ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ސައްހަ ކަމާމެދު ގޮތެއް ނުނިންމައި ހައި ކޯޓުން އެ މައްސަލައިގެ ޝަރީޢަތް ނިންމާލައިފިއެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ނާޒިމްގެ އެޕާޓްމަންޓު ބަލާ ފާސް ކުރުމުގެ އަމުރު އިސްތިއުނާފް ކުރުމާއި ބެހޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލައިގައި އެ އަމުރުގެ ސައްހަ ކަމާމެދު ގޮތެއް ނިންމާފައި ނުވާކަމަސް ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވިއެވެ.
ނާޒިމްގެ ޤާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ މި މައްސަލަ ކްރިމިނަލް ކޯޓުން ބަލަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމާފައި ވާކަމަށެވެ.
"ހައި ކޯޓުން ވިދާޅުވެފައި ވަނީ މިހާރު އެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުން ދާތީ އެންމެ އައުލާކަން ބޮޑީ ކްރިމިނަލް ކޯޓުން އެ މައްސަލަ ބެއްލެވުން ކަމަށާއި، އަޅުގަނޑުމެން ހުށަހެޅި ނުކުތާތައް ކްރިމިނަލް ކޯޓުގައި ހުށަހަޅައިފިއްޔާ ކްރިމިނަލް ކޯޓުން އެ ބައްލަވަން ޖެހޭނެ ކަމަށް." މައުމޫން ހަމީދު ވިދާޅުވިއެވެ.
މައުމޫން ހަމީދު ވިދާޅުވީ ނާޒިމްގެ ގެ ބަލައި ފާސްކުރުމުގެ އަމުރު އެއީ ގާނޫނާ އެއްގޮތަށް ހޯދާފައިވާ އަމުރެއް ކަމަށް ގަބޫލު ނުކުރާތީ މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީޢަތަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.
"ހައި ކޯޓުގެ ހުކުމް ބުނާގޮތުން ކްރިމިނަލް ކޯޓުން ބައްލަވަން ޖެހޭނެ އެ މައްސަލަ. ނާޒިމްގެ ފަރާތުން ހުށަހަޅާނަން ހުރިހާ ނުކުތާ ތަކެއްވެސް."، މައުމޫން ހަމީދު ވިދާޅުވިއެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ފުލުހުން އެ އެޕާޓްމަންޓަށް ވަދެފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެރޭގެ ވަގުތެއްގައިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެޕާޓްމަންޓު ބަލައި ފާސްކުރިއިރު އެޕާޓްމަންޓު ތެރެއިން ހަނގުރާމަވެރި ހަތިޔާރު ވަނީ ފެނިފައެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކުރަން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރިއިރު ނާޒިމް ހައްޔަރު ކުރަން ނެރުނު އަމުރާއި ނާޒިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ނާޒިމްގެ ފަރާތުން ހައި ކޯޓުގައި ކުރިން އިސްތިއުނާފްކުރިއެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ވަނީ އެ ދެ އަމުރަށް ތާއީދުކޮށް ނާޒިމް ދޫކޮށްލެވެން ނެތް ކަމަށް ކަނޑައަޅާފައެވެ.
އަދި ޝަރީޢަތް ނިމެންދެން ނާޒިމް ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުވެސް ހައި ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ނާޒިމްގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ ވިދާޅުވެފައެވެ.
އެ ދެ އަމުރަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ނާޒިމްގެ ވަކީލުން ދަނީ ކުރަމުންނެވެ.
ނާޒިމް ހައްޔަރުކޮށްފައިވަނީ އިތުރު ބަޔަކާއިއެކު ދައުލަތާއި ދެކޮޅު ހަރަކާތެއް ހިންގި ކަމުގެ ތުހުމަތުގައި ފެބްރުއަރީ 10 ވަނަ ދުވަހުގެރޭ ދަންވަރުއެވެ.
ނާޒިމްގެ އެޕާޓްމަންޓު ފާސްކުރުމަށް ނެރުނު އަމުރުގެ ސައްހަ ކަމާމެދު ކޯޓުން ގޮތެއް ނުނިންމި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ