އެމްބީސީއިންނާއި، މާލެ ސިޓީ ކައުންސިލުންނާއި އައިޖީއެމްއެޗުން ކަރަންޓު ކަނޑާލަނީ!

ގިނަ މަސްތަކެއްވަންދެން ކަރަންޓު ބިލް ދައްކާފައިނުވާތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ދަށުން ހިންގާ ދިވެހި ރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގެ އިތުރުން މާލޭ ސިޓީ ކައުންސިލާއި އައިޖީއެމްއެޗުން ކަރަންޓް ކަނޑާލަން ސްޓެލްކޯ އިން ނިންމައިފި އެވެ.
ސްޓެލްކޯގެ މިނިންމުމާއި ގުޅިގެން ޓީވީއެމުން މިއަދު ކުރިއަށް ގެންދިޔަ ލައިވްކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން ބްރޯޑްކާސްޓިން ކޯޕަރޭޝަން، (އެމްބީސީ) ގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަފީޤު ވިދާޅުވީ 5 މަސް ދުވަހުގެ ކަރަންޓް ބިލަށް ޖުމްލަ 7.1 މިލިއަން ރުފިޔާ ޓީވީއެމުން ސްޓެލްކޯއަށް ދައްކަންޖެހިފައިވާ ކަމަށެވެ.
އެ ފައިސާ ދައްކަން ޖެހޭއިރު އެމްބީސީގެ ބަޖެޓުގައި މިވަގުތު ހުރީ 1.5 މިލިއަން ރުފިޔާ ކަމަށާއި އެފައިސާއަކީ ޓީވީއެމްގެ ޕްރޮގްރާމްތައް ހިންގުމަށާއި އެހެނިހެން ކަންތައްތަކަށް ހުރި ފައިސާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލަ ހައްލުކުރަން އަދިވެސް މަޝްވަރާތައް ކުރިއަށް ދާތީ އެތަނުން ކަރަންޓް ކަޑާލާފައެއްނުވެ އެވެ.
ޝަފީޤު ވިދާޅުވީ ކަރަންޓް ބިލްތަކަށް ފައިސާ ދައްކަންޖެހޭތީ އެ ބިލްތައް ފިނޭންސަށް ފޮނުވުމަށްފަހު ފައިސާ ދޫކުރުމަށް ފިނޭންސްގައި އެދުމުން ކުންފުނީގެ ބަޖެޓުގައި ހުރި ފައިސާއަކުން ކަރަންޓް ބިލްތައް ދެއްކުމަށް ފައިނޭންސް ކޮންޓްރޯލާ އަޙްމަދު މުޙައްމަދު އަންގަވާފައިވާ ކަމަށެވެ. ނަމަވެސް ޖުމްލަ އަދަދުގެ 50 ޕަސެންޓް ދެއްކުމުން ކަރަންޓު ކަނޑާނުލާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓީވީއެމުން ކަރަންޓް ކަނޑާލުމަށް ސްޓެލްކޯގެ މުވައްޒަފުން ޓީވީއެމްއަށް ދިޔުމުން އެސްޓޭޝަނުގެ ސެކިއުރިޓީން ވަނީ ގޭޓް ބަންދުކޮށް އެ މީހުން އެތެރެއަށް ވައްދަން ދެކޮޅު ހަދާފައެވެ. ނަމަވެސް ފަހުން ޓީވީއެމްގެ ބައެއް އިސްވެރިން ސްޓޭޝަނުން ބޭރަށް ނުކުމެ ވަޑައިގެން ސްޓެލްކޯގެ މުވައްޒަފުން އެސްޓޭޝަނަށް ވަނުމަށް ވަނީ ހުއްދަދެއްވާފަ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ސިޓީ ކައުންސިލުން ނުދައްކާ އޮތީ 6.8 މިލިއަން ރުފިޔާ ކަމަށާއި ކަރަންޓް ކަނޑާނުލައި މައްސަލަ ހައްލުކުރެވޭތޯ ފިނޭންސާ މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ.
އެކައުންސިލުން ބުނީ ކަރަންޓް ބިލްތަކުގެ ތަފްސީލް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުން އެ މިނިސްޓްރީން ބައެއް ބިލްތަކަށްވާ ފައިސާ ސްޓެލްކޯގެ އެކައުންޓަށް ޖަމާކޮށްދީފައި ނުވާ ކަމަށާއި އެގޮތަށް ދިމާވަނީ މިއަހަރުގެ ބަޖެޓް ދިން އިރު ކަރަންޓް ބިލްތަކަށް ފައިސާ ދައްކަން ބަޖެޓް ކޯޑު ދީފައި ނުވާތީ ކަމަށެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓް ބިލް ނުދައްކާތާ އެތައް ދުވަހެއް ވެފައިވާތީ އެ ފައިސާ ހޯދުމަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އަދި ފައިސާ ނުލިބުމުން އޮންނަ އުސޫލުގެ މަތިން އެތަނަކުން ކަރަންޓް ކަޑާލުމަށް އަންގާފައިވާނެ ކަމަށެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލާއި އެމްބީސީއިންނާއި، މާލެ ސިޓީ ކައުންސިލުންނާއި އައިޖީއެމްއެޗުން ކަރަންޓު ކަނޑާލާނެ ކަމަށް އަންގާފައިވާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ