ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅަކު ކަނޑައެޅުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީ ކުރިއަށް އޮތް ހަފްތާ ތެރޭގައި އިއުލާންކުރެވޭނެ ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ވަރަށް އަވަހަށް ޕީޕީއެމް ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު ޕްރައިމަރީ އިއުލާންކުރެވިގެންދާނެ ކަމަށެވެ.
ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ޕީޕީއެމް ޕްރައިމަރީގައި ވާދަކުރެއްވުމާއި މެދު ގޮތެއް ނިންމާފައިވާ ކަމަށާއި ނިންމެވި ގޮތް ފަހުން އެނގިގެންދާނެ ކަމަށެވެ.
"އަޅުގަނޑު ވާނީ ވަރަށް ކުރިން ގޮތެއް ނިންމާފައި، އިއުލާންނުކޮށް ވާނީ، ޕްރައިމަރީ އިއުލާންކުރުމުން ކުރިމަތިލައްވާ ފަރާތްތައް އެނގިގެންދާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން މިރޭ މާލެ ވަޑައިގަތުމުން އެއް ނަންބަރު ފާލަން ކައިރިން އެމަނިކުފާނަށް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ބައެއް މެންބަރު މަރުހަބާ ދެންނެވި އެވެ.
މައުމޫންގެ ސަޕޯޓަރުން އެމްއެމްއޭ ކައިރީ ތިބިއިރު ރައީސް މައުމޫން ވަނީ ހިންގަވާފައި ވަޑައިގެން އެސަރަހައްދުގައި ތިބި ސަޕޯޓަރުންނާއި ބައްދަލުކުރައްވާފައެވެ. މިއީ އާންމުކޮށް ފެންނަ މަންޒަރެއް ނޫން ކަން ފާހަގަކޮށްލެވެ އެވެ. އެއަށްފަހު ރައީސް މައުމޫން ވަނީ ކާރުކޮޅަށް އަރާ ވަޑައިގެންފައެވެ.
ޕްރައިމަރީ ކުރިއަށް އޮތް ހަފްތާ ތެރޭގައި އިއުލާން ކުރެވޭނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ