ލިޔުނީ: ފަރީޙާ އަބްދުﷲ އަދި އަހުމަދު ޖައިޝަން
(ނ ހެނބަދޫ) ރާއްޖޭގެ ރަށްތައް ވަކިވަކިން އުފެދިފައި ވުމަކީ ތަރައްޤީ އަށް އޮތް އެންމެ ބޮޑު ހުރަސްކަން އަޅުގަނޑުމެން އެންމެނަށް ވެސް ގަބޫލު ކުރެވެއެވެ. ތަރައްޤީ އަށް ދެން އޮތް ހުރަހަކީ ރަށްތަކުގެ އާބާދީތައް އިންތިހާއަށް ކުޑަވުމެވެ. ކުދި އާބާދީތަކަށް ހުރިހައި ޚިދުމަތައް އެކަށީގެންވާ ވަރަށް ފޯރުކޮށްދިނުން ވެސް ވެފައި އޮންނަނީ ކޮންމެ ސަރުކާރަކަށް ވެސް ބުރައަކަށެވެ.
ރަށުގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ބައެއް ޚިދުމަތްތަކުން މަހުރޫމުވެ، އެތައް ދަތިތަކަކާއެކު އުޅޭ ރަށްރަށުގެ ތެރޭގައި ހިމެނޭ އެއްރަށަކީ ނ ހެނބަދޫއެވެ. މިރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ރަށުގައި ލަފާފުރާނެ ބަނދަރެއް ނެތުމެވެ. އާބާދީގައި 724 މީހުން ދިރިއުޅޭ މި ރަށުގައި ނަރުދަމާ އެއް އެޅިފައި ނެތުމާއި، ފެން ފަށަލަ ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ވަރުވުމާއި ރަށްގިރުމުގެ މައްސަލައަކީ ހެނބަދޫގެ ރައްޔިތުން ކަންބޮޑުވުމާއެކު ފާހަގަ ކުރާ ކަންތަކެވެ. ރަށުގައި ކަރަންޓު ފޯރުކޮށްދޭ އިންޖީނުގެ ރަށުގެ މެދުގައި ހުރުމުގެ ސަބަބުން ކައިރި ގޭގެއަށް އޭގެ އަސަރު ކުރުމާއި، ކަރަންޓު ކެނޑުމުގެ މައްސަލަ އަށް ހައްލެއް ލިބުމަކީ މި ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަމެވެ.
އިންޖީނުގެ ހުރީ ރަށުގެ މެދުގައި – ކައިރި ގޭގެއަށް އާންމު އުނދަގުލެއް
އިންޖީނުގެ ރަށުގެ މެދުގައި ހުންނައިރު އެ ސަރަހައްދުގައި ގެތަށް ވަށައިގެން ހުންނައިރު މިސްކިތެއްވެސް އިންނަނީ އެތަނުގެ ބުޑުގައެވެ. އެހެން ކަމުން ރަށުގެ ރައްޔިތުންނަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވާއިރު ގިނަ ގެއްލުންތަކެއްވެސް ދަނީ ކުރިމަތިވަމުންނެވެ. ރަށުގެ އިންޖީނުގެ ރަށުގެ މެދުގައި އިނުމުން ކައިރި ގެތަކަށް އެކި ކަހަލަ ގެތަކަށް ގެއްލުން ލިބެއެވެ. އެގޮތުން އިންޖީނުގެއިން ނުކުންނަ ދުމާއި ދުނބުޅީގެ ސަބަބުން ގެތަކުގެ އެކި ތަކެއްޗަށް އެތަކެތި އެޅި ބޮޑެތި ގެއްލުން ވެފައި އެބަހުއްޓެވެ.
ރަށަށް ކަރަންޓު ފޯރުކޮށްދިނުމުގައިވެސް އެކި ކަހަލަ މައްސަލަތައް ކުރިމަތިވެފައިވެއެވެ. އެގޮތުން ކޮންމެ 10 ދުވަހަކުން އެއް ދުވަހަކު ރަށުން ކަރަންޓު ކަނޑާލަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ. އެއީ ޕެޓްރޯލް އެޅުމަށެވެ. ރަށުގެ އިންޖީނުގޭގައި އިންނަނީ އެންމެ އިންޖީނެކެވެ. އެހެންކަމުން ބެކަޕް އިންޖީނެއް ނެތުމުން ރަށުން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވުމަކީ އާންމު ކަމެއް ކަމަށް ރަށުގެ ރައްޔިތުން ވަނީ ބުނެފައެވެ.
ރަށްގިރުމުގެ މައްސަލަ ގުޅިފައިވަނީ ބޭރު ތޮއްޓެއް ނެތުމާ
ހެނބަދޫގެ ހުރިހާ ދިމާއަކުން ރަށްގިރުމުގެ މައްސަލަ ދިމާވާއިރު، ބައެއް ސަރަހައްދު ތަކުން 100 ފޫޓެއްހާ މިންވަރު ގިރާފައިވާކަމަށް ކައުންސިލުން ބުނެއެވެ. ކައުންސިލުން ބުނީ ރަށުގެ ވަށައިގެން ބޭރު ތޮއްޓެއް ނެތުމާއި، ރަށްގިރުމުގެ މައްސަލައާއި ގުޅުންވާކަމަށެވެ. ބޭރު ތޮށިލުމަށް އީއައިއޭގެ މަސައްކަތް ކުރުމަށް އެދުމުން އެދެވޭ ޖަވާބެއް ލިބިފައި ނުވާކަން ކައުންސިލުން ފާހަގަ ކުރައްވައެވެ. ރަށުގައި ބަނދަރެއް ނެތުމުގެ ސަބަބުން އޮޑިދޯނި ފަހަރު އެޅުމުގައި ވަނީ ދަތިތައް ކުރިމަތިވެފައެވެ. އަރާ ފޭބުމަށް އަޅާފައިވަނީ ދެ ފާލަމެވެ. އުމުރުން ދުވަސްވީ މީހުންނާއި ހިނގާ ބިނގާވެ ނޫޅެވޭ ވަރަށް ބަލި މީހުންގެ އިތުތުން މާބަނޑު މީހުންނަށްވެސް ކަނޑު އުޅަނދުފަހަރަށް އަރާ ފޭބުމުގައި ދަތިތައް ދިމާވެއެވެ.
ނަރުދަމާއެއް ނެތުމާ، ފެން ތަޣައްޔަރުވުމާ ގުޅިފައި
ހެނބަދޫގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކީ ނަރުދަމާގެ މައްސަލައެވެ. ރަށުގެ ރައްޔިތުން ފެންވެރުމަށް ބޭނުންކުރާ ފެން ވަނީ ބޭނުންކުރެވޭ ވަރަށްވުރެ ބޮޑަށް ތަޣައްޔަރުވެފައެވެ. ސަބަބަކީ އެންމެ ސަބަބެކެވެ. ރަނގަޅު ނަރުދަމާ ނިޒާމެއް ގާއިމުކުރެވިފައި ނެތުމެވެ. ރަށުގެ ރައްޔިތުންގެ ނަޖިސްތައް ހިންދަން ތައްޔާރުކޮށްފައިވާ ޖަންގްޝަންގެ ސަބަބުން ރަށުގެ ފެނުގައި ވަނީ ވަރަށް ބޮޑަށް ގޯސް ވަސް ޖެހިފައެވެ. މިހާރު ރަށުގެ ހުރިހާ ގެއެއްގެ ވަޅުގައި ހުންނަ ފެނުން ވަސް ފިލުވުމަށް ހާއްސަ ޕަމްޕެއް ބޭނުންކުރަން ޖެހެއެވެ. ރަށުގައި ވާރޭ ފެނުގެ ޑިމާންޑް އެއާއެކު ބޮޑުވެއެވެ. ސަބަބަކީ ވަޅުފެން ބޭނުންކުރުމަށްފަހުގައި ވެސް އެ ފެން ބޭނުންކުރަންޖެހޭތީއެވެ ރަށަށް ދިމާވެފައިވާ މައްސަލަތަކަށް އެދެވޭ ހައްލެއް ލިބުމަކީ މި ރަށުގެ ރައްޔިތުންގެ އެންމެބޮޑު އެއް އުއްމީދެވެ. ސަރުކާރުގައި ދަންނަވައިގެންވެސް ބައެއް މައްސަލަތަކަށް ހައްލެއް ނުލިބިވާއިރު ކައުންސިލުން ވިދާޅުވީ މަޖިލިސް މެންބަރުގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް މިފަދަ ކަންތަކުގައި ލިބެމުން އަންނަކަމަށެވެ.
ބަނދަރަކާއި ނަރުދަމާއަކަށް އެދި ހެނބަދޫ ރައްޔިތުން އާދޭސްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ