އެއްވެސް އިއުލާނެއް ކުރުމެއް ނެތި ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއް އައިލެންޑް އޭވިއޭޝަނުން ބޭރު ކުންފުންޏަކަށް ވިއްކާލައިފި އެވެ.
އަދަދު އަށް ލިބިފައިވާ ޑޮކިއުމެންޓުތަކުން އެނގޭ ގޮތުގައި އައިލެންޑް އޭވިއޭޝަނުން ވިއްކާލީ DHC-8 MSN 591 ނަންބަރު މަތިންދާބޯޓެވެ. އެ ބޯޓު ވިއްކާލީ 3.7 މިލިއަން ޑޮލަރަށެވެ.
ނަމަވެސް އެ ބޯޓު ވިއްކަން އައިލެންޑް އޭވިއޭޝަން އިން އެއްވެސް އިއުލާނެއް ކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އިއުލާނުކޮށްފައި ވަނީ DHC-8 MSN 546 ނަންބަރު ބޯޓު ވިއްކުމަށެވެ. ވިއްކަން އިއުލާނު ކުރި ބޯޓަކީ ބާވެ، ފުދޭ ވަރަކަށް ހަލާކުވެފައި އޮތް ބޯޓެކެވެ.
މޯލްޑިވިއަން އިން DHC-8 MSN 591 ވިއްކާލީ 3،730،000 ޑޮލަރެވެ. ބޯޓު ގަތީ އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމަށްވާ އެއާފްލައިޓް ޔުނިޓް ޓްރަސްޓް އިންނެވެ. އެ ކުންފުނީގެ ޓްރަސްޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެ، މަތިންދާބޯޓު ގަތުމުގެ މުއާމަލާތް ހިންގީ އެއާ ފްލައިޓް ޕީޓީވައި އެލްޓީޑީ އެވެ.
ބޯޓު ވިއްކާލީ 3.7 މިލިއަން ޑޮލަރަށް ނަމަވެސް އައިލެންޑް އޭވިއޭޝަނަށް އޮކްޓޯބަރު، 2024، ގައި ޖަމާވީ 3.05 މިލިއަން ޑޮލަރެވެ. އެއީ އައިލެންޑް އޭވިއަޝަންގެ ނަމުން ބޯޓު ވަކި ކުރެވެންދެން ހިފެހެއްޓި 500،000 ޑޮލަރާއި އެސްކްރޯ އެޖެންޓުގެ ފީ ނެގުމަށްފަހު ޖަމާ ކުރި އަދަދެވެ.
މި ނޫހަށް ލިބުނު ލިޔެކިޔުންތަކުގައި އޭޖެންޓަށް ދެއްކި ފީގެ ސީދާ އަދަދު އެނގެން ނެތް ނަމަވެސް އައިލެންޑް އޭވިއޭޝަނަށް ޖަމާވި ފައިސާ އާއި އެ ކުންފުނީގެ ނަމުން ބޯޓު ވަކި ކުރެވެންދެން ހިފެހެއްޓި 500،000 ޑޮލަރު ކެނޑުމުން އަންނަ އަދަދަކީ 177،585 ޑޮލަރެވެ.
މަތިންދާބޯޓު ވިއްކަން ހެދި އެގްރިމެންޓުގެ ދަށުން އެސްކްރޯ ފީ ދައްކަންޖެހެނީ ބޯޓު ގަންނަ ކުންފުންޏާއި ބޯޓު ވިއްކާ ކުންފުނިން ހަމަހަމައަށް ބަހާލައިގެންނެވެ. މޯލްޑިވިއަން އިން އެޖެންޓު ފީގެ ގޮތުގައި ދެއްކި ކަމަށް ބެލެވޭ 177،585 ގެ ދެ ގުނައަކީ 355،170 ޑޮލަރެވެ.
އެމްއެމްއޭގެ ރިޕޯޓު
އައިލެންޑް އޭވިއޭޝަނުން އިއުލާނު ނުކޮށް މަތިންދާބޯޓެއް ވިއްކާލި މައްސަލަ މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ތަހުގީގުކޮށްފަ އެވެ. އެ ތަހުގީގުގެ ލިޔެކިޔުން ވެސް އަދަދު އަށް ވަނީ ލިބިފަ އެވެ. އެ ޔުނިޓުން ސުވާލު ކުރުމުން އައިލެންޑް އޭވިއޭޝަނުން ބުނީ އިއުލާނު ނުކޮށް ބޯޓު ވިއްކާލީ، ވިއްކަން އިއުލާނު ކުރި ބޯޓު، ވިއްކާލެވޭނެ ހާލަތަކަށް ގެންދިޔުމަށް ކުރަންޖެހޭ ހަރަދުތައް ބޮޑުވާތީ ކަމަށެވެ.
އެކަމަކު، އެ ބުނާ ބާ ބޯޓު ވިއްކަން ޖުލައި، 2025، ގައި ވެސް އައިލެންޑް އޭވިއޭޝަނުން ވަނީ އިއުލާނެއްކޮށްފަ އެވެ. އެ ބޯޓު ވިއްކަން ޖެނުއަރީ، 2025، އިން ފެށިގެން ޖުމުލަ ހަ އިއުލާނެއް ކޮށްފައިވާ ކަން ގެޒެޓުގައި ހުރި މައުލޫމާތުތަކުން އެނގެ އެވެ.
ބާ ބޯޓުގެ ބަދަލުގައި ވިއްކި ބޯޓުގެ ހާލަތެއް މި ނޫހަކަށް ނޭނގެ އެވެ. އަދި އެ ބޯޓު ވިއްކީ އެސެސްމެންޓެއް ހަދައި، ވިއްކޭނެ އެންމެ ރަނގަޅު އަގު ހޯދުމަށްފަހު ކަމެއް ނުވަތަ ނޫންކަމެއް ވެސް އެނގިފައެއް ނެތެވެ. މި ނޫހަށް ލިބުނު ފައިނޭންޝަން އިންޓެލިޖެންސް ޔުނިޓުގެ ތަހުގީގު ރިޕޯޓާއި މި ހަބަރު ތައްޔާރު ކުރަން ލިބުނު އެހެނިހެން ލިޔުންތަކުގެ ސައްހަކަން އިތުރު މަސްދަރެއް މެދުވެރިކޮށް ވާނީ ކަށަވަރުކޮށްފަ އެވެ.
އައިލެންޑް އޭވިއޭޝަންގެ ބަހެއް މި ހަބަރުގައި ހިމެނުމުގެ ފުރުސަތު އެ ކުންފުންޏަށް ދިން ނަމަވެސް ހަބަރު ޕަބްލިޝް ކުރުމާ ހަމައަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
އިއުލާނު ނުކޮށް މޯލްޑިވިއަން އިން މަތިންދާބޯޓެއް ވިއްކާލައިފި އިއުލާނު ނުކޮށް މޯލްޑިވިއަން އިން މަތިންދާބޯޓެއް ވިއްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ