ހެނބަދޫ ޒިޔާރަތް – ގަބޫލުކުރަން ދަތި އެތައް ވާހަކަތަކަކާއި ގުޅިފައިވާ ތަނެއް!

(ނ.ހެނބަދޫ) ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭތާ 2500 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެ ކަމަށް ތާރީޚީ ދިރާސާތަކުން ދައްކާއިރު ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ތާރީޚީ ވަރަށް ގިނަ ތަންތަން އެބަހުއްޓެވެ. ޒަމާނަށް އައި ބަދަލާއި އެކު ބައެއް ތަންތަން ވީރާވެގެން ގޮސްފައި ވާއިރު އަޅާނުލެވުމުގެ ސަބަބުން ވީރާނާ ވަމުންދާތާ ވަރަށް ގިނަ ދުވަސްވީ ތަންތަން ވެސް އެބަހުއްޓެވެ.
މިފަދަ އެއްތަނަކީ ނ.އަތޮޅު ހެނބަދޫ ގައި ހުންނަ ޒިޔާރަތެވެ. މިއީ ކޮން ދުވަސްވަރެއްގައި ބިނާ ކުރެވުނު ޒިޔާރަތެއް ކަން އެނގޭނެ ގޮތެއް ނެތެވެ. ރަށުގެ 80 ވަރަކަށް އަހަރުގެ މީހުން ބުނާ ގޮތުން އެމީހުންގެ ކާފަމެންގެ އުމުރުގައި ވެސް މިޒިޔާރަތް ހުއްޓެވެ. އެހެންކަމުން މިޒިޔާރަތަށް 200 އަހަރު ވެދާނެ ކަމަށް ހެނބަދޫގެ ދުވަސްވީ މީހުން ލަފާކުރެއެވެ.
މިޒިޔާރަތް އަހަރުތަކެއް ކުރިން ވީރާނާ ވަމުން ދަނިކޮށް 1995 ވަނަ އަހަރު ހިސާބުގައި، އެތަނުގެ ވަށާ ފާރު ރާނާ، އިތުރަށް ހިމާޔަތް ކުރިއެވެ. ނަމަވެސް 2012 ވަނަ އަހަރު ހިސާބުގައި ރަށުގެ ބައެއް މީހުން ސިއްރުން ރޭގަނޑުގެ ވަގުތުތަކުގައި އެތަނުގެ ފާރު ތަޅާލައި، ވަރަށް ބޮޑަށް އެތަން ހަލާކުކޮށްލިއެވެ.
މިޒިޔާރަތާއި ބެހޭ ގޮތުން ރަށުގެ ދުވަސްވީ މީހުން ތަފާތު ވާހަކަދައްކައެވެ. ބައެއް މީހުން ބުނާ ގޮތުގައި ޒިޔާރަތުގައި ވަޅުލާފައި ވަނީ މީހެއްގެ ހަށިގަނޑުގެ ބައެކެވެ. އެއީ ލެއްގި ހަށިގަނޑެއް ކަމަށް ވެސް ބުނެވެއެވެ. މިމީހާގެ ހަށިގަނޑުގެ ބައެއް ކުޑަފަރިގައި ވެސް ވަޅުލާފައިވާ ކަމަށް ބުނެވެއެވެ. އަނެއްބަޔަކު ބުނާ ގޮތުގައި ޒިޔާރަތުގައި ވަޅުލާފައި ވަނީ އަހްމަދު މަހްމޫދު ކިޔާ މީހެކެވެ.
"ވަގުތަށް" މައުލޫމާތު ދިން ހެނބަދޫ ދުވަސްވީ މީހެއް ކަމަށްވާ އަބޫބަކުރު މޫސާ (އަބޫބަކުރުބެ) ބުނީ ދެދޯނީގައި މަހަށް ފުރޭވަރު ނުވެގެން، މީގެ 70 ވަރަކަށް އަހަރު ކުރިން ރަށުގައި އުޅުނު ނަގާކިޔާ ބޭފުޅަކު، ރަށުގައި 40 ހަމަވެއްޖެ ނަމަ މަހަކު އެއްފަހަރު ޒިޔާރަތަށް ކަންޒު ހިފައިގެން ދާނެ ކަމަށް ބުނި ކަމަށެވެ. އޭގެ ފަހުން ރަށުގައި މީހުން މަރުވާ ވަރު މަދުވެ އާބާދީ އިތުރުވި ކަމަށް އަބޫބަކުރުބެ ބުންޏެވެ.
ހެނބަދޫ ޒިޔާރަތާއި ބެހޭ ގޮތުން ދެކެވޭ އެއް ވާހަކައަކީ ޒިޔާރަތުގައި ވަޅުލާފައިވާ ކަލޭފާނު ޒިޔާރަތް ކައިރިން ފެންނަ ކަމަށް ބުނާ ވާހަކައެވެ. މިކަން އަބޫބަކުރުބެ އަށް ތަޖުރިބާކުރެވުނު ގޮތް އޭނާ "ވަގުތަށް" ކިޔައިދިނެވެ.
އަބޫބަކުރުބެ ބުނީ ޒިޔާރަތް ކައިރިއަށް އޭނާއާއި އިތުރު ބަޔަކު ރަމަޟާން މަހެއްގައި އެއްދުވަހަކު އިރުއޮއްސުނު ވަގުތު ދިޔައިރު އެތަނުގައި އޮންނަ ބޮޑު ގަލެއްގެ މަތީގައި މީހަކު އިށީންދެގެން އިން ކަމަށެވެ.
"އިރުއޮއްސޭތަން ބަލަން ގޮސް ތިބީ. އެތާ އެބަ އިނދޭ މީހަކު. އެމީހާ ކޯ ނުދޮންނާތީ އަހަރެމެންނަށް ވެސް ކޯ ދޮންނަން ނުކެރިފަ ތިބީ. ދެން ކޮންމެއަކަސް އެމީހާ ރޯދައެއް ނުވީއްލި. ދެން އަހަރެމެން އައީ ގޯއްޗަށް. ގޯއްޗަށް އައިސް ދެން އަހަރެމެން ދެއްކީ މިވާހަކަ. ދެން ޒިޔާރަތް ބަލަހައްޓާ މީހާ ބުނީ އެއީ ޒިޔާރަތު ކަލޭފާނޭ. އެއިިނީ އިރުއޮއްސޭތަން ބަލަން ނިކުމެއޭ" އަބޫބަކުރުބެ ބުންޏެވެ.
ޒިޔާރަތާއި ބެހޭ ގޮތުން ދެކެވޭ އަނެއް ވާހަކައަކީ ޒިޔާރަތް ކައިރީގައި ހުންނަ ހުވަނދުމާ ގަހަކުން އެއްވެސް މީހަކަށް މާ ނުގެންދެވޭ ކަމަށް ބުނާ ވާހަކައެވެ.
މިކަމާއި ގުޅޭ ގޮތުން ދެކެވޭ ވާހަކައެއް އަބޫބަކުރުބެ ވަނީ އަޅުގަނޑުމެންނާއި ހިއްސާ ކޮށްފައެވެ.
"ތޮޅެންދޫ ހަސަން ގާސިމް އަތޮޅުވެރިކަމުގައި ހުރި ދުވަސްވަރު މިރަށަށް އައިސް މިބުނަނީ އެހެން މީހަކަށް މިގަހުން ހުވަނދުމާ ނުގެންދެވުނަސް ތިމަންނައަށް މާގެންދެވޭނެއޭ. ދެން މިރަށުގެ މީހުން ބުނީ މާ ގެންދެވެންޏާ މާބިނދެގެން ފުރަންވީއޭ ކަލޭ. ދެން ފުރީ. އިރުވައި މޫސުން. ފުރައިގެން ގޮސް އޭނާ ލެއްގީ ކުޑަފަރިއަށް. ތޮޅެންދުއަކަށް ނުދެވުނު އެ މާ ހިފައިގެން. އޭނާ އަށް ކަން ދިމާވި ގޮތް އެއީ." އަބޫބަކުރުބެ ބުންޏެވެ.
ހެނބަދޫ މީހަކު ކިޔައިދިން ގޮތުގައި ޒިޔާރަތުގެ މައްޗަށް އޮތް ނިކަގަހަކަށް އެރި މީހަކު އެގަހުން ނުފޭބުނު ވާހަކައަކީ ވެސް ދުވަސްވީ ބައެއް މީހުން ދައްކާ އުޅޭ ވާހަކައެއް ކަމަށެވެ. މިވާހަކަ ކިޔައިދިން މީހާ ބުނި ގޮތުގައި ނިކަގަހަށް އެރި މީހަކު ނިކަގަހުން ނުފޭބުނީ ވެސް އެއީ ޒިޔާރަތައް ބޭއިޚްތިރާމް ކުރުމުގެ ގޮތުން އޭނާ ކުރި ކަމަކަށް ވާތީއެވެ. އޭނާ ގަހުގައި އިންދާ މަރުވީ ކަމެއް ނުވަތަ ބަޔަކު އޭނާ ގަހުން ބޭލުވީ ކަމެއް ނޭނގެއެވެ. މުސްކުޅިން ކިޔައިދޭ ވާހަކައިގައި އޮންނަނީ އޭނާއަށް ގަހުން ނުފޭބުނު ވާހަކައެވެ. ދެން އޭނާ އަށް ވީގޮތެއްގެ ވާހަކަ އެނގޭ މީހަކާއި ދިމައެއް ނުވިއެވެ.
އަޅުގަނޑުމެންނާއި ވާހަކަދެއްކި އަބޫބަކުރުބެ މިވާހަކަ ދޮގުކުރެއެވެ. އޭނާ ބުނީ އެފަދަ ހާދިސާއެއް ހިނގިކަން ނޭނގޭ ކަމަށެވެ. އަބޫބަކުރުބެ ބުނީ ޒިޔާރަތުގެ މައްޗަށް އޮތް ނިކަގަހެއްގެ ގޮފިގަނޑު އޭނާ ވެސް އެގަހަށް އަރާ ކަނޑާލި ކަމަށާއި އޭނާ އަށް އެއްވެސް ކަމެއް ނުވާ ކަމަށެވެ.
ޒިޔާރަތާއި ގުޅޭ ގޮތުން ކިޔައި އުޅޭ އިތުރު ވާހަކައެއްގައި ބުނާގޮތުގައި މިޒިޔާރަތާ ދިމާލުގައި އަޅާ ދޯނި ފަހަރު ރަށަށް ލައްގާ ކަމަށް ވެސް ވާހަކަދެކެވެއެވެ. އަދި ޒިޔާރަތާއި ދިމާލުގައި އަޅާ ދޯނިފަހަރަށް ކަނޑުމަތީގައި ކަންތައްތައް ދިމާވާ ކަމަށް ވެސް ވާހަކަދެކެވެއެވެ.
އަނެއްބަޔަކު ބުނާ ގޮތުގައި ކުރިން އަތޮޅުގެ ކޮންމެ ރަށަކުން ވެސް ދޯންޏެއް ބާލައިފިނަމަ އެދޯނި ގެނެސް ޒިޔާރަތާއި ދިމާލަށް ބީއްސައެވެ. މިހެން ހެދުމުން ދޯނީގެ މަސްވެރިކަން ރަނގަޅުވާކަމަށް އޭރުގެ މީހުން ގަބޫލުކުރެއެވެ.
ކޮންމެއަކަސް މިފަދަ ކޮންމެ ޒިޔާރަތަކާއި ބެހޭ ގޮތުން ވެސް މިފަދަ ވަރަށް ގިނަ ވާހަކަތައް ދެކެވެއެވެ. އަޅުގަނޑުމެންގެ ތެރެއަށް އައި ދީނީ ހޭލުންތެރިކަމުގެ ތެރެއިން މިއީ ބިދުޢަ ނުވަތަ ޝިރުކުގެ ކަންތައްތައް ކަމަށް ގަބޫލުކުރެވިފައި ވީނަމަވެސް މިއީ ތާރީޚީ ގޮތުން މުހިންމު ވާހަކަތަކެކެވެ. އެހެންކަމުން މިއީ ލިޔެވި ރައްކާ ކުރެވިފައި ހުރުން މުހިންމު ވާހަކަތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ