އިންތިހާބުގައި ޕީޕީއެމްއަށް ކާމިޔާބު ލިބިފައި ނުވާ ކަމަށް ނިހާން އެއްބަސްވެވަޑައިގެންފި

ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމްއަށް ކައުންސިލްތަކުގެ މެޖޯރިޓީ ލިބިފައި ނުވާ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު އެއްބަސްވެވަޑައިގެންފި އެވެ.
ނިހާން މިކަމަށް އެއްބަސްވެވަޑައިގެންފައި މިވަނީ މިއަދު އޭނާ ކުރައްވާފައިވާ ޓްވީޓްތަކެއްގަ އެވެ.
ނިހާން ކުރައްވާފައިވާ ޓްވީޓްތަކުގައި ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް ކައުންސިލް ގޮނޑިތަކުގެ މެޖޯރިޓީ ނުލިބި ސަބަބުތައް ދެނެގަނެ އެކަންކަން އިސްލާހުކޮށްލީމާ އެ ލިބެނީ ކާމިޔާބުކަން ޔަގީން ކަމަށެވެ.
ނިހާން ވިދާޅުވީ ކައުންސިލް އިންތިހާބު މިއީ ސެމީ ފައިނަލް ކަމަށެވެ. މިބުރުގެ ފައިނަލް މެޗް އޮތީ 2018 ވަނަ އަހަރު ކަން ފާހަގަކުރައްވަމުން ނިހާން ވިދާޅުވީ ފައިނަލަށް ދިޔައީ އެމްޑީޕީއާއި ޕީޕީއެމް ކަމަށެެވެ. އެހެންކަމުން ހެދުނު ގޯސްތައް ރަނގަޅުކޮށް ތައްޔާރުވުމަށްވެސް ނިހާން ވަނީ އެދިވަޑައިގެންފަ އެވެ.
ނިހާން އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ ހަކަތައާއި ހިތްވަރު ޕީޕީއެމްގެ މެންބަރުންގެ ކިބައިގައި ހުންާނެ ކަމަށެވެ.
"ﷲ އިރާދަކުރެއްވިއްޔާ [ރިޔާސީ އިންތިހާބު] ކާމިޔާބު ކުރާނީ ފުރަތަަމަ ބުރުން،" ނިހާން ވިދާޅުވެފައިވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ބަލި ގަބޫލުކުރާ ރޫހެއްގައި ނިހާން ޓްވީޓް ކުރައްވާފައިވީ ނަމަވެސް އިއްޔެ ބޭއްވި ކައުންސިލް އިންތިހާބަށް ފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވާހަކަދެއްކެވީ ކައުންސިލް އިންތިހާބު ކާމިޔާބުކުރީ ޕީޕީއެމުން ކަން ދެހަވާ ފަދަ ރޫހެއްގަ އެވެ. އެގޮތުން ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ރިއާޔަތްކޮށް ނިހާން އިއްޔެ ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ބޭނުންވާ "50 ޕަސެންޓް އަދި އެކެއް ވެސް ލިބިއްޖެ" ކަމަށެވެ. ނިހާން އެ އިޝާރާތް ކުރައްވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާނަމަ އެންމެ މަދުވެގެން ހޯދަން ޖެހޭ ވޯޓުގެ އިންސައްތަ އަށެވެ.
ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު މިއިންތިހާބުގައި ސަރުކާރު ކޯލިޝަނަށް ބޮޑު ނާކާމިޔާބެއް ވަނީ ލިބިފަ އެވެ. ކުރިން ސަރުކާރުގެ ތާއީދު އޮތް ކަމަށް ބެލެވުނު މުހިއްމު ދާއިރާތަކުގެ ގޮނޑިތައް ވެސް މި އިންތިހާބުގައި ސަރުކާރަށް ވަނީ ގެއްލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ