ފުލެޓުތަކުގެ ކުއްޔާއި ޖޫރިމަނާއަށް ލުއި ގޮތްތައް ހަމަޖައްސައިދެނީ ދައުލަތަށްގެއްލުން ނުވާނެގޮތަށް: ރައީސް

ސޯޝަލް ހައުސިންގެ ތެރެއިން ދޫކޮށްފައިވާ ފުލެޓުތަކުގެ ކުއްޔާއި ޖޫރިމަނާއަށް ލުއި ގޮތްތައް ހަމަޖައްސައިދެނީ ދައުލަތަށް ގެއްލުން ނުވާނެގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. 
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މަޢާފްކޮށްދިނުމުގެ އިތުރުން، އެފްޑީސީގެ ފްލެޓްތަކުގެ ކުލި ސަރުކާރުން ވަނީ ކުޑަކޮށްފައެވެ. ސަރުކާރުން މިގޮތަށް ނިންމަވާފައިވަނީ، ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ދަތިތައް ދިމާވެފައިވާ މީހުންނަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ފުލެޓުތަކުގެ ކުލި މައާފުކުރަމުންދަނީ އެއްވެސް ވަރަކަށް ބެލުމެއް ނެތިކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެއީ ހަޤީގަތެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ސަރުކާރުން ކުރާ ކޮންމެ ކަމެއް ކުރަނީ ރައްޔިތުންގެ ހާލަތާއި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި ރަނގަޅަށް ދިރާސާކޮށްފައިކަމަށެވެ.
އަދި އިޤްތިސާދައް ގެއްލުންވާގޮތަށް ނުވަތަ ދައުލަތަށް ގެއްލުންވާނޭގޮތަށް އެއްވެސް ކަމެއް ނުކުރައްވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ކުއްޔަށް ލުއިދިނުންފަދަ ކަންކަން ކުރަނީ ދައުލަތަށާއި ރައްޔިތުންނަށް އޭގެ މާލީ ބުރަ ބޮޑުނުވާނޭގޮތަށްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ