ވައުދުތައްވުމުގެ ބަދަލުގައި ކަންކަން ކުރާ ސަރުކާރެއްގެ ގޮތުގައި ރައްޔިތުން މިސަރުކާރު ބަލައިގަނެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމަށް އެރަށުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުހައްމަދު ވަހީދު ވިދާޅުވީ މިއަދުގެ ސަރުކާރަކީ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭ ކަންތައްތައްކޮށް ނިންމާ ނަތީޖާ ހާސިލްކުރުމުގައި ފަސްނުޖެހޭ ސަރުކާރެއްކަން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސާބިތުކޮށްދީފައިވާ ކަމަށާއި އެގޮތުން މިއަދު މިފެނިގެންދަނީ އެކަމުގެ ދަލީލެއް ކަމަށެވެ.
"ހަމައެކަނި ވައުދުތައްވުމުގެ ބަދަލުގައި ކަންކަން ކުރާ ސަރުކާރެއްގެ ގޮތުގައި ރައްޔިތުން ވަނީ މިސަރުކާރު ބަލައިގެންފައި، މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ވެސް އެކަމުގެ ދަލީލެއް، ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުގެ ވާހަކަ ދެކެވެމުން އަންނަތާ ވަނީ ވަރަށް ގިނަ ދުވަސްތަކެއްވެފައި އެތައް ފަހަރެއްގެ މަތިން، ލަސްވަމުން އައި ނަމަވެސް މިއަދު އެކަން މިވަނީ ހަގީގަތަކަށްވެފައި،" ރައީސް ވިދާޅުވި އެވެ.
އެހެންކަމުން މިމަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް އިހްލާސްތެރިކަމާއިއެކީ ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ރައީސް ފާހަގަކުރެއްވި ބައެއް ބޭފުޅުންގެ ތެރޭގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ހިންގެވުމާއި މިވަގުތު ހަވާލުވެޑައިގެން ހުންނެވި ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އާއި އެއިދާރާގެ މުވައްޒަފުންނާއި އައިލޭންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ޗެއާމަން ބަންދު އިބްރާޙިމް ސަލީމާއި މެނޭޖިންގ ޑިރެކްޓަރު އަބްދުލް ހާރިސް އަދި އެންމެހާ މުވައްޒަފުންނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކުރީގެ ވަޒީރުކަން ކުރެއްވި އިލްޔާސް އިބްރާޙިމް ހިމެނިވަޑައިގަންނަވަ އެވެ.
އިންޓަނޭޝަނަލް އެއާޕޯޓެއްގެ ދަތުރުތައް ކާމިޔާބުކަމާއެކު ފަށައިގަނެވޭނީ އެ އެއާޕޯޓަކުން ދަތުރުކުރާ މަންޒިލަކަށް ދިއުމަށް ބޭނުންވާ ވީސާ އެސަރަހައްދަކުން ފަސޭހައިން ލިބެން އޮވެގެންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހިން އިންޑިއާއަށް ދިއުމަށް ބޭނުންވާ ވީސާ ހަނިމާދޫއިން ލިބޭނެ އިންތިޒާމް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ހަމަޖައްސަވައިދެއްވި ކަމަށްޓަކައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ހީސް އެކްސެލެންސީ ޑީއެމް މުލޭއަށާއި ހައި ކޮމިޝަންގެ އެންމެހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ބައިނަލްއަގުވާމީ ވައިގެ ބަނދަރަކަށް ހެދި ރާއްޖެއިން ބޭރަށް ދަތުރުތައް ފަށައިގަތުން މިސަރަހައްދުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި މިގޮތުން ބޭސް ފަރުވާ އަށާއި އެހެނިހެން ބޭނުންތަކުގައި އިންޑިއާއަށް ދާން ބޭނުންވާ ފަރާތްތަކަށް ހަނިމާދޫއިން ވީސާ ލިބިގެން ފުރޭގޮތް ވުމަކީ ވަރަށް ވެސް ބޮޑު ލުޔަކަށް ވެގެންދާނެ ކަމަށެވެ.
ހަމައެއާއިއެކު މިސަރަހައްދުގެ އިގްތިސޯދީ ތަރައްގީގެ މައި ހަބަކަށް ކުރިއަށް އޮތްތަނުގައި މި އެއާޕޯޓު ވެގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ވަޒީފާތައް އިތުރުވެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމުގެ ފުރުސަތު އެއާޕޯޓުގެ ސަބަބުން ފުޅާވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމުން މިސަރަހައްދުގައި ޓުއަރިސްޓް ރިސޯޓުތައް ތަރައްގީކުރުމަށް ފަސޭހަވެ ފަތުރުވެރިކަމުން ލިބޭ މަންފާ ވެސް އިތުރުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި އެއާޕޯޓު އިންޓަނޭޝަނަލް ވުމާއި ގުޅިގެން ދާދި އަވަހަށް މިސަރަހައްދަށް ބައިނަލްއަގުވާމީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް އަންނާނެކަން އަޅުގަނޑަށް ވަނީ އެނގިފައި، އެހެންވީމާ އެކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރާ ވާހަކަ ވެސް ދަންނަވަން، އާދެ އިންޓަނޭޝަނަލް އޮޕަރޭޝަންތައް ފެށިގެން މިދަނީ ހަމައެކަނި މިވަގުތަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތަކާއިއެކީގައި ކަމަށްވިޔަސް ކުރިއަށް އޮތް ތަނުގައި އިގުތިސޯދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނޭ ގޮތަށް އެއާޕޯޓު ތަރައްގީކުރުމަކީ ސަރުކާރުގެ އަމާޒެއް، އެގޮތުން އަޅުގަނޑު ދެކޭ ގޮތުގައި މުސްތަގުބަލުގައި ސީދާ ޔޫރަޕްގެ ގައުމުތަކުން ވެސް ޖެޓްގައި މި އެއާޕޯޓަށް ފަތުރުވެރިން އަންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް" ރައީސް ވިދާޅުވި އެވެ.
ކޮންމެ ކަމެއް ވެސް ކުރަން ވާނީ ދުރާލާ ރޭވިގެން ކަނޑައެޅޭ ވަކި އަމާޒްތަކެއް ހާސިލްކުރުމަށްޓަކައި ކަމަށާއި އެގޮތުން ރާއްޖޭގައި އެއާޕޯޓުތައް ތަރައްގީކުރެވިގެންދާނެ ގޮތުގެ މާސްޓާ ޕްލޭންއެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑ ކޮމިއުނިކޭޝަނުން މިހާރު ކުރަމުން ގެންދާ ކަމަށާއި މި މާސްޓާ ޕްލޭން އެކުލަވާލެވޭއިރުގައި އެއާޕޯޓުތައް އިތުރަށް ތަރައްގީ ކުރެވޭނެ ރަށްތައް ކަނޑައެޅިފައި އޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެގޮތުން ރާއްޖޭގައި އެއާޕޯޓުތައް ތަރައްގީކުރެވިގެންދާނެ ގޮތުގެ މާސްޓާ ޕްލޭންއެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑ ކޮމިއުނިކޭޝަނުން މިހާރު ގެންދަނީ ކުރައްވަމުން، މި މާސްޓާ ޕްލޭން އެކުލަވާލެވޭއިރުގައި އެއާޕޯޓުތައް އިތުރަށް ތަރައްގީ ކުރެވޭނެ ރަށްތައް ކަނޑައެޅިފައި އޮންނާނެ، މިގޮތުން ރަށްތައް ކަނޑައެޅުމުގައި ބަލާނީ އެރަށެއްގެ ނުވަތަ އެސަރަހައްދެއްގެ އާބާދީގެ ނިސްބަތަށާއި އެސަރަހައްދެއްގައި ފަތުރުވެރިކަން ތަރައްގީކުރެވޭނެ މިންވަރެއްގެ މައްޗަށް، ސަރުކާރުގެ އަމާޒަކީ ތަރައްގީ ކުރެވޭ އެއާޕޯޓަކީ އެ އެއާޕޯޓަކުން ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ އެއާޕޯޓަކަށް ހެދުން،" ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދު ވަނީ ގދ.ކާޑެއްދޫ އެއާޕޯޓު މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން ހިންގުން ހަވާލުކުރުމުގެ ލެޓާ އޮފް އިންޓެންޑް ރަސްމީކޮށް ހަވާލުކުރެވިފައިވާކަން އިއުލާންކުރައްވާފައެވެ. އަދި ކައިރި މުސްތަގުބަލެއްގައި ލ.ކައްދޫ ގއ. ކޫއްޑޫ އެއާޕޯޓުވެސް ހިންގުން އަމިއްލަ ފަރާތްތަކާއި ހަވާލުކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިގޮތަށް ޑޮމެސްޓިކް އެއާޕޯޓުތައް ހިންގުން ބަދަލުކުރެވިގެން ދިޔަޔަސް، އެ އެއާޕޯޓުތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރުގެ ބެލުމުގެ ދަށުގައި ވިޔަފާރިވެރިންނަށް ފުރުސަތު ހޯދާދީ، އިގުތިސޯދީ ތަރައްގީއަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް، އެގޮތުން އަމިއްލަ ފަރާތަކުން ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން ތަރައްގީކުރައްވާފައިވާ އަދި އދ.މާމިގިލީ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން މިހާރު ގެންދަނީ ވިސްނަމުން،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް ކަނޑުމަގުން ދަތުރުކުރަމުންގެންދިޔަ ވަގުތުތައް ސަލާމަތްކޮށް ރައްޔިތުންނަށް ހަލުވިކަމާއެކު ދަތުރު ކުރުމަށްޓަކައި ރާއްޖޭގެ އެކިކަންކޮޅުތަކަށް ކަނޑަށް ޖައްސާ ބޯޓާއި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް ވެސް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި މިކަންކަން ކައިރި މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށާއި އޭރުން ރާއްޖޭގެ އިގުތިސޯދީ ދުވެލި މިޔަށްވުރެން ހަލުވިގެން ދިއުމަށް މަގުފަހިވެގެން ގޮސް ރައްޔިތުންނަށް އެތައް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކަންކަންކުރާ ސަރުކާރެއް ގޮތުގައި ރައްޔިތުން ވަނީ މިސަރުކާރު ބަލައިގެންފައި - ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ