އަތޮޅުތެރެއިން ރައްޔިތުން މާލެ ގެނެސް މަގުމަތި ކޮށްފި - ޚަލީލް

ޤާނޫނު އަސާސީގެ ދިފާޢުގައި ދިވެހިންގެ ނަމުގައި ޖުމްހޫރީ ޕާޓީއާއި އެމްޑީޕީއިން އިއްޔެ ބޭއްވި މުޒާހަރާގައި ބައިވެރިވުމަށް އަތޮޅުތެރެއިން މާލެއަށް ގެނައި ރައްޔިތުން ވަނީ މަގުމަތިކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޚަލީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ޖުމްހޫރީ ޕާޓީއާއި އެމްޑީޕީ ގުޅިގެން މާލޭގައި އިއްޔެ ބޭއްވި އެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަނީ ރައްޔިތުން މާލެއަށް އައިސްފައެވެ. އަދި އެފަރާތްތަކަށް މާލޭގައި ހުރުމާއި ކެއުމުގެ އިންތިޒާމު، ޖުމްހޫރީ ޕާޓީއާއި އެމްޑީޕީއިން ހަމަޖައްސާނެ ކަމަށް އެ ދެ ޕާޓީއިން ބުނެފައިވެއެވެ.
އަދި، މާލެ ސިޓީގެ މޭޔަރ މުހައްމަދު ޝިހާބު އިއްޔެ ވިދާޅުވެފައި ވަނީ، މާލޭގައި ހޭދަކުރާ ދުވަސްތަކުގައި އުފަލުގައި އުޅުމަށް އެދޭކަމަށެވެ.
“މިއީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. ރާއްޖޭގެ ކަންކަމުގައި މާލޭގެ ރައްޔިތުންނާ ގުޅިގެން ރާއްޖޭގެ ހުރިހާ ބޭފުޅުން ބައިވެރިވުމަކީ އުފާކުރާ ކަމެއް،” މޭޔަރ ޝިހާބް ވިދާޅުވިއެވެ.
ޝިހާބު ވިދާޅުވީ އަތޮޅުތެރެއިން މާލެ އައި ރައްޔިތުން، މާލޭގެ ރައްޔިތުންނެކޭ އެއްފަދައިން މާލޭގައި އުފާވެރިކަމާއި އެކު، ދިރިއުޅޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
“ތިބޭފުޅުން މާލޭގައި ހޭދަކުރާ ދުވަސްކޮޅުގައި އަޅުގަނޑުމެން އެދެނީ ތިޔަބޭގުޅުން ވަަރަށް އުފާވެރިކަމާއި އެކު، މާލޭގައި އުޅޭނެކަމަށް. ތިޔަބޭފުޅުން އަޅުގަނޑުމެންނެކޭ އެއްގޮތަށް މާލޭގައި އުޅުއްވާނީ،” ޝިހާބު ވިދާޅުވިއެވެ.
އެހެން ނަމަވެސް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ އަތޮޅުތަކުން ރައްޔިތުން މާލެ ގެނެސް މަގުމަތި ކުރެވިއްޖެ ކަމަށާއި، އެމީހުންނަށް އަޅާލުމެއް ވެސް އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއިން ނެތް ކަމަށެވެ.
"އަތޮޅުތަކުން ރައްޔިތުން ގެނެސް މަގުމަތިކުރެވިއްޖެ. އަޅާލުމެއް ނެތް! އަތޮޅުތަކުގެ ރައްޔިތުންގެ ކުޅަނދު މަދުވާާނެ ކަމަށް އެމްޑީޕީ ޖޭޕީއިން ހީނުކުރާތި!" ޚަލީލް ވިދާޅުވިއެވެ.
އިއްޔެ ހަވީރު ބޭއްވި ހިނގާލުމުގައި ގާތްގަނޑަކަށް 12،000 މީހުން ބައިވެރިވިކަމަށް ލަފާކުރެވެއެވެ. އިއްޔެ 18:15 ހާއިރު ހިނގާލުން ނިންމާލާފައިވާއިރު، އޭގެ ފަހުން މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ވަނީ، ރޭ ދަންވަރު 1:30 ހާއިރު ވަންދެން އަލިކިލެގެފާނު މަގާއި ޗާންދަނީ މަގާ ދެމެދުގައި، މަޖީދީ މަގުގައި މުޒާހަރާކޮށް އަޑު އުފުލާފައެވެ. ރޭ ދަންވަރު 1:30 ހާއިރު ފުލުހުން ވަނީ މި މުޒާހަރާ އެއްކޮށް ރޫޅާލައި، އެސަރަހައްދަށް އެއްވެފައި ތިބި މީހުން އެސަރަހައްދުން އެކުގައި ފޮނުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ