ނަމާދުކުރުން މަނާ ވަގުތުތަކެއް ހުރެއެވެ.

ނަމާދާ އެއާ ގުޅިފައިހުރި ޙުކުމްތައް އެނގުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ޢައިނިއްޔަ ފަރުޟެކެވެ. އެ ގޮތުން ނަމާދުކުރުން މަނާ ގަޑިތަކެއް އޮންނަކަން ވެސް ދަންނަން ވާނެއެވެ. ނަމާދުކުރުން އާންމުކޮށް އޮންނަނީ ކަނޑައެޅިފައި ހުންނަ ވަގުތުތަކެއްގައެވެ. އެއީ ފަރުޟު ނަމާދުކަމުގައި ވިޔަސް އަދި ސުންނަތް ނަމާދުކަމުގައި ވިޔަސް މެއެވެ. ސުންނަތް ނަމާދުތަކުގެ ތެރޭގައި ކޮންމެ ވަގުތަކު ވެސް ކުރެވިދާނެ ނަމާދު ހުރެވެ. އެހެނެއް ކަމަކު އެ ގޮތަށް ކޮށްލާ ސުންނަތް ނަމާދު ވެސް، ނަމާދުކުރުން މަނާ ގަޑިއެއްގައި ކުރުން ހުއްދައެއް ނުވާނެއެވެ. ފަރުޟު ނަމާދުތަކަށް ބަލާއިރު، އެއީ ވަގުތު ކަނޑައެޅިގެން އޮތް އެއްޗެކެވެ. އޭގެ ވަގުތުތަކަކީ ވެސް ދެ ގަޑިއެއް ދޭތެރެއަށް ފެތޭ ގޮތަށް އޮންނަ އެއްޗެކެވެ. އެ ދެ ވަގުތުގެ ދޭތެރޭ ފަރުޟު ނަމާދު ކުރުމުން މުސްލިމު އަޅާގެ މައްޗަށް އޮތް ތަކުލީފު އޭނާގެ ކިބައިން ފިލާއިދާނެއެވެ. ފަރުޟު ނަމާދެއް ނުކޮށް ދޫނޮށްލުމަކީ އިސްލާމްކަމުގެ ތަރަހައިން މީހާ ނުކުމެ، ކާފިރެއްގެ ގޮތުގައި ވެދާނެ ކަމެކެވެ. ސުންނަތް ނަމާދުތަކުގެ ވަގުތުތައް ވެސް ދެމިގެންދާ ވަގުތުތަކާއި އަވަސްކޮށް ނިމޭ ވަގުތުތަށް ހުރެއެވެ. ކުރީގައި ވެސް ދެންނެވިފަދައިން އެއްވެސް ޚާއްޞިއްޔަތެއް ނެތި މީހަކު ނަމާދެއް ކޮށްލަން ބޭނުންވެގެން ސުންނަތް ނަމާދެއް ކުރަންޏާ، ނަމާދުކުރުން މަނާވަގުތުތަށް ފިޔަވައި ކޮންމެ ވަގުތެއްގައި ވެސް އެ ނަމާދު ކުރެވިދާނެއެވެ. ނަމާދުކުރުން މަނާވެފައި އޮންނަ ވަގުތުތައް ތިނެކެވެ. އިރު އަރާ ވަގުތާއި އިރު މެދުޖެހޭ ވަގުތާއި އިރު އޮއްސޭ ވަގުތެވެ. އިސްލާމީ ފިޤުހުގައި މި ތިން ވަގުތު ތަފްސީލީ 5 ވަގުތަށް ޢިލްމުވެރިން ބައްސަވައެވެ. އެއީ ފަތިސްނަމާދު ކުރުމަށްފަހު އިރުއަރަންދެން އޮންނަ ވަގުތާއި އިރު އަރާ ވަގުތުން ފެށިގެން ލޮންސިއެއްގެ މިންވަރަށް އިރު އަރަންދެ ހިނގާ ވަގުތާއި މެންދުރުގެ އިރު އެންމެ ހޫނުވެ މެދު ޖެހުނީއްސުރެ، އިރު މެދުން ފިލަންދެން އޮންނަ ވަގުތާއި ޢަޞުރު ނަމާދުކުރުމަށްފަހު އިރު އޮއްސެންދެން އޮންނަ ވަގުތާއި އިރުއޮއްސެން ފެށީއްސުރެ ފުރިހަމައަށް އިރު އޮއްސެންދެން އެ ހިނގާ ވަގުތެވެ. ޢުޤްބާ ބުން ޢާމިރު رضي الله عنه ވިދާޅުވިއެވެ. ثَلَاثُ سَاعَاتٍ كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَنْهَانَا أَنْ نُصَلِّيَ فِيهِنَّ، أَوْ أَنْ نَقْبُرَ فِيهِنَّ مَوْتَانَا: «حِينَ تَطْلُعُ الشَّمْسُ بَازِغَةً حَتَّى تَرْتَفِعَ، وَحِينَ يَقُومُ قَائِمُ الظَّهِيرَةِ حَتَّى تَمِيلَ الشَّمْسُ، وَحِينَ تَضَيَّفُ الشَّمْسُ لِلْغُرُوبِ حَتَّى تَغْرُبَ» [رواه مسلم 293 – (831)] މާނައީ: ތިން ވަގުތެއްގައި ނަމާދުކުރުމާއި، މަރުވެފައިވާ މީހުން ވަޅުލުން، ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ނަހީކުރެއްވިއެވެ. "(އެއީ) އިރުއަރަމުން އަންނަ ވަގުތު އޭގެ ދޮންކަން ރަނގަޅަށް ގަދަވެ ލޮންސިއެއްގެ މިންވަރަށް އިރު އަރަންދެނެއެވެ. އަދި މެންދުރުގެ އިރު މެދުޖެހި، އެންމެ ހޫނު ގަދަވީއްސުރެ އިރު މެދުން ފިލަންދެނެވެ. އަދި އިރު އޮއްސެންދާން ފެށީއްސުރެ އިރު އޮއްސެންދެނެވެ." މި ދެންނެވި ވަގުތުތަކުގައި ނަމާދުކުރުން ނަހީވެ މަނާވެގެން ވެއެވެ. އެ ނަމާދަށް ސަބަބެއް ލިބިގެންވާ ނަމާދެއް މެނުވީއެވެ. ސަބަބު ލިބިގެންވާ ނަމާދަކީ ކޮންމެވެސް ކަމަކައި ގުޅިގެން ކޮންމެ ހެން ކުރަންޖެހުނު ނަމާދެވެ. މިސާލަކަށް މިސްކިތައް ވަނީތީ ކުރަން އޮންނަ ސުންނަތް ނަމާދެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «فَإِذَا دَخَلَ أَحَدُكُمُ الْمَسْجِدَ، فَلَا يَجْلِسْ حَتَّى يَرْكَعَ رَكْعَتَيْنِ» [رواه مسلم 70 – (714)] މާނައީ: "ފަހެ ތިޔަބައިމީހުން މިސްކިތަށް ވަދެއްޖެއްޔާ، ދެ ރަކުޢަތް ނަމާދެއް ނުކޮށް މިސްކިތުގައި ނުއިށީންނާށެވެ." މި ގޮތަށް ނަސޭހަތެއް އޮތަތީވެ އެއޮތީ ނަމާދުކުރުމަށް ސަބަބެއް އުފެދިފައެވެ. އެ ސަބަބު ދެމޮއޮތަތީވެ މިސްކިތަށް ވަދެވުނު ވަގުތަކީ ނަމާދުކުރުން މަނާ ވަގުތެއް ކަމުގައި ވިޔަސް، ސަބަބު އޮތް ނަމާދު ކުރަންވާނެއެވެ. ހަމަ އެ ގޮތަށް އެއްވެސް ސަބަބަކައިހުރެ ނުކޮށް ދޫވެފައި އޮތް ފަރުޟު ނާމާދެއް އޮއްވާ ނަމަދު މަނާ ވަގުތު ވަނަސް ނުކުރެވި އޮތް ފަރުޟު ނަމާދު ކުރަންވާނެއެވެ. އެއީ އެ މީހާގެ މައްޖަށް ވާޖިބުވުމުގެ ސަބަބު އޮތް ނަމާދެވެ. ނަމާދު ކުރުން މަނާވެފައި އޮތް ވަގުތު ތަކުގައި ވެސް ސަބަބުވެރިނަމާދު ކުރުން ހުއްދަވާނެ ކަމަށް ޢީލްމުވެރިން ބުނުއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ