ދީނީ މިޘާލަކުން ފަށާނަމެވެ. ބުނާނީ އިސްލާމް ދީނުގައިވަނީ އެންމެ ރަނގަޅު ގޮތް ކަމަށާއި ދީނަށް ޢަމަލުކުރަން ބޭނުން ކަމަށެވެ. ދީނަށް ޢަމަލުކުރަން އެހެން މީހުންނަށް ނަބީޙަތްވެސްދޭނެއެވެ. އެކަމަކު ތިމާއަށް އޮންނަނީ ޢަމަލުނުކުރެވިފައެވެ. އަދި ދީނުގައި މަނާކުރެވިފައިވާ ކަންކަން ކުރެވިފައެވެ.
މިއީ ގިނަ ބައެއްގެ އާދަ ނޫންކަމަކަށް ނުބުނެވޭނެއެވެ. ހަމަ އެގޮތަށް އަމިއްލަ ޒަވާޖީ ޙަޔާތާއިމެދުގައިވެސް ޢަމަލުތައް މިކުރެވެނީ ހަމަ އެފަދަ ގޮތަކަށެވެ.
ގިނަ ފިރިހެނުން އެމީހުންގެ އަނބިންކަމުގައި ހަދަން (ކައިވެނިކުރަން) ބޭނުންވާކަމަށް ބުނާ އަންހެނުންގެ ސިފަތަކާއި އެމީހުން ޢަމަލުކުރާ ގޮތާއި ވަރަށް ތަފާތެވެ. މިއީ ވަރަށް ބޮޑަށް ސަމާލުކަން އިތުރުކުރަންޖެހިފައިވާ ކަމެކެވެ.
މިޘާލަކަށް އެމީހުން ބުނާނީ ބޭނުންވަނީ އެމީހުންގެ ދިރިއުޅުމަށް އިތުރުކުރިއެރުން ހޯދައިދޭނެ އަންތބަކުކަމަށެވެ. ގެވެށި، ދަރިން ތަރުބިއްޔަތުކުރަން ސަމާލުކަންދޭ، ޚަރަދުތައް ކުޑަކުރަން މަސައްކަތްކުރާނެ އަންތބަކު ކަމަށެވެ. އެކަމަކު ކަންކަން ވަނީ ކިހިނަކުންހެއްޔެވެ؟
އެފަދަ އަންތބަކު ލިބިފައިވަނިކޮށްވެސް އެފަދަ ސިފައެއް ނެތް އެކަމަކު އެއްދާންކުރަން ކުޅަދާނަ އަންހެނަކާއި ބައްދަލުވެއްޖެނަމަ ނުވަތަ ބޭރުފުށުގެ ސިފަރީތި އަންހެނަކާއި ބައްދަލުވެއްޖެނަމަ ލިބިފައިވާ )ތިމާ ބޭނުންވެގެން އުޅުނު ސިފަތައް ހުރި) އަނބިމީހާ ވަރިކޮށްލާފައިވެސް އެއަންހެނަކާއި އެބަ ކައިވެނިކުރެއެވެ. ދަރިން ލިބިފައިވާނަމަ އެކަމަށްވެސް ބެލުމެއް ނެތިއެވެ.
ދިރިއުޅުމަށް ކުރިއެރުމެއް ނުލިބޭކަމާއި ކުރަންޖެހޭ ޚަރަދުތައް އެތައް ގުނައަކަށް ބޮޑުވެގެންދާކަން އެނގެނީ މީހާ ބަނގުރޫޓްވާފަހުންނެވެ. އެހިސާބުން ކުރެވުނު މޮޔަކަންތައް ވިސްނި އަތުންފައިން ބޮޑެތި ގޯސްތައްވެސް އެބަހަދައެވެ.
ކުރިން މިބުނި ފަދަ ސިފަތައް ހުންނަ ފިރިހެނުންނާއި ބައްދަލުވުމުން މި މޮޔަ ކަންތައް އަންހެނުންވެސް ކުރެއެވެ. އަނބިންނަށް ގިނަފަހަރު ޚަރަދުކުރަނީ ފިރިންކަމަށްވުމުން އަންހެނުން މާލީ ގޮތުން ބަނގުރޫޓުނުވެދާނެއެވެ. ނަމަވެސް މިބުނި ސިފަތަކަށް ބަލައިގެން ފިރިމީހާ ގާތުންވަރިވެ އެމީހަކާއި ކައިވެނިކުރުމުން ދެން ކުރިމަތިވާ މައްސަލަތަކުގެ ސަބަބުން ދިރިއުޅުން ވީރާނާވެގެންދެއެވެ. ދިރިއުޅުން ބަނގުރީޓުވެއެވެ.
ވީމާ އުފާވެރިކަމާއިއެކު ޒަވާޖީ ޙަޔާތް ހޭދަކުރަން ބޭނުންވާނަމަ މިބުނި ދެ ކަންތަކަށް އިސްކަންދީގެން އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. އެއިގެ ބަދަލުގައި އަޚްލާޤަށާއި ދީންވެރިކަމަށް ބަލައިގެން ކައިވެނިކުރާނަމަ ނުކުންނަ ނަތީޖާ މާފޮނިވާނެއެވެ. މާބޮޑަށް ކާމިޔާބުވާނެއެވެ.
އަނބިންގެ އަޚްލާޤް މާނަކުރުމުގައި ބައެއް މީހުންނަށް ބައެއް ކަންކަން އޮޅޭގޮތްވެސްވެއެވެ. ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމާއި ގޭތެރޭގެ ކަންކަން ބެލެހެއްޓުމާއި ޚަރަދުކުޑަ ދިރިއުޅުމެއް އުޅުމަކީވެސް ރިވެތި އަޚްލާޤްގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައިވީނަމަވެސް ގިނަ ބައަކަށް އެކަން އޮންނަނީ އޮޅިފައެވެ. މިއީވެސް ހޭލުންތެރިކަން އިތުރުކުރަންޖެހިފައިވާ ކަންކަމެވެ.
- އިސްލާމީ ތިލަަފތުގެ ދަރުސަކުން
ތިމާ ބޭނުންވި ރަނގަޅު ސިފަތައް ހުންނަ އަނބިމީހާ ދޫކޮށްލައި ނުވަތަ އިންދައިވެސް ބޭނުންނުވި ސިފަތައް ހުންނަ މީހުންނާ ގުޅުން- ދިރިއުޅުން ހަލާކުވަމުންދާ އެންމެ ބޮޑު ސަބަބު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ