ކުރިއަށް އޮތް 72 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެ -މެޓް

ކުރިއަށް އޮތް 72 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ  ބޭއޮފް ބެންގޯލްގެ މެދުތެރޭ ހިސާބުގައި އުފެދިފައިވާ ލޯ ޕްރެޝަރު އޭރިއާ ގުޅިގެން މާދަމާ އިން ފެށިގެން ތިން ދުވަސްވަންދެން ރާއްޖޭގެ އެކި ހިސާބަށް ދޭތެރެ ދޭތެރެއިން ވާރޭވެހި ގުގުރުމަކީ އެކަށީގެންވާކަމެއް ކަމަށާއި، މި މުއްދަތުގައި ރާއްޖޭރެ އެކިހިސާބުތަކަށް ގުގުރުމާއެކު ދޭތެރެ ދޭތެރެއިން ވާރެ ވެހޭނެކަމަށެވެ.
މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރު އުތުރުން 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
ހުރިހާ ފަރާތްތަކުން، ޚާއްސަގޮތެއްގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ