އަމީނީ މަގު ހަދަން ބޮޑު އަގުގައި އާރްޑީސީއާ ހަވާލުކުރި މައްސަލަ އޭސީސީއަށް ހުށަހަޅަނީ

މާލޭގެ އަމީނީ މަގުގައި ތާރުއެޅުމަށް ދެގުނަ ބޮޑުކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކޮށް، މާލޭ ސިޓީ ކައުންސިލުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅަން ނިންމައިފިއެވެ. އެގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދަޅުވީ، 39 މިލިއަން ރުފިޔާއަށް ކުރިއަށްގެންދަން ނިންމާފައި އޮތް މަޝްރޫޢުއެއް އެ ކައުންސިލްގެ އަތުން އަތުލައި 84 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކުރުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ކުރެވޭ ތުހުމަތުތައް ސާފުކުރުމަށް އެ މައްސަލަ އޭސީސީއަށް ހުށަހަޅާނެ ކަމަށެވެ. "39 މިލިއަނަށް އެއްބަސްވެފަ އޮތްކަމެއް 84 މިލިއަން ރުފިޔާއަށް މަސައްކަތް ކުރަން ހަވާލުކުރީމަ އެއީ ރައްޔިތުންގެ ފައިސާއިން ވެވޭ ވަރަށް ބޮޑު އިސްރާފަކަށް އެބަވޭ،" މޭޔަރު ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ މަގު ހެދުމުގެ އެއްބަސްވުން ބާތިލުކޮށްފައިވަނީ ގާނޫނާ ޚިލާފަށްކަމަށެވެ. ޕްލޭނިން މިނިސްޓްރީން އެ އެއްބަސްވުން ބާތިލުކޮށްފައިވަނީ ސިޓީއެއް މެދުވެރިކޮށްކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. "އެގްރީމެންޓެއް ހެދިފަ އެބައޮތް. އެގްރީމެންޓް އޮތީ ހިނގަ ހިނގާ. އެގްރީމެންޓްގެ ދަށުން މަސައްކަތްތަކެއް ވެސް ކުރެވި ފައިސާކަތެއް ވެސް ޚަރަދުކުރެވި އޮންގޮއިން މަޝްރޫއެއް. މިހެން އޮތް ކަމެއްގަ މި އަންނަ ސިޓީން އެކަނި މަސައްކަތް މި ކެންސަލްވަނީ،" މޭޔަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނުން ވެސް، މާލިއްޔަތު ގާނޫނުން ވެސް އަދި ކޮންޓްރެކްޓާ ބެހޭ ގާނޫނުން ވެސް ސިޓީއެއް މެދުވެރިކޮށް އެއްބަސްވުމެއް އުވާލުމުގެ ހުއްދަ ނުދޭކަމަށެވެ. އެހެންކަމުން އެ އެގްރީމަންޓް ގާނޫނާ ޚިލާފަށް ބާތިލްކޮށްފައިވާތީ އެ މައްސަލައިގައި ކޯޓު މަރުހަލާއަކަށް ދާން ވެސް މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. މާލޭ ސިޓީ ކައުންސިލްގެ ބެލެނިވެރި ފަރާތަކީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ވުމުން އެލްޖީއޭއާ އެކު އެކަމުގައި މަޝްވަރާކޮށް، މައްސަލަ ހިނގައިދިޔަގޮތުގެ ތަފްސީލު ސިޓީއެއް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަން ވަނީ ނިންމާފައެވެ. މީގެ އިތުރުން އެ މައްސަލަ ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމީޓިއަށް ހުށަހަޅަށް ވެސް ވަނީ ނިންމާފައެވެ. މި މަޝްރޫއު މާލޭ ސިޓީ ކައުންސިލްގެ އަތުން އަތުލާފައިވަނީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށްކަމަށް މޭޔަރު ޑރ. މުއިއްޒު ވިދާޅުވިއެވެ. ޕްލޭނިން މިނިސްޓްރީއާއި އާރުޑީސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ ޕީޕީއެމް ކައުންސިލެއްގައި އަމީނީ މަގު ރަނގަޅު ފެންވަރަކަށް ހަދަން ބޭނުން ނުވާ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިކަމަށެވެ. އަދި މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތާ މިނިސްޓްރީން ހަވާލުވީ ޕީޕީއެމްގެ ކައުންސިލެއް އޮތްހާހިނދަކު, އެ މަގު ރަނގަޅު ފެންވަރަކަށް ނަހަދާނެކަން އެނގޭތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެވާހަކަ ޑރ. މުޢިއްޒު ވަނީ ދޮގުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ