ފަނޑިޔާރު ހައްޔަރުކުރުމުން މިނިސްޓަރ އުމަރު ފުލުހުންނަށް ސެލިއުޓް ކޮށްފި

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވެގެން ހުއްޓާ މަސްތުވާތަކެއްޗާއި އެކު ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އިބްރާހިމް ރަޝީދު ހައްޔަރުކުރުމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ފުލުހުންނަށް "ސެލިއުޓް" ކުރައްވައިފިއެވެ
އިބްރާހިމް ރަޝީދު ހައްޔަރުކުރުމާއި ގުޅިގެން އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނަށް ސެލިއުޓް ކުރައްވާ ކަމަށާއި އެއްވެސް މީހަކަށް ޤާނޫނަށް ވުރެ މަތީގައި ނުހުރެވޭނެ ކަަމަށެވެ.
އިބްރާހިމް ރަޝީދު ހައްޔަރުކުރީ ރޭގެ ވަގުތެއްގައެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ.ތިނަދޫން މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވެސް ކަށަވަރު ކޮށްދެއްވައެވެ. ފުލުހުން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ޢުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކު ތިނަދޫ އިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ.ތިނަދޫން މީހަކު ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ލިބުނު މަޢުލޫމާތާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އިބްރާހިމް ރަޝީދު ހައްޔަރުކުރި ވަގުތު ހުރީ މަސްތުގެ ޙާލުގައިކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސް ހަށިގަނޑާއި އޭނާ ހުރި ސަރަޙައްދު ބަލައި ފާސްކުރިއިރު އޭނާ ހުރި ދިމާ ބިންމަތިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ