އައިއޯއެސް 26 އާންމުކޮށް ދޫކޮށްފި
އެޕަލްގެ އެންމެފަހުގެ އޮޕަރޭޓިން ސިސްޓަމް އައިއޯއެސް 26 ރަސްމީކޮށް އެޕަލްގެ ހުރިހާ ޔޫޒަރުންނަށް ދޫކޮށްފިއެވެ. މިއީ އެޕަލްގެ މޯބައިލް އޮޕަރޭޓިންގ ސިސްޓަމަށް އައި ވަރަށް ބޮޑު ކުރިއެރުމެކެވެ. "ލިކުއިޑް ގްލާސް" ކިޔާ އާ ވިޝުއަލް ޑިޒައިނަކާއި، އެޑްވާންސްޑް އިންޓެލިޖެންސް ފީޗާސްތަކެއް ތަޢާރަފްކޮށްފައިވާއިރު، މިކަންކަމުގެ ސަބަބުން އެކި އެޕްލިކޭޝަންތަކުގައި ޔޫޒާ އެކްސްޕީރިއަންސް މުޅިން އާ ހަރުފަތަކަށް ގެންގޮސްފައިވެއެވެ. ލިކްއިޑް ގްލާސް ވަރަށް ތަފާތު -- އެޕަލް އިން ރޭ އާންމުކޮށް ދޫކުރި މި އަޕްޑޭޓް ވާޝަންއަކީ އެޕަލްގެ އައިއޯއެސް ވާޝަންތަކަށް އާދަވެގެން ނަން ކިޔަމުން އައި އުސޫލަށް ގެނެސްފައިވާ ބޮޑު ބަދަލެކެވެ. މީގެ ކުރިން ކޮންމެ އަހަރަކުވެސް ނެރޭ އާ ވާޝަންއަށް އާނަމެއް ކިޔަމުން އައިނަމަވެސް މިހާރު މިވަނީ ހުރިހާ އޮޕަރޭޓިން ސިސްޓަމްތަކެއްވެސް އަހަރުގެ ނަންބަރާ ގުޅުވައިގެން (މިސާލަކަށް 2026) ނަންދީފައެވެ. މިގޮތަށް ނަން ދެނީ ވާޝަންތައް ފަސޭހައިން ދެނެގަތުމަށްޓަކައެވެ. މި އާ ވާޝަންގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު ބަދަލަކީ "ލިކުއިޑް ގްލާސް" ޑިޒައިނެވެ. މިއީ އޮޕަރޭޓިންގ ސިސްޓަމްގެ ހުރިހާ ތަނަކުން ފެންނަ ޓްރާންސްޕޭރެންޓް އަދި ބިއްލޫރި ފަދަ އެލިމެންޓްތަކެއް ހިމެނޭ ވިޝުއަލް ތަޖުރިބާއެކެވެ. ހޯމް ސްކްރީންގައި ހުންނަ އައިކަންތައް މިހާރު ލޭޔާކޮށްފައިވާ ގްލާސް އިމޭޖްތަކެއްގެ ގޮތުގައި ފެންނައިރު، ކޮންޓެއިނާ އެލިމެންޓްތައް ޑައިނަމިކްކޮށް ބަދަލުވެ، ކޮންޓެންޓަށް ފަސޭހައިން ފިޓްވެއެވެ. އައިއޯއެސް 26 ގެ ކެމެރާ އެޕް -- ކެމެރާ އާއި ފޮޓޯސް އެޕްލިކޭޝަންތަކަށް ވަރަށް ބޮޑެތި އަޕްޑޭޓްތަކެއް ލިބިފައިވާއިރު، ކެމެރާ އެޕަށް ސްޓްރީމްލައިންކޮށްފައިވާ ޔޫ.އައި. އާއި ފޯމެޓިންގ ކޮންޓްރޯލްސް ހިމެނެއެވެ. ފޮޓޯސް އެޕްގައި ލައިބްރަރީ އާއި ކަލެކްޝަންސް ވަކިކޮށް، 2ޑީ އިމޭޖްތައް 3ޑީ އަށް ބަދަލުކުރެވޭ "ސްޕޭޝަލް ފޮޓޯސް" އާއި 3ޑީ ލޮކް ސްކްރީން އިފެކްޓްސް ހިމެނޭ "ސްޕޭޝަލް ވޯލްޕޭޕާސް" ތަޢާރަފްކޮށްފައިވެއެވެ. ސަފާރީގެ ޑިޒައިންވެސް ލިކުއިޑް ގްލާސް އުސޫލުތަކަށް ބަދަލުވެފައިވާއިރު، ކޮންޓެންޓަށް އިސްކަންދޭ ބްރައުޒިން ފީޗާސްތަކެއް ހިމެނެއެވެ. މުހިންމު ކުރިއެރުމެއްގެ ގޮތުގައި ސޭވްކޮށްފައިވާ ވެބްސައިޓްތައް ވެބް އެޕްތަކެއްގެ ގޮތުގައި އޮޓޯމެޓިކުން ހުޅުވުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި އެޗް.ޑީ.އާރު. އާއި އެސް.ވީ.ޖީ. ސަޕޯޓް، އަދި ވެބް ކޮންޓެންޓް އިންޓެގްރޭޓްކުރުމަށް އާ ސްވިފްޓްޔޫއައި އޭ.ޕީ.އައި.އެއް ހިމެނެއެވެ. ސަފާރީގައި ލިކްއިޑް ގްލާސް ޓެކްނޮލޮޖީ -- މެސެޖްސް އެޕަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިނުވި ނަމަވެސް، ސްކްރީންގެ ތިރީގައި ފާހަގަކޮށްލެވޭ ސާޗް ބާއަކާއި، ފިލްޓަރިން އަށް އާ ޕޮޕް-އަޕް މެކޭނިޒަމެއް ހިމެނެއެވެ. މީގެ އިތުރުން ކޮންވަސޭޝަންތަކަށް ވޯލްޕޭޕާ ބެކްގްރައުންޑް ހެދުމާއި، ގްރޫޕް ޗެޓް ޕޯލްސް، އަދި ބައިނަލްއަޤްވާމީ ޔޫޒަރުންނަށް އޮޓޯމެޓިކް ޓްރާންސްލޭޝަން ފީޗާވެސް ލިބިގެންދެއެވެ. މީގެ އިތުރުން ފޯން އެޕް ވެސް ވަނީ މުޅިން ބަދަލުކޮށްފައެވެ. ކޮންޓެކްޓްސް، ރީސެންޓް ކޯލްސް، އަދި ވޮއިސްމެއިލްސް އެއް ވިންޑޯއަކަށް އެއްކޮށްލާފައިވެއެވެ. އާ އޭއައި ފީޗާސްތަކުގެ ތެރޭގައި "ކޯލް ސްކްރީނިންގ" (ނޭނގޭ ނަންބަރުތަކަށް އޮޓޯމެޓިކުން ޖަވާބުދީ މައުލޫމާތު ހޯދުން) އާއި "ހޯލްޑް އެސިސްޓް" (ހޯލްޑްގައި ހުންނަ އިރު ކޯލް މޮނިޓާކުރުން)، އަދި ބަސް ނޭނގޭ މީހުންނަށް ވާހަކަ ދެއްކުމަށް ލައިވް ޓްރާންސްލޭޝަން ފަދަ ފީޗާސްތަކެއް ހިމެނެއެވެ. އެޕަލް އިންޓެލިޖެންސްގެ ގާބިލިއްޔަތުތައް އައިއޯއެސް 26 ގައި އިތުރުކޮށްފައިވާއިރު، ޑިވެލޮޕަރުންނަށް އޮން-ޑިވައިސް ޕްރޮސެސިން އެކްސެސް ލިބިގެންދެއެވެ. ސްކްރީންޝޮޓްތަކަށް ވިޝުއަލް އިންޓެލިޖެންސް ރަނގަޅުވެ، ރިމައިންޑާސް ފަދަ އެޕްތަކުގައި އޮޓޯ-ކެޓަގަރައިޒޭޝަން ފަދަ އޭއައި ފީޗާސްތަކެއް ހިމެނެއެވެ. އެޕަލް މިއުޒިކަށް ލިކުއިޑް ގްލާސް އެލިމެންޓްތައް ހިމަނާފައިވާއިރު، ޔޫޒަރުންނަށް އެމީހުންގެ މުހިންމު ލައިބްރަރީ އައިޓަމްސް ޕިންކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި ލަވަތަކުގެ ލިރިކްސް އޮޓޯމެޓިކުން ތަރުޖަމާކޮށްދިނުމާއި، ލަވަތައް އެއްކޮށްލުމަށް އިންސާނަކު މަސައްކަތްކުރާ ފަދައިން މަސައްކަތްކުރާ "އޮޓޯމިކްސް" އޮޕްޝަނެއް ހިމެނެއެވެ. މީގެ އިތުރުން ވެސް އެޕަލް މެޕްސް އިން މުހިންމު ރޫޓްތައް ސޭވްކުރުމާއި، ހައިވޭ ނުވަތަ ދަތުރުކުރަން އުނދަގޫ މަގު ފަދަ ވަކި ބާވަތްތަކުގެ މަގުތައް އެވޮއިޑްކުރުމުގެ ފުރުސަތު ދެއެވެ. އަދި ޕަބްލިކް ޓްރާންސިޓް މައުލޫމާތު ރަނގަޅުވެފައިވާއިރު، ގިނަ ސިޓީތަކުގައި ބަސްދަތުރުތަކާއި ޓްރެއިން ރިއަލް-ޓައިމްގައި ޓްރެކްކުރުމާއި، ރައިޑް-ޝެއަރިން ސާވިސްތަކާއެކު އެޕްގައި ސީދާ ގުޅުވާލެވިފައިވެއެވެ. އެޕަލްގެ މި އާ އައިއޯއެސް 26 އަކީ މޯބައިލް އޮޕަރޭޓިން ސިސްޓަމަށް އައި ވަރަށް ބޮޑު ކުރިއެރުމެކެވެ. "ލިކުއިޑް ގްލާސް" ޑިޒައިނާއި، ކެމެރާ، ސަފާރީ، މެސެޖްސް، ފޯން، އަދި މިއުޒިކް ފަދަ އެޕްތަކަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ ސަބަބުން، އިތުރަށް ފަސޭހަ އަދި ވަރުގަދަ ޔޫޒާ އެކްސްޕީރިއަންސެއް ލިބިގެންދާނެއެވެ. އެޕަލް އިންޓެލިޖެންސްގެ ގާބިލިއްޔަތުތައް އިތުރުވުމުގެ ސަބަބުން އައިފޯނަކީ ޔޫޒަރުންގެ ދިރިއުޅުމުގައި އިތުރަށް ބޭނުންތެރި ވަސީލަތަކަށް ވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ