ރާއްޖޭގެ އިގްތިސޯދު މިހާރު ރަނގަޅު މިސްރާބަކަށް ގެންދެވިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އުމްރާނީ ތަރައްގީގެ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފުން އަނދަވަޅަކަށް ވައްޓާލާފައިވާ އިގްތިސޯދު ސަލާމަތްކުރެވިފައިވާ ކަމަށެވެ.
ބުނީ ކީކޭ؟ - "ޑިފޯލްޓު ކުރުމަށް ޑިޒައިންކޮށްފައި އޮތް އިގުތިސޯދެއް ނަގާ ކޮޅަށް ޖަހާ، ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާ އެކު ސަރުކާރުގެ ތެރެއިން އެންމެން ވެގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު މި ސޮއިކުރުމާ ހަމައަށް ވެސް މި އާދެވުނީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އިގްތިސޯދުގައި ބުންވަރު ނެތް ނަމަ އަމިއްލަ ކުންފުނިތަކާ އެކު މަޝްރޫއުތައް ކުރިއަށް ގެންދަން އެއްބަސްވުންތަކުގައި ސޮއިނުކުރެވޭނެ ކަމަށެވެ.
"އިގްތިސޯދާ މެދުގައި، ސަރުކާރާ މެދުގައި ޕްރައިވެޓް ސެކްޓާގެ އިތުބާރު ނެތް ނަމަ މި ހިސާބަކަށް ނުގެނެވޭނެ،" ރައީސް ވިދާޅުވި އެވެ.
މިއަދު ސޮއިކުރި 206 މަޝްރޫއުގެ އިތުރުން ފާއިތުވި ދެ ދުވަހު ސޮއިކުރި މަޝްރޫއުތަކާ އެކު ޖުމްލަ 216 މަޝްރޫއެއް 123 ރަށެއްގައި ކުރިއަށް ގެންދަން 53 ކުންފުންޏަކާ ހަވާލުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
"މީގެ ނަތީޖާއަކަށް ވާނީ، އަޅުގަނޑު ޔަގީންކުރަން ރާއްޖޭގެ އިގްތިސޯދު ފުޅާވެގެން ދިއުން. އިގްތިސޯދަށް ދިރުން އައުން. ކޮންސްޓްރަކްޝަން އިންޑަސްޓްރީ ހާއްސަ ގޮތެއްގައި ކުރިއަރައިގެން ދިއުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދު މަސައްކަތް ހަވާލުކުރި ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ލަސްތަކެއް ނާންނާނެ ކަމަށެވެ.
"ޕޭމެންޓުގެ، ފައިސާ ލިބުމުގެ އެއްވެސް ތާށިކަމެއް ނާންނާނެ މަޝްރޫއުތަކެއްގައި ސޮއިކުރެވިގެން މި ދިޔައީ. އާންމުކޮށް ސަރުކާރު ތެރެއިން ފައިސާ ދޫކުރުމުގައި އެ ހުންނަ ދަތިކަމުގެ ތެރެއިން އެ އަންނަ ޑިލޭތައް އެއްވެސް ވަރަކަށް ނާންނާނެ،" ރައީސް ވިދާޅުވި އެވެ.
މިއަދު މަސައްކަތް ހަވާލުކުރި ކުންފުނިތަކަށް މަސައްކަތް ހަވާލުކުރީ، ރައީސް ވިދާޅުވި ގޮތުގައި، އޮންނަ އިޖުރާއަތްތަކުގެ ތެރެއިން، ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށެވެ.
ރައީސް ވަނީ ސަރުކާރުގެ މަޝްރޫއުތަކަށް ޕްރައިވެޓް ސެކްޓާ އިން ދޭ އެއްބާރުލުން ފާހަގަކުރައްވައިފަ އެވެ. ކުރިއަށް އޮތްތަނުގައި ވެސް މިފަދަ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އަމިއްލަ ފަރުދުން މުއްސަނދިކޮށްދޭން. އާންމު ފަރުދުންނަށް މިފަދަ މަޝްރޫއުތައް ލިބިގެން ދިއުމުން އެ އަންނަ ޗެއިންގެ ތެރެއިން އެތައް ބަޔަކަށް ފައިދާވާނެ. އޭގެ ސަބަބުން މުޅި އިގްތިސޯދު ވަރަށް ބިޒީ ވެގެންދާނެ. އޭގެ ސަބަބުން ޕްރޮޑަކްޓިވިޓީ އިތުރުވެގެންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އިގްތިސޯދު މިހާރު ރަނގަޅު މިސްރާބަކަށް ގެންދެވިއްޖެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ