ރިނބުދޫ ކައުންސިލުން ދ. މީދޫ ދާއިރާގެ މެމްބަރާ ބައްދަލުކޮށްފި

ދ. ރިނބުދޫ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުހައްމަދާ މިއަދު ބައްދަލުކުރަށްވައިފިއެވެ. ރިނބުދޫ ކައުންސިލްގެ ރައީސް އަޙްމަދު އިޤުބާލް ޢަބްދުލްޤައްޔޫމް "ސަން" އާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ މައިގަނޑު ދެ ކަމެއްކަމަށެވެ. އެގޮތުން ކުރިންވެސް މަޝްވަރާކުރެވިފައިވާ ފަދައިން ރިނބުދޫ ސްކޫލުގައި ހަތަރު ކްލާސްރޫމް އެޅުމުގެ މަޝްވަރާ ކުރެވުނުކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. "ކްލާސްރޫމްތައް މިއަހަރުތެރޭ ނިންމައިދޭނެކަމަށް ވިދާޅުވި،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސިޔާމްގެ އަމިއްލަ ޚަރަދުގައި އެރަށުގައި ޤާއިމްކުރާ ޖެޓީގެ މަސައްކަތް ވެސް މިއަހަރުގެ ތެރޭގައި ފައްޓަވައިދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ވެސް ދެއްވާފައިވާ ކަމަށެވެ. "މިރަށުގެ ޖެޓީގެ މަސައްކަތް އަންނަ ރޯދަމަހުގެ ފަހުން ފަށަން ހަމަޖެހިފައިވާކަމަށް މެމްބަރު ސިޔާމް ވިދާޅުވި،" އިޤުބާލް ވިދާޅުވިއެވެ. މީގެ ކުރިން ވެސް ސިޔާމް ވަނީ ރިނބުދޫ ސުކޫލަށް ބޭނުންވާ ކްލާސްރޫމްތަކެއް އަމިއްލަ ޚަރަދުގައި ބިނާކޮށްދެއްވައިފައެވެ. އަދި އެ ރަށުގައި ބަނދަރު ހެދުމުގެ ކުރިން އެ ރަށު ރައްޔިތުން ބޭނުން ކުރަމުން އައި ތޮށިގަނޑު ޖެހުމަށް ވެސް ބޮޑު އެހީތެރިކަމެއް ވެދެއްވައިފައިވެއެވެ. މި ނޫނަސް އެރަށުގެ ތަރައްޤީއަށް ބޭނުންވާ އެކި ކަންކަމުގައި ސިޔާމް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ