ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ހިސާބު މައްސަލަތަކެއް ޗައިނާގެ ދެ އިލްމުވެރިޔަކު ހައްލުކޮށްފި

ގަރުނަކަށްވުރެ ގިނަ ދުވަސްވީ އުނދަގޫ މައްސަލަތަކެއް ހައްލުކޮށްދީގެން ދުނިޔޭގެ ހިސާބު އިލްމުގެ އެންމެ ޝަރަފުވެރި އިނާމު ޗައިނާގެ ދެ ހިއިލްމުވެރިއަކު ކާމިޔާބުކޮށްފި އެވެ. މިއީ ޗައިނާގެ ރައްޔިތުންނަށް މި ޝަރަފުވެރި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ.
ޗައިނާގެ ހޮންގް ވޭންގް އަދި ޔޫ ޑެންގް މި އެވޯޑު ހާސިލުކުރީ އެމެރިކާގެ ޖޯން ޕާޑަން އަދި ކެނެޑާގެ ޖޭކަން ސިމާމަންއާ އެކުގަ  އެވެ. މި ހަތަރު މީހުންގެ ތެރެއިން ކޮންމެ މީހަކަށް އިނާމެއްގެ ގޮތުގައި 15،000 ކެނެޑާ ޑޮލަރު ލިބުނެވެ.  ހިސާބު އިލްމުގެ ނޯބެލް ޕްރައިޒްގެ ގޮތުގައި ބެލެވޭ ފީލްޑްސް މެޑަލް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގަ އެވެ.
އުމުރުން 35 އަހަރުގެ ހޮންގް ވޭންގް އަކީ މި ޝަރަފުވެރި އެވޯޑު މިހާތަނަށް ހާސިލުކުރި ތިންވަނަ އަންހެނާ އެވެ. އޭނާ މި އެވޯޑު ހާސިލުކުރީ ޖަޕާނުގެ ހިސާބު އިލްމުވެރިއަކު 1917 ވަނަ އަހަރު ހުށަހެޅި އުނދަގޫ ސުވާލަކަށް ޖަވާބު ހޯދައިދީގެންނެވެ. ވޭންގް އާއި އޭނާގެ ބައިވެރިޔާ ޖޯޝް ޒާލް ވަނީ ތިން ފަރާތުން ފެންނަ ގޮތަށް ހުންނަ ޖާގައެއްގައި ފަންސުރެއް އެނބުރުމުން އެ ފަންސުރު ހިފަހައްޓާ އެންމެ ކުޑަ ސަރަހައްދަކީ ކޮބައިކަން ސާބިތުކޮށްދީފަ އެވެ.
ޔޫ ޑެންގް މި އެވޯޑު ހާސިލުކުރީ 1900 ވަނަ އަހަރު ޖަރުމަނުގެ ޑޭވިޑް ހިލްބާޓް ހުށަހެޅި ހިލްބާޓްގެ ހަވަނަ މައްސަލަ ހައްލުކޮށްދީގެންނެވެ. އޭނާ މި މައްސަލަ ހައްލުކުރީ ގޭހުގެ މޮލިކިއުލްތައް ދަތުރުކުރާ ގޮތުގެ މައްޗަށް ބިނާކޮށް މުޅި އެއްޗެއްގެ ހަރަކާތްތައް ހިސާބުން ބަލާނެ ގޮތް ދައްކައިދީގެންނެވެ.
މި ކާމިޔާބީއާ ގުޅިގެން ޗައިނާގެ ސޯޝަލް މީޑިއާގައި ދަނީ އުފާ ފާޅުކުރަމުންނެވެ. 
ހޮންގް ވޭންގް އުފަންވީ ޗައިނާގެ ގުއިލިން ސިޓީއަށެވެ. އޭނާ އަކީ ކިޔެވުމަށް ވަރަށް މޮޅު ކުއްޖަކަށްވުމުން، ޕްރައިމަރީ ސްކޫލުގެ ދެ ގްރޭޑް ގިރާކުރުމަށް ފަހު އުމުރުން އެންމެ ސޯޅަ އަހަރުގައި ޕީކިން ޔުނިވާސިޓީއަށް ވަދެފައިވެ އެވެ. އޭގެ ފަހުން ފްރާންސާއި އެމެރިކާގެ މަޝްހޫރު ޔުނިވާސިޓީތަކުން މަތީ ތައުލީމު ހާސިލުކޮށް، މިހާރު އޭނާ އަކީ ނިއުޔޯކް ޔުނިވާސިޓީގެ ޕްރޮފެސަރެކެވެ. އޭނާގެ މި ކާމިޔާބީއާ ގުޅިގެން ފްރާންސްގެ ރައީސް އިމަނުއަލް މެކްރޯން ވެސް ވަނީ ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ.
ޔޫ ޑެންގް ވެސް ވަނީ ޕީކިން ޔުނިވާސިޓީން ކިޔެވުމަށްފަހު އެމެރިކާގެ އެމްއައިޓީ އަދި ޕްރިންސްޓަން ޔުނިވާސިޓީން ޕީއެޗްޑީ ހާސިލުކޮށްފައެވެ. އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ ޔުނިވާސިޓީ އޮފް ޗިކާގޯގައެވެ.
ފީލްޑްސް މެޑަލް އަކީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު، އުމުރުން 40 އަހަރުން ދަށުގެ އެންމެ ފާހަގަކޮށްލެވޭ ހިސާބު އިލްމުވެރިންނަށް ދޭ އެވޯޑެކެވެ. މި ފަހަރުގެ ކާމިޔާބީއަކީ ޗައިނާގެ ހިސާބު އިލްމުގެ މުޖުތަމައުން އެތައް އަހަރެއް ވަންދެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވުން ކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ