ފްލޮރެންސް، އިޓަލީ (ނޮވެމްބަރު 6) - އިޓާލިއަން ލީގުގެ ފިއޮރެންޓީނާ މި ވަގުތު ރެލިގޭޝަން ޒޯނުގައި އޮތް ކަމުގައި ވިޔަސް އެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވާން މަޝްހޫރު ކޯޗު، ރޮބާޓޯ މަންޗިނީ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިއޮރެންޓީނާގެ ކޯޗުގެ މަގާމު ހުސްވީ، ސްޓެފާނޯ ޕިއޯލީ އެ މަގާމުން ވަކިކުރުމުންނެވެ. ވިހި ޓީމު ވާދަކުރާ އިޓާލިއަން ލީގުގައި މި ވަގުތު ފިއޮރެންޓީނާ އޮތީ ފުލުގަ އެވެ. އެކަމަކު، އެ ޓީމަށް ކުރިން، ކުޅެ ކޯޗުކަން ކޮށްދިން މަންޗިނީ ހުރި އެ ޓީމާ ހަވާލުވާން ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ 25 އަހަރުކުރިން، މަންޗިނީ ކޯޗިން ކެރިއަރު ފެށީ ފިއޮރެންޓީނާ އިންނެވެ.
ދެ ފަހަރެއްގެ މަތިން އިންޓަ މިލާނާ ވެސް ހަވާލުވި މަންޗިނީ ވަނީ އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީ އާއި ތުރުކީގެ ގަލަސަތަރާއިގެ ކޯޗަކަށް ވެސް މަސައްކަތްކޮށްފަ އެވެ. މަންޗިނީ އެންމެ ފަހުން ހުރީ ސައުދީ އަރަބިއްޔާ ގައުމީ ޓީމުގެ ކޯޗަކަށެވެ. އެ ޓީމާ ހަވާލުވީ، އިޓަލީގެ ކޯޗުގެ ވަޒީފާ ދޫކޮށް ރެކޯޑް މުސާރަ އަކަށެވެ.
އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން، 2023 ވަނަ އަހަރު ދޫކޮށް، ސައުދީ އަރަބިއްޔާގެ ކޯޗުކަމާ ހަވާލުވާން ނިންމި ނިންމުމަކީ ހެދުނު ގޯހެއް ކަމަށް ރޮބާޓޯ މަންޗިނީ ވަނީ ދާދި ފަހުން ބުނެފަ އެވެ. އިޓަލީ އަށް ކުރިން ކުޅުނު މަންޗިނީ ވަނީ 2018 ވަނަ އަހަރު އެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވުމަށް ފަހު، 2023 ވަނަ އަހަރުގެ އޮގަސްޓް މަހު މަގާމުން އިސްތިއުފާ ދިނުމާ ހަމައަށް އެ ޓީމުގައި ޖުމްލަކޮށް ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން، އޭނާ ވަނީ އެ ޓީމަށް 2021 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ.
އެ ގޮތުން، 2023 ވަނަ އަހަރު އޮގަސްޓް މަހު ސައުދީގެ ކޯޗަކަށް ސޮއިކުރީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، އެ މަގާމުގައި އެއް އަހަރުވިތަނާ މަންޗިނީ މި ވަނީ ސައުދީ ފެޑެރޭޝަނާ އެކު، މަޝްވަރާކޮށް އެއްބަސްވުން ނިމުމަކަށް ގެނެސްފަ އެވެ. އެއީ، އޭޝިއަން ކަޕްގެ ނަތީޖާތައް ދިޔަ ގޮތުންނާއި ސައުދީ ފެޑެރޭޝަނާ މެދު ހިޔާލު ތަފާތުވުންތަކެއް އުފެދިގެންނެވެ.
ޔުވެންޓަސްގެ ކޯޗުކަން ލޫޝިއާނޯ ސްޕަލެއްޓީއާ ހަވާލުވުމުގެ ކުރިން، މަންޗިނީއާ މަޝްވަރާކުރި ކަމަށް ދެކެވޭ ވާހަކަ ވަނީ ދޮގުކޮށްފަ އެެވެ.
ފިއޮރެންޓީނާ ހާލުގައި އޮތަސް ހަވާލުވާން މަންޗިނީ ބޭނުން ފިއޮރެންޓީނާ ހާލުގައި އޮތަސް ހަވާލުވާން މަންޗިނީ ބޭނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ