ވަންނާނެ ތަނެއް ނުދައްކައި އޮފީސް ހުސްކުރަން އެންގުމުން ސްކައުޓް އެސޯސިއޭޝަން މަގުމަތިވެއްޖެ ވަންނާނެ ތަނެއް ނުދައްކައި އޮފީސް ހުސްކުރަން އެންގުމުން ސްކައުޓް އެސޯސިއޭޝަން މަގުމަތިވެއްޖެ

ވަންނާނެ އިތުރު ތަނެއް ނުދައްކައި އޮފީސް ހުސްކުރަން އެންގުމުން ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެއްޖެ އެވެ.
ރާއްޖޭގެ ސްކައުޓް ހަރަކާތް ތަމްސީލުކުރާ ރަސްމީ އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި ސްކައުޓް އިދާރާ އަދި ފިހާރާ ހުސްކުރަން އަންގާފައި ވަނީ ސެޕްޓެމްބަރު 10، ގެ ކުރިންނެވެ. އެ މުއްދަތު މިއަދަށް ހަމަވިއިރު ވެސް ސްކައުޓުން ވަންނާނެ ތަނެއް ދެއްކިފައި ނުވެ އެވެ.
"އިތުރު އިމާރާތެއް ހަމަޖެހިފައި ނުވާތީ، އިތުރު އިމާރާތެއް ހަމަޖެހެންދެން ގައުމީ ސްކައުޓް އިދާރާ އަދި ފިހާރަ ވަގުތީ ގޮތުން ބަންދުކުރެވިފައިވާ ވާހަކަ ހިތާމައާއެކު ދަންނަވަން،" ސްކައުޓް އެސޯސިއޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ސްކައުޓުންގެ އިދާރާ ހިންގަމުން އަންނަނީ ޗާންދަނީ މަގުގައި ހުންނަ ކުރީގެ އަރަބިއްޔާ ސްކޫލް އިމާރާތުގަ އެވެ.
އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންނަށް ސްކައުޓް ހަރަކާތުގައި ބައިވެރިވެވޭއިރު 12 އަހަރަށް ވުރެ ކުޑަކުދިން ބައިވެރިވަނީ ކަބްސްކައުޓް ހަރަކާތުގަ އެވެ.
ސްކައުޓް ހަރަކާތް ރާއްޖޭގައި ރަސްމީކޮށް ފެށީ 1956 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ސްކައުޓް ގްރޫޕަކީ މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ގްރޫޕް، ފަސްޓް މާލޭ ސްކައުޓް ގްރޫޕެވެ.
ރަސްމީކޮށް އެސޯސިއޭޝަނެއްގެ ގޮތުގައި ސްކައުޓުން ރަޖިސްޓްރީވީ ޖެނުއަރީ 20، 1984، ގަ އެވެ. އަދި ޖުލައި 23، 1990، ގައި ވޯލްޑް އޯގަނައިޒޭޝަން އޮފް ސްކައުޓް މޫވްމަންޓުގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ