ޕެރިސް (ނޮވެމްބަރު 5) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލުން 1-0 އިން ރެއާލް މެޑްރިޑް ބަލިކުރިއިރު، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީ 2-1 އިން ބަލިކޮށް ބަޔާން މިއުނިކުން ސީޒަނުގައި ހުރިހާ މެޗަކުން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.
ރޭގެ މެޗަށް ލިވަޕޫލުން ނުކުތްއިރު، އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ ރޭގެ މެޗުގައި ލިވަޕޫލުން ފޮނުވާލި ގިނަ ހަމަލާތަކެއް މަތަކޮށްފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ހިލޭ ޖެހުމަކުން ޑޮމިނިކް ސޮބޯސްލާއި ނަގައިދިން ބޯޅައަކުން އަލެކްސިސް މެކް އަލިސްޓާ ބޮލުން ފޮނުވާލި ބޯޅަ ކޯޓުއާ އަށް ނުހުއްޓުވުނެވެ.
ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި ލިވަޕޫލް އަތުން ރެއާލް ބަލިވިއިރު، ރޭގެ މެޗަކީ، މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ރެއާލް ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗުގައި ލިވަޕޫލަށް ކުރިން ކުޅުނު ފުލްބެކް، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ވަނީ ދެ ވަަނަ ހާފުގައި ބަދަލަކަށް ކުޅެން ނުކުމެފަ އެވެ. އެކަމަކު، އޭނާ އަށް އަމާޒުވީ ލިވަޕޫލް ސަޕޯޓަރުންގެ ނުރުހުމެވެ.
ރޭ ބަޔާނުން ވަނީ ލުއިސް ޑިއާޒް ޖެހި ދެ ގޯލުން ޕީއެސްޖީ ކައިރިން ފުރަތަމަ ހާފުގައި ލީޑެއް ނަގައިފަ އެވެ. އެކަމަކު، ޕީއެސްޖީގެ އަޝްރަފް ހަކީމީ އަތުން ބޯޅަ ހޯދަން ޑިއާޒް ކުރި ޓެކުލަކަށް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ރެފްރީ ވަނީ ރަތެއް ދައްކައިފަ އެވެ. ބަޔާނުގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ޕީއެސްޖީން ލަނޑެއް ޖެހި އެވެ. މި ލަނޑު ދެ ވަނަ ހާފުގައި ޖެހީ ޖޮއާއޯ ނެވޭސް އެވެ. ޕީއެސްޖީ އަށް އިތުރު ގޯލެއް ނުޖެހި، ބަޔާނުން މި ވަނީ ސީޒަން ފެށިގެން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން 16 މެޗުން މޮޅުވެފަ އެވެ.
ބަޔާންގެ އިތުރުން މި ވަގުތު ޗެމްޕިއަންސް ލީގުގައި ސައްތަ އިން ސައްތަ ރެކޯޑަކާ އެކީ އޮތީ އާސެނަލް އެވެ. ރޭ ސްލަވިއާ ޕްރާގު އަތުން އާސެނަލް މޮޅުވީ 3-0 އިންނެވެ. ދެ ޓީމަށް ވެސް 12 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ބަޔާން އޮތީ އެއް ވަނައިގަ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ނަޕޯލީ އާއި އައިންޓްރަކްޓް ފްރޭންކްފާޓް ވަނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. އެތުލެޓިކޯ މެޑްރިޑުން 3-1 އިން ޔޫނިއަން ސެއިންޓް ގިލޮއިސް ބަލިކުރިއިރު، ކޯޕެންހާގެން އަތުން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވީ 4-0 އިންނެވެ. އަދި، ޔުވެންޓަސް އާއި ސްޕޯޓިން ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
ލިވަޕޫލުން ރެއާލް އަތުން މޮޅުވިއިރު، ބަޔާނުން ޕީއެސްޖީ ބަލިކޮށް ސިލްސިލާ ކުރިއަށް ލިވަޕޫލުން ރެއާލް އަތުން މޮޅުވިއިރު، ބަޔާނުން ޕީއެސްޖީ ބަލިކޮށް ސިލްސިލާ ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ