އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރަކަށް ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިންތިހާބުވެއްޖެ އެވެ.
ނައިބު ލީޑަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އަލީ ވަހީދަށް 25 ވޯޓު ލިބިވަޑައިގެންނެވިއިރު ޖާބިރަށް ލިބިވަޑައިގަތީ 13 ވޯޓެވެ. އެމަގާމަށް ދެން ވާދަކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އަށް 5 ވޯޓު ލިބިވަޑައިގެންނެވިއިރު ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރަށް ލިބިވަޑައިގެންނެވީ 11 ވޯޓެވެ. ސަމީރަކީ މީގެކުރިން އެޕާޓީގެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރެވެ.
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަމަށް މިހާރު ވެސް އެ ގްރޫޕްގެ ލީޑަރުކަން ކުރައްވަމުން ގެންދަވާ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ އަނެއްކާވެސް ހޮވިވަޑައިގެންފައެވެ. އިބޫ ލީޑަރުކަމަށް އިންތިޚާބްވެ ވަޑައިގަތީ އިލެކްޝަންގައި ވޯޓު ދިން 28 މެބްރުންގެ ތެރެއިން 25 މެމްބަރުން ފެންނަ ކަމަށް ވޯޓު ދީގެންނެވެ.
ޕީޖީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލްކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު އިންތިޚާބްވެ ވަޑައިގެންނެވީ 20 މެމްބަރުންގެ ތާޢީދާއި އެކުއެވެ. ސެކެޓްރީ ޖެނެރަލްކަމަށް ތިނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޤަސަމް އިންތިޚާބްވެ ވަޑައިގެންނެވީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 28 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވެ.
ވިޕުންގެ ގޮތުގައި އިންތިޚާބްވެ ވަޑައިގެންނެވީ މިހާރު ވެސް ޕީޖީގެ ވިޕުންގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އަދި ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒު އެވެ. އީވާ އަބްދުﷲއަށް 25 މެމްބަރުން ފެންނަކަމަށް ވޯޓު ދެއްވިއިރު، އިލްޔާސް ލަބީބު އަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ. އަދި މުޙައްމަދު ޝިފާޒުއަށް ލިބިވަޑައިގެންނެވީ 27 ވޯޓެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ހިމެނި ވަޑައިގަންނަވަނީ 30 މެންބަރުންނެވެ. މިއަދުގެ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވީ 28 މެންބަރުންނެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރަކަށް އަލީ ވަހީދާއި ޖާބިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ