މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް މަޖިލިސް ދޮށުގައި އަޑުއުފުލަނީ

މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި ސަރުކާރުން ފާސްކުުރަން އުޅޭ ކޮންޓްރޯލު ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވެ ނޫސްވެރިން އަޑުއުފުލަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލިސް ޗުއްޓީގައި އޮއްވާ އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އަވަސް އަރުވާލައިގެން ބިލު ފާސްކޮށްފަ އެވެ. ނޫސްވެރިން ނުވައްދާ ބޭއްވި އެ ބައްދަލުވުމުގައި އެ ބިލު ފާސްކުރީ ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ، އާ އިސްލާހުތަކާއެކު އެވެ.
ދައުރުން ބޭރުން މިއަދު ވެސް ޖަލްސާއެއް ބާއްވަން ނިންމާފައިވާތީ ނޫސްވެރިން މިއަދު ހެނދުނު 8:30 އިން ފެށިގެން މަޖިލިސް ދޮށަށް އެއްވެ، ދަނީ ކަންބޮޑުވުންތައް އިއްވަމުންނެވެ. 
ތަފްސީލް - މަޖިލިސް ދޮށުގައި މުޒާހަރާ ކުރާ ނޫސްވެރިން އެ ސަރަހައްދުން ފުލުހުން ވަނީ ދުރަށް ޖައްސައި ބެރިކޭޑު ޖަހައި ބަންދުކޮށްފަ އެވެ. ނޫސްވެރިން ދުރަށް ޖައްސަން މަސައްކަތްކުރިއިރު ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުން ބައެއް ނޫސްވެރިންނަށް އަނިޔާވެފައި ވެސްވެ އެވެ. އެކަމަކު އަދިވެސް ނޫސްވެރިން ދަނީ އެ ސަރަހައްދުގައި އަޑުއުފުލަމުންނެވެ. 
މިއަދު ބާއްވާ ޖަލްސާގެ އެޖެންޑާ އަދި އާންމުކޮށްފައި ނުވާއިރު، ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި ޖަލްސާއެއް އޮންނާނެކަން އެންގިޔަސް، އޮންނާނެ ވަގުތެއް އަދި ޖަލްސާގެ އެޖެންޑާއެއް މެންބަރުންނާ ވެސް އަދި ހިއްސާއެއް ނުކުރެ އެވެ. 
މި ސަރަހައްދަށް ވަޑައިގެންނެވި ބައެއް އިދިކޮޅު މެންބަރުން ފާހަގަކުރެއްވި ގޮތުގައި، އެ މެންބަރުންނަށް ވެސް ޖަލްސާ އޮންނާނެ ގަޑިއެއް އަންގާފައެއް ނުވެ އެވެ. އެކަމަކު ޕީއެންސީ ބައެއް މެންބަރުންނަށް ގުޅުމުން މިއަދު މެންދުރު ފަހަށް ޖަލްސާއެއް ބާއްވަފާނެ ކަމަށް ވިދާޅުވި ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
ޕީޕީއެމްގެ ބައެއް މެންބަރުން މިވަގުތު މަޖިލީހުގައި އެބަތިބިކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ