ނަމަވެސް އެ އިންތިޚާބު ކާމިޔާބުކުރައްވާނީ، ޑީއާރްޕީގެ ކެންޑިޑޭޓް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ ރަނިންމޭޓް އަހްމަދު ތަސްމީން އަލީ ކަމަށް، ޑީއާރްޕީގެ ޒައީމް މައުމޫން ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިއާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމުގެ ގޮތުން އެ ދެ ބޭފުޅުން އެކުގައި މިހާރު ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ނައިފަރުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަމުން ޒައީމް މައުމޫން ވިދާޅުވީ، މިހާރު ވެސް 12 ޕާޓީ އުފެދިފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ޕާޓީތަކުން ކެންޑިޑޭޓުން ވާދަކުރައްވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. ގިނައީ ކެންޑިޑޭޓުން ގިނަވި ވަރެއް ކަމަށާއި ނަމަވެސް ކިތަންމެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވި ނަމަވެސް، މައުމޫނާއި ތަސްމީން މިއިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށެވެ.
"ދަންނަވަން މި އުޅެނީ، ނިކަން ރީތިކޮށް ވާދަކުރައްވައިގެން ހަގީގަތުގެ މައްޗަށް ބިނާކުރައްވައި ވާހަކަދައްކަވައިގެން ތިޔަ ބޭފުޅުންނަށް ކުރެއްވުނު ވަރެއް ކުރައްވާށޭ. އެކަމަކު ދަންނަވަންތޯއޭ އިރާދަފުޅުކުރެއްވިއްޔާ މާތް ﷲގެ ވާގިފުޅާ އެކު އަޅުގަނޑާއި އަހްމަދު ތަސްމީން އަލީ މި އިންތިޚާބު ކާމިޔާބުކުރާނަމޭ."
ނައިފަރު މަދަރުސަތުލް އިފްތިތާހްގެ ޖަލާލުއްދީން މާލަމަށް އެއްވެ ތިބި 400 އަށް ވުރެ ގިނަ މީހުންނާ މުޚާތަބްކުރައްވައި މައުމޫން ވިދާޅުވީ އެ މަނިކުފާނުގެ ކެމްޕޭންގެ ދަތުރުތަކުގައި ވެއަތުވެ ދިޔަ 30 އަހަރުގެ ވާހަކަ ދައްކަނީ އެންމެ ބޭނުމެއްގައި ކަމަށެވެ. އެއީ އެ މަނިކުފާނުގެ ސަރުކާރަކީ ކާމިޔާބު ހާސިލުކޮށްފައިވާ ސަރުކާރެއްކަން ސާބިތުކޮށްދިނުން ކަމަށެވެ.
"އެހެންވީމާ މި ކަހަލަ ސާބިތު ބަޔަކަށޭ ކުރިއަށް އަޮތް ތާނގައި ރާއްޖެ އިތުރު އުސްމިންތަކަކަށް ގެންދެވޭނީ. އެ ނޫން ބަޔަކަށް ނުގެންދެވޭނޭ ދަންނަވަންވެގެން ދައްކާ ވާހަކައެއް. ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން ބޭނުންވަނީ އިތުރު އުސްމިންތަކެއް ހާސިލުކުރަން. ހުރިހާ ދާއިރާއަކުން ވެސް."
"އަޅުގަނޑަކީ އެއް ގޮތަކަށް ވެސް މޮޅު މީހެއް ކަމަށް ދަންނަވާކަށް ނެތިން. އެހެން ނަމަވެސް އަޅުގަނޑަކީ މި ވޭތުވެދިޔަ 30 އަހަރުދުވަހުގެ ތެރޭގައި މި މަގާމުގައި ހުރެގެން، އިރާދަކުރެއްވީތީ ރާއްޖެ އަށް ވަރަށް ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ މީހެއް. އެހެންވީމާ، އެކަމަށްޓަކައި ތިޔަ ބޭފުޅުން، އަޅުގަނޑާއި އަހްމަދު ތަސްމީން އަލީއާ މިއީ މޮޅު ޓީމެއް ކަމަށް ގަބޫލުކުރައްވާނެ،" ޒައީމް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، މިހާރު ރާއްޖެ މި ހޯދާފައިވާ ކުރިއެރުންތަކުގެ ސަބަބުން ކޮންމެވެސް ކަހަލަ ނުތަނަވަސްކަމެއް އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ ކަމަށް ވިދާޅުވި އެވެ. އަދި އެހެން ދިމާވާ ސަބަބަކީ، އަޅުގަނޑުމެންގެ ތެރެއިން އެއް ބަޔަކު ކުރިއެރުމުގެ ސޯބު ފަހަތަށް އަނބުރަން ބޭނުންވުން ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މި ތިބީ 21 ވަނަ ގަރުނުގައި. އެހެން ނަމަވެސް އެމީހުން ބޭނުންވަނީ އެތައް ސަތޭކަ އަހަރެއް، އަޅުގަނޑުމެން ފަހަތަށް ގެންދަން. މި ވޭތުވެ ދިޔަ ތާނގައި ހޯދާފައިވާ ސިޔާސީ ކާމިޔާބީތައް، މިސާލަކަށް ގިނަ ޕާޓީތަކެއް އުފެދުން، އިންސާނީ ހައްގުތައް ރައްކާތެރިކޮށްދިނުން، މީޑިއާގެ މިނިވަންކަން، ރައްޔިތުންގެ އަސާސީ ހައްގުތައް ފުޅާކުރުން، މި ކަންތައްތަކަށް މި ދެންނެވި މީހުން އެބަ ހުރަސްއަޅާ. އެކަންތައްތައް ނައްތާލެވޭތޯ އެބަ މަސައްކަތްކުރޭ."
ޒައީމް މައުމޫން ވިދާޅުވީ ދެން ތިބީ ވެސް ހަމަ އެފަދަ ބައެއް ކަމަށާއި އެ މީހުން ބޭނުންވަނީ ރާއްޖެ އަށް މި އަންނަ، ކުރިއެރުމާއި ތަރައްގީތަކާއި އިސްލާހުގެ ބޭނުން ނުބައި ގޮތުގައި ހިފަން ކަމަށެވެ. އެ ގޮތުން އެ މީހުން ބޭނުންވަނީ ރާއްޖޭގެ އިސްލާމީ އުސޫލުތަކާއި ކާބަފައިން އަޅުގަނޑުމެންނަށް ވާރުތަކޮށްދީފައިވާ ރީތި އާދަކާދަތައް މުޅިން އުވާލައި ބޭރުގެ އެހެން ދީންތަކުގެ ނުފޫޒުތައް ރާއްޖެ އަށް ގެންނަން ކަމަށް ޒައީމް މައުމޫން ވިދާޅުވި އެވެ.
އެހެންވީމާ އަޅުގަނޑުމެން ބޭނުންވަނީ އެތައް ސަތޭކަ އަހަރެއް ފަހަތަށް ދާންތޯ، އަޅުގަނޑުމެން ބޭނުންވަނީ އިސްލާމީ އުސޫލުތައް އުވާލައި އެހެން ގޮތަކަށްއ ބަދަލުވާންތޯ އަޅުގަނޑުމެން ވަރަށް ރަނގަޅަށް އެބަ ވިސްނަންޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެއިން އެއްވެސް ގޮތެއް އަޅުގަނޑުމެން ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަހުލުވެރިންގެ ގޮތުގައި ސާބިތުކަމާ އެކީ ތިބެން. އަދި އަޅުގަނޑުމެން ރާއްޖެ ހަލުވިކަމާ އެކު ތަރައްގީގެ މަގުގައި އިސްލާހީ ކުރިއެރުންތަކެއް ހޯދަން. އެހެންވީމާ އަޅުގަނޑުމެން އެބަ ޖެހޭ، މިހާރު ރަނގަޅަށް ވިސްނާފަ ކޮން ބަޔަކުތޯ ވެރިކަމަށް ގެންނާނީ ރަނގަޅަށް އިޚްތިޔާރުކުރަން. އަޅުގަނޑުމެން ބޭނުމެއް ނުވޭ ރާއްޖެ ފަހަތަށް ގެންދާނެ ބަޔަކު ވެރިކަމަށް ގެންނާކަށް. އަޅުގަނޑުމެން ބޭނުމެއް ނޫން ރާއްޖޭގެ އިސްލާމީ އުސޫލުތަކާއި އަޅުގަނޑުމެންގެ ކާބަފައިންގެ އާދަކާދަތައް އުވާލާ ބަޔަކު ވެރިކަމަށް ގެންނާކަށް. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ މިހާރު މި އޮތް ގޮތުގައި ސާބިތުކަމާ އެކީގައި އިތުރު އުސްމިންތަކަކަށް ގެންދާނެ ބައެއް. އެހެންވީމާ އެ ބަޔަކު ތިޔަ ބޭފުޅުން އިޚްތިޔާރުކުރައްވާ."
އެކަމާ ބެހޭ ވަރަށް ގިނަ ވިސްނުންތަކެއް ވިސްނައި އޮންނާނީ މެނިފެސްޓޯގައި ލިޔެފައި ކަމަށާއި އެ މެނިފެސްޓޯ ވަރަށް އަވަހަށް ޝާއިއުކުރާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި އެ މެނިފެސްޓޯ ޝާއިއުކުރުމުން، "އަޅުގަނޑުމެން މި ދައްކަނީ ހުސް ވާހަކަތަކެއް ނޫން ކަމާއި ދޮގު ވާހަކަތަކެއް ނޫން ކަމާއި ދޮގު ހުވަފެންތަކެއް ވިއްކަނީ ނޫންކަން" ރައްޔިތުންނަށް އެނގިގެންދާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އެ މަނިކުފާނު ދައްކަވާނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހާސިލުކުރެވޭނެ ކަންތަކުގެ ވާހަކަ ކަމަށާއި އަޅުގަނޑުމެންގެ ވަސީލަތްތަކާއި މުއްސަނިކަމަށް ބަލާފައި ކުރިއަށް އޮތް ކުޑަ މުއްދަތުގެ ތެރޭގައި ކުރެވޭނެ ކަންތަކުގެ ވާހަކަ ނޫނީ ނުދައްކަވާނެ ކަމަށެވެ.މަސްތުވާ ތަކެތީގެ މައްސަލަ އަށް އަލިއަޅުވާލައްވަމުން ވިދާޅުވީ ކުރިއަށް ފަސް އަހަރުގެ ތެރޭގައި އެ މައްސަލަ ހައްލުކުރުމަށް ވެސް ކަންތައްތަކެއް ރާވާފައިވާ ކަމަށާއި އެ ގޮތުން ޑްރަގް ލޯއެންފޯސްމެންޓް އޭޖެންސީއެއް އުފެއްދެވުމާއި އިތުރު އެއްހާސް މީހުންގެ ޖާގައިގެ ރީހެބްތައް ހެދުމާއި ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް ހަރުކަށި އަދަބު ދީގެން އެކަންތައް ހުއްޓުވުން ހިމެނޭ ކަމަށް ވެސް މައުމުން ވިދާޅުވި އެވެ.
މީގެ އިތުރުން ވިޔަފާރީގައި އެއް ބައެއްގެ ކޮންޓްރޯލް އޮތުން ހުއްޓުވުމަށްޓަކައި އެންޓި ޓްރަސްޓް ގާނޫނެއް ހަދައި ވަކި ބައެއްގެ އޮތުގައި ވިޔަފާރީގެ ބާރު އޮންނަ އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ޑީއާރްޕީގެ ޒައީމް މައުމޫން ރޭ ނައިފަރަށް ވަޑައިގެންނެވި އިރު އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހަތަރު ސަތޭކައެއްހާ މީހުން އެ ރަށު ބަނދަރު މައްޗަށް އެއްވެ ތިއްބެވެ. އަދި އިދިކޮޅު އެމްޑީޕީގެ ވިއްސަކަށް މީހުން އެމްޑީޕީގެ ދިދަ ހިފައިގެން ތިބެ ރައީސް މައުމޫންގެ އިސްތިއުފާ އަށް ގޮވަމުން ދިޔަ އެވެ. އަދި ރައީސް
މައުމޫނާ ދެކޮޅަށް ލިޔެފައި ހުރި ފޮތިގަނޑުތަކާއި އެ މަނިކުފާނަށް ތާއީދުކޮށް ލިޔެފައި ހުރި ފޮތިގަނޑުތައް ބަނދަރުމަތީގަ އާއި ރަށުގެ ބޮޑެތި މަގުތަކުގައި ދަމާފައި ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ