ކަރަންޓުގެ އަގު ދަށް ކުރަން ފެނަކަ ދެކޮޅު

ފެނަކައިން ކަރަންޓް ބިލުތަކަށް ނަގާ އަގަށް ބަދަލު ގެނައުމަކީ މި ސަރުކާރުން ކަރަންޓު ބިލުގެ އަގު ބޮޑުކުރުން ނޫން ކަމަށާއި އެއީ ކަރަންޓު ބިލުގެ އަގު ހަމަމަގަށް ގެނައުން ކަމަށް ބުނެ ކަރަންޓު އަގު ދަށް ކުރުމަށް ފެނަކައިން ދެކޮޅު ހަދައިފި އެވެ.
ކަރަންޓް ބިލު ބޮޑުވެގެން ކުޅުދުއްފުއްޓާއި އައްޑޫގެ އިތުރުން ބައެއް އެހެން ރަށްރަށުގައި ވެސް އިހްތިޖާޖު ކުރަމުންދާއިރު، ފެނަކައިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯޕަރޭޝަންގެ ޑިރެކްޓަރު ހުސައިން ހަމީޒު ވިދާޅުވީ މި ސަރުކާރުން ކަރަންޓް ބިލުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި މިހާރު ތަންފީޒު ކުރަމުންދާ އުސޫލަކީ ރައީސް ނަޝީދުގެ ސަރުކާރުން ކަނޑައެޅި އަގުތަކެއް ކަމަށާއި އޭރު ފާސްކޮށްފައިވާ އަގުތަކަށް ބިލުނުކޮށް އެކި ރަށްރަށުގައި ތަފާތު އަގުތަކުގައި ދެމުން ދިޔަ ސަބްސިޑީ މިހާރު ހަމަހަމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމައެކަނި އަޅުގަނޑުމެން ގެނައި ބަދަލަކީ ފާސްކޮށްފައިހުރި ރޭޓަށް ހަމަމަގަށް އެޅުވުން،" ހަމީޒު ވިދާޅުވި އެވެ.
އަލަށް ގެނެވުނު ބަދަލާއެކު އެ ކުންފުންޏަށް ލިބޭނެ ނަފައެއް ނޯންނާނެ ކަމަށާއި އެ ބަދަލާއެކު އަންނާނެ ތަފާތަކީ މީގެ ކުރިން ސަރުކާރުން ދައްކަމުން އައި ސަބްސިޑީ ވިޔަފާރިވެރިން ދައްކަން ޖެހުން ކަމަށްވެސް ހަމީޒު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖަރު އަހުމަދު ނަޖާހު ވިދާޅުވީ އަލަށް ގެނެވުނު ބަދަލަކީ ވިޔަފާރިތަކަށް ނަގާ ކަރަންޓު ބިލުގެ އަގު ހަމަހަމަ ކުރުން ކަމަށެވެ. އަލަށް ގެނެވުނު އެ ބަދަލާއެކު ކަރަންޓު ބިލުގެ ރޭޓު ވަރަށް ބޮޑަށް މަތިވެފައި ވަނީ 2009 ވަނަ އަހަރު ފާސްކޮށްދީފައިވާ ރޭޓުތަކާ ޚިލާފަށް ބިލް ކުރަމުން ދިޔަ ތަންތަނަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންމެ ބޮޑެތި ބަދަލުތަކެއް މި އައީ 2009 ވަނަ އަހަރު ފާސްކޮށްދީފައިވާ ރޭޓްތަކާ ޚިލާފަށް ބިލް ކުރަމުން ދިޔަ ތަންތަނަށް،" ނަޖާހު ވިދާޅުވި އެވެ.
ކަރަންޓް ބިލް ބޮޑުވި މައްސަލާގައި އައްޑޫގެ ބައެއް ވިޔަފާވެރިން އިއްޔެ ހަޅުތާލު ކޮށްފައިވާއިރު ބައެއް ވިޔަފާވެރިން ބުނީ ކަރަންޓް ބިލް ނުދައްކާނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގެ ބައެއް ވިޔަފާވެރިން ބިލާ ހަވާލެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ