"ރަމަޟާން މަހަށް ފަހު ހެޔޮކަން މަތީ ސާބިތުވުން" ރޯޑް ޝޯވް ހަވީރު

ނޫރުލް އިސްލާމް ޖަމިއްޔާގެ ފަރާތުން "ރަމަޟާން މަހަށް ފަހު ހެޔޮކަން މަތީ ސާބިތުވުން" ނަމުގައި މިއަދު ހަވީރު ހިތަދޫގައި ރޯޑް ޝޯވްއެއް ބާއްވަން ހަަމޖެހިފައިވާ ކަމަށް އެޖަމިއްޔާ އިން ބުނެފި އެވެ.
ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ލޯބި އިތުރުކުރުމާއި ދީނަށް މީހުން އަހުލުވެރި ކުރުމަށް މަސައްކަތް ކުރާ ނޫރުލް އިސްލާމުން މިއަދު ބާއްވާ ރޯޑް ޝޯވް ފެށުމަށް ހަމަޖެހިފައި ވަނީ ހިތަދޫ ސްކޫލް ކުރިމަތިންނެވެ. ރޯޑް ޝޯވް ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:30 ގަ އެވެ.
ނޫރުލް އިސްލާމްގެ ރައީސް މުހައްމަދު އަނީލް ވިދާޅުވީ ރޯޑް ޝޯވްއެއް ބާއްވަނީ މީހުން ބޭނުންވާ ގޮތަށް ދީނީ މައުލޫމާތު ފޯރުކޮށް ދިނުމަށެވެ.
"އަޅުގަނޑުމެން މިބަލަނީ އާއްމުންނަށް އެންމެ ފަސޭހައިން މި މެސެޖް ފޯރުކޮށްދެވޭނެ ގޮތަށް. އެހެންވެ ރޯޑް ޝޯވްއެއް އިންތިޒާމް މިކުރަނީ" އަނިލް ވިދާޅުވި އެވެ.
އަނީލް ވިދާޅުވީ ރޯޑް ޝޯވްގައި ދީނީ ދަރުސް ދިނުމާއި،ދީނީ ލީފްލެޓް ހިލޭ ބެހުމުގެ އިތުރުން ދީނީ ދަރުސް ސީޑީ ތައް ބެހުން އޮންނާނެ ކަމަށެވެ.
ނޫރުލް އިސްލާމްއިން ވަނީ ދީނީ މެސެޖް ފަސޭހައިން މީހުންނަށް ފޯރުކޮށްދިނުމަށް މެސެޖް ލިޔެފައިވާ ކުދި ބެނާތައް ހިތަދޫ ބޮޑު މަގުގެ ބައްތި ދަނޑިތަކުގައި ހަރުކޮށްފަ އެވެ. އަދި މި މަސައްކަތަކީ ވަރަށް ކްރިއޭޓިވް މަސައްކަތެއް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ