ތިމާއަށް ކުރަންޖެހޭ ކަންކަން ނުކުރެވިގެންނާއި ކާމިޔާބުކުރަން ބޭނުންވާ ކަންކަން ކާމިޔާބުނުކުރެވިގެން ކަންބޮޑުވާންޖެހިފައި ތިބި މީހުންގެ ޢަދަދު އެތައް މިލިއަނަކަށް އަރައެވެ. އެކަމަކު ފަތިސްނަމާދުކުރަނީ ހާދަމަދު ޢަދަދެއްގެ ބައެކެވެ. މިވަނީ ކިހިނަކުން ހެއްޔެވެ؟ މިއީ ވިސްނާލުން މުހިންމު ކަމެއް ނޫން ހެއްޔެވެ؟
އަހުރެން ދިރިއުޅޭ ފްލެޓާއި އިންވެގެން ހުންނަ ފްލެޓުގައި ދިރިއުޅެނީ އެހެން ދީނެއްގެ ޒުވާން ދެމަފިރިއަކާއި އެމީހުންގެ ދަރިފުޅެވެ. އެކަމަކުވެސް ފަތިހު 4.30 ގައި ތިބެނީ ހޭލައެވެ. އެކަން އެނގެނީ ފަތިސްނަމާދަށްދިއުމަށް ނުކުންނައިރު އެމީހުން ވާހަކަދައްކާ އަޑުއިވޭތީއެވެ. އެމީހުން ހޭލަނީ އެދުވަހު ކުރަންހުރި ކަންކަމަށް ތައްޔާރުވުމަށެވެ. އެކަމުން އެނގެނީ ކާމިޔާބު ދިރިއުޅޭ ކާފިރުންވެސް ފަތިހު ހޭލުމުގެ މުހިންމުކަން ޤަބޫލުކުރާ ކަމެވެ.
ތިބާއަށް ފަތިހު ނުހޭލެވުނީއެވެ. ހޭލެވުނީ ލަހުންނެވެ. ފަތިސްނަމާދު ޤަޟާކުރާނެ ވަޤުތު ނެތިގެން ތިބާ ދިއައީ ވަޒީފާއެއް ހޯދަން ދާންޖެހޭ އިންޓަރވިޔު އަކަށެވެ. އިންޓަރވިޔުއިން ތިބާ ފާސްނުވީއެވެ.
މިޙާލަތުގައި ވަރަށް ފަސޭހައިން ބައެއް މީހުން ގޮތް ނިންމައެވެ. ފާސްނުވީ، ވަޒީފާ ނުލިބުނީ ފަތިސްނަމާދު ނުކުރެވުނީތީ ކަމަށެވެ.
ނަމަވެސް މިއީ އަދި އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. އެކަން އެގޮތަށް މެދުވެރިކުރެއްވެވި ސަބަބު އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. ނުވެސް އެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
އެހެންކަމާއިއެކުގައިވެސް އަހުރެމެންގެ މައްޗަށް އޮތް ވާޖިބެއް ވެއެވެ. އެއީ ފަތިސްނަމާދުކުރާ މީހަކު ކަމުގައިވުމެވެ. ފަތިސްނަމާދުން ދުވަސްފަށާ މީހަކު ކަމުގައިވުމެވެ. ފަތިސްނަމާދު ކުރުމަށްފަހު ޛިކުރުކޮށް ދުޢާކުރާ މީހަކު ކަމުގައިވުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަމާއިއެކު ދުވަސް ފެށުނުކަމަށްވާނީ އެއިރުންނެވެ.
ފަތިސްނަމާދުކުރުން އޮތީ އިންޓަރވިޔުއަކަށް ދާން އޮތުމަކުން ނޫނެވެ. ﷲ ތަޢާލާ ތިމާގެ މައްޗަށް ފަރުޟުކުރައްވަވާފައިވާ ކަމަކަށްވާތީއެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވަތެވެ. އެފަދަ މީހަކު ކަމުގައި ވެވިއްޖެނަމަ ދުނިޔޭގައިވެސް އެމީހަކަށް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. ކުރަން މަސައްކަތްކުރާ ކަންކަން ކާމިޔާބުވާ ސަބަބަކަށްވެސް އެކަންވާނެތެވެ. އިން ޝާ ﷲ
ތިބާއަކީ ޤަވާޢިދުކޮށް ފަތިސްނަމާދުކުރާ މީހަކު ކަމުގައިވެފައި، ހޭލަން މަސައްކަތްކުރުމުން ނުހޭލެވުނު ނަމަވެސް ކަންބޮޑުނުވާށެވެ. އެއީވެސް ﷲ ތަޢާލާ ތިބާއަށް ލެއްވެވި ރަޙްމަތެކެވެ. އޮތީ ހޭލެވުނުހައި އަވަހަކަށް ފަތިސްނަމާދު ކުރުމުވެ. އިހުސުންނަތް ވެސް ކުރުމާއިއެކުގައެވެ.
ފަތިސްނަމާދަކީ ދުވަހުގެ ކާމިޔާބީގެ ތަޅުދަނޑިއެވެ. ދުވަހަށް ދޮރުހުޅުވަންވީ އެތަޅުދަނޑިންނެވެ. އެއިރުން އެމީހަކާއިއެކުގައި ﷲ ތަޢާލާގެ ރައްކައުތެރިކަމާއި ރަޙްމަތް ވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ފަތިސްނަމާދުން ދުވަސް ނުފެށުމަކީ އެދުވަހު ކުރަންހުރި ކަންކަން ކުރެވުމަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބިދާނެ އެންމެ ބޮޑު ސަބަބު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ