ސޯޝަލް މީޑިއާއިން ބަލަން ބޭނުންވާ ހުރިހާ މަންޒަރުތަކެއް ފެނެ އެވެ. ހާއްސަކޮށް، އާއްމުކޮށް ބަލާ، ބަލަން ބޭނުންވާ އެއްޗެހި އަލްގޮރިދަމް މެދުވެރިކޮށް އެހެރީ ފެންނާށެވެ. އެ މީހާއަކީ ޝަހުވާނީ އެދުންތަކާ ދޯޅަ، އެ އެއްޗެހި ބަލައި ތަޖުރިބާ ކުރަން ބޭނުންވާ މީހަކަށް ވަނީ ނަމަ، އަތުގައި އޮންނަ ފޯނުން ވެސް އެ މަންޒަރުތައް ބަލާކަށް ރާއްޖޭގައި އެއްވެސް ހުރަހެއް ނެތެވެ.
"ހަގީގަތުގައި ވެސް އެއްވެސް ކޮންޓްރޯލެއް ނެތް. އެކަމަށް ބޭނުން ވާނަމަ، ބޭނުން ވަރަކަށް ބެލެން ފުރުސަތުތައް އެހެރީ،" މީގެ ދުވަސްކޮޅެއް ކުރިން، ފުލުހުންގެ އިސް ވެރިއަކު 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
އޭނާ އެ ވާހަކަތައް ދެއްކެވީ، ކުޑަކުދިންނާ ގުޅޭ ޖިންސީ މަންޒަރުތައް ބެލުން މި ސަރަހައްދުގައި ވެސް އެންމެ ގިނައީ ރާއްޖޭގައި ކަމަށް، އެކަމާ ގުޅޭ ބައިނަލްއަގްވާމީ ޖަމިއްޔާއަކުން ހެދި ސާވޭއަކުން ދެއްކުމާ ގުޅިގެންނެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ 10،000 މީހުންގެ ތެރެއިން 156 މީހުން، ކުޑަކުދިންނާ ގުޅުން ހުރި ޖިންސީ ވީޑިއޯ އާއި ފޮޓޯ ނުވަތަ ޗައިލްޑް ޕޮނޮގްރަފީ ބަލަ އެވެ.
މިއީ ގިނަ ބަޔަކަށް ސިހުން ގެނުވި އަދަދުތަކެއް ނަމަވެސް، ފުލުހުންގެ އިސްވެރިޔާ ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި އިއްޔެ މިއަދަކު ހިނގަމުން އަންނަ ކަމެއް ނޫނެވެ. އެކަމަކު އިތުރުވަމުން ބޮޑުވަމުން އަންނަ ޓްރެންޑެކެވެ. އެންމެ ބޮޑު ސަބަބަކަށް، އެ ފަދަ އެއްޗެހި ފަސޭހައިން ބެލެން ހުރުން އޭނާ ފާހަގަ ކުރެއްވި އެވެ.
ދިރާސާގައި އޮތީ ކޯއްޗެއް؟
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ބައިނަލްއަގްވާމީ ޖަމިއްޔާ ޗައިލްޑްލައިޓް އިން މިދިޔަ އަހަރު އާއްމު ކުރި ރިޕޯޓުން މުޅި ދުނިޔެއަށް ވެސް ސިހުން ގެނުވި އެވެ. ދުނިޔޭގެ ގިނަ ގައުމުތައް ހިމެނޭ ގޮތަށް އެ ޖަމިއްޔާއިން އާއްމު ކުރީ، ޓެކްނޮލޮޖީ އާއި މި ޒަމާނުގެ ވަސީލަތްތަކުގެ ޒަރީއާއިން ކުޑަކުދިންނަށް ލިބޭ ޖިންސީ އަނިޔާގެ ތަފާސްހިސާބެވެ. އެއިން ދައްކާގޮތުގައި 300 މިލިއަން ކުޑަކުދިން އެކަމުގައި ވަނީ ބަނދެވިފަ އެވެ.
އެ ޖަމިއްޔާގެ މި އަހަރުގެ ރިޕޯޓު ވަނީ އެއަށް ވުރެ ތަފްސީލުކޮށްފަ އެވެ. ސަރަހައްދީ ގޮތުން ބަހާލައި، ވަކިވަކި ގައުމުތަކަށް ފޯކަސްކޮށްފައިވާއިރު މި އަހަރުގެ ރިޕޯޓުގައި އާއްމުކޮށްފައިވަނީ ޔޫރަޕްގެ ހުޅަނގުގެ ގައުމުތަކާއި ދެކުނު އޭޝިއާގެ ގައުމުތަކުގެ މައުލޫމާތެވެ. އެއިން ކޮންމެ ގައުމެއްގައި ވެސް އިންޓަނެޓް މެދުވެރިކޮށް، ކުޑަކުދިންނާ ގުޅުން ހުރި ނޭދެވޭ ވީޑިއޯ އާއި ފޮޓޯ ބަލާމިންވަރު އާއްމުކޮށްފައި ވެ އެވެ.
މީގެ ތެރެއިން ވެސް ރާއްޖޭގެ 2023 ވަނަ އަހަރު މައުލޫމާތު އޮތީ 'ހައިލައިޓް'ވެފަ އެވެ.
ދިރާސާގައި ދައްކާގޮތުގައި:
ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 156 މީހުން އެ ފަދަ އެއްޗެހި ބަލާ
މިދިޔަ އަހަރު އެ މިންވަރު، 94 މީހުންނަށް މަދުވި ނަމަވެސް ސަރަހައްދީ ނިސްބަތުން އެންމެ ގިނައީ ރާއްޖޭގައި
ދެވަނައިގައި އޮތީ ބަންގްލަދޭޝް، އެ ގައުމުގައި އެ ފަދަ ތަކެތި ބަލާއުޅެނީ ކޮންމެ 10،000 މީހަކުން 64 މީހުން
އާބާދީ ބޮޑު އިންޑިއާއަށް ބަލާއިރު އެ ނިސްބަތް އުޅެނީ 62ގައި
ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކުރުމުގައި ވެސް އަވަށްޓެރި އެހެން ގައުމުތަކަށް ވުރެ ރާއްޖޭގައި ނިސްބަތުން އެކަން އުޅެނީ މާކުރީގަ އެވެ.
'ދައުރު'އާ ވާހަކަ ދެއްކެވި ފުލުހުންގެ އިސްވެރިޔާ ވިދާޅުވީ ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވެސް ރާއްޖޭގައި އިންތިހާއަށް ގިނައިރު، މި ފަދަ މަންޒަރުތަކުން އަދި އެކަން މާބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމަށެވެ. މި ފަދަ މަންޒަރުތައް ބަލާނަމަ، އެއަށް އަމަލުކުރުމުގެ ފުރުސަތު ބޮޑުވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިކަން ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ، ކުރިއަށް އޮތްތަނުގައި މިކަން އަދި މާބޮޑަށް ގޯސްވެގެން ހިނގައިދާނެ،" އޭނާ ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން އެއާމެދު ވިސްނައި ފިޔަވަޅުތައް އަޅަން މަޖުބޫރު ތަފާސްހިސާބުތަކެއް."
ކުޑަކުދިންނާ ގުޅޭ ޖިންސީ މަންޒަރުތައް ބެލުމުގައި ރާއްޖެ އުޅެނީ މާ ކުރީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ