ބްރިޖު ހުޅުވުމުގެ ނަމުގައި ކުރި އިސްރާފަށް ރައްޔިތުން ކިބައިން މައާފަށް އެދެންޖެހޭ: ޖަމީލް

ދިވެހި ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައިވާއިރު، ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް އެތަށް މިލިއަން ރުފިޔާއެއް ޚަރަދުކުރުމަކީ ދިވެހި ރައްޔިތުންގެ ކިބައިން ރައީސް ޔާމީން މައާފަށް އެދެންޖެހޭނެކަމެއްކަމަށް ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ވޭތިވެދިޔަ ތިން ސަރުކާރުންވެސް އެކި މަރުހަލާތަކުގައި ކޮށްފައިވާ މަސައްކަތްތަކާއިއެކު، މާލެ ހުޅުލެ ބްރިޖަކުން ގުޅާލާ، ސިނަމާލެ ބްރިޖް ރޭ ހުޅުވާފައިވާއިރު އެ ރަސްމިއްޔާތަށް އެކަނިވެސް 46 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ދަނީ ވާހަކަދެކެވެމުންނެވެ.
ޑރ ޖަމީލް ވިދާޅުވީ ބްރިޖް އެޅީ ޗައިނާއަށް ސަލާންޖަހައިގެންކަމަށާ 46 މިލިއަން ރުފިޔާ ހަމައެކަނި ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް ޚަރަދުކުރިއިރު، މާލެއާއި އަތޮޅުތެރޭގެ އެތައްހާސް ރައްޔިތުން ތިބީ ގެދޮރުނެތިފައިކަމަށެވެ. އަދި ސާފު ބޯފެނާއި، ނަރުދަމާގެ ޚިދުމަތްވެސް އެ ރައްޔިތުންނަށް ނުލިބޭއިރު، މަގުތައްވެސް ހުރީ ނުހެދިކަމަށެވެ.
އަދި ގައުމުގެ ހާލަތު މިހެން އޮއްވާ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް 46 މިލިއަން ރުފިޔާ ޚަރަދުކުރުމަކީ ބޮޑު އިސްރާފެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން ރައްޔިތުންގެ ކިބައިން މައާފަށްއެދެންޖެހޭކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް އެކަނިވެސް ބޮޑެތި ޚަރަދުތަކެއްކޮށްފައިވާތީ ގިނަ ބަޔަކު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ބްރިޖް އެޅުމަށް އެތަށް ފައިސާއެއް އިތުރަށް ޚަރަދުކޮށްފައިވާއިރު، ނެގި ލޯނަށް ޒިންމާވާން ތިބީ ދިވެހި ރައްޔިތުންކަމަށާ ދައުލަތާއި ރައްޔިތުންނަށް ގެއްލުވާގޮތަށް ހިންގާފައިވާ މަޝްރޫއުތައް ދެންނަން ސަރުކާރަކުން ބެލުމަށްވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.
ބްރިޖުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުންކަމަށާ ލޯނަށް އަދި ދަރަންޏަށް ޒިންމާވާންތިބީ ދިވެހި ރައްޔިތުންކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދުވެސް ވަނީ ވިދާޅުވެފައެވެ. އަދި ވަގުތީ އުފަލަށް އިސްރާފުކޮށްލެވުނީ ދިވެހި ރައްޔިތުންގެ ފައިސާކަމަށާ ކިތަންމެ ވަރަކަށް ހަވާ އެރުވިޔަސް ދިވެހި ރައްޔިތުންނަށް ކުރި އަނިޔާ ހިތަކުން ނުފިލާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ މިއަދުވެސް ބޯފެނާއި، ނަރުދަމާ ނެތް ރަށްރަށައް ރާއްޖޭގައި އެބަހުރިކަމަށާ ރައްޔިތުންގެ އަސާސީ މިފަދަ ކަންކަން ފުރިހަމަނުވެ ހުއްޓާ މިފަދަ ބޮޑު އިސްރާފެއް ކުޑަ ވަގުތުކޮޅެއްގެ އުފަލަކަށް ކުރުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ