އޭޝިއަން ކަޕްގެ ސެމީފައިނަލަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަދި އިރާގު ދަތުރުކޮށްފިއެވެ.
ޔޫއޭއީ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރީ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ޖަޕާންއާ ބައްދަލުކޮށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.
މި މެޗުގެ 90 މިނެޓް ހަމަވެގެންދިޔައިރު ދެ ޓީމުވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ. މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ޔޫއޭއީންނެވެ. މި ގޯލް މެޗުގެ 7 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މަބްހޫތް އެވެ. ނަމަވެސް މެޗުގެ 81 ވަނަ މިނެޓްގައި ޖަޕާންގެ ޝިބަސާކީ ވަނީ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފް ކުޅުނު ނަމަވެސް ނަތީޖާއަށް ބަދަލެއް ނައުމާ ގުޅިގެން ދެންޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ޕެނަލްޓީގައި ޔޫއޭއީއިން ވަނީ ޖަޕާންގެ މައްޗަށް 5-4 ގެ ނަތީޖާއަކުން ކުރި ހޯދާފަ އެވެ. ޕެނަލްޓީގައި ޖަޕާންގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ހޮންޑާ އަދި ކަގާވާ ޖެހި ޕެނަލްޓީ ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
އިރާގު ސެމީފައިނަލަށް ދަތުރުކުރީ އިރާންއާ ބައްދަލުކުރި މެޗުން ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މި މެޗުގެ 90 މިނެޓް ހަމަވިއިރު ނަތީޖާ އޮތީ 1-1 އިން އެއްވަރުވެފަ އެވެ. މެޗުގެ 24 ވަނަ މިނެޓްގައި އަޒްމޫން އިރާނަށް ލީޑު ނަގައިދިން އިރު އިރާގަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ޔާސީންއެވެ.
ނަތީޖާ އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެ ދެ ހާފުގައި އިރާގު އަދި އިރާން މިއިން ކޮންމެ ޓީމަކުން ވެސް ދެ ގޯލް ކާމިޔާބުކުރި އެވެ. އިރާންގެ ދެ ގޯލް ގޯޗެންޗާދް އަދި ޕޫރިލަންގާޖީ ކާމިޔާބުކޮށްދިންއިރު އިރާގުގެ ދެ ގޯލް ކާމިޔާބުކޮށްދިނީ މަހުމޫދް އަދި އިސްމާއިލްއެވެ.
15 މިނެޓްގެ ދެ ހާފްގެ ކުޅުން ނިމުނުއިރު 3-3 އިން މެޗުގެ ނަތީޖާ އެއްވަރުވެފައި އޮތުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި އިރާގުން ވަނީ 6-7 ގެ ނަތީޖާއަކުން އިރާނުގެ މައްޗަށް ކުރި ހޯދާފައެވެ.
މުބާރާތުގެ ސެމީފައިނަލްގައި ޔޫއޭއީ ބައްދަލުކުރާނީ އޮސްޓްރޭލިއާ އެވެ. މި މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގަ އެވެ. އިރާގު ބައްދަލުކުރާނީ ދެކުނު ކޮރެޔާއާ އެވެ. މި މެޗު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގައެވެ.
ޖަޕާން ކަޓުވާލުމަށްފަހު ޔޫއޭއީ ސެމީއަށް، އިރާންގެ މައްޗަށް ކުރި ހޯދާ އިރާގު ވެސް ސެމީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ