އާންމު މީހެއްގެ އެދުމެއް ރައީސަށް: ނުދައްކާ ކުއްޔާއި ޖޫރިމަނާ މައާފުނުކޮށްދީ

ކުލި ދައްކާ ގޮތަށް އެއްބަސްވެ، ސޯޝަލް ހައުސިން ސްކީމުން ފްލެޓު ލިބުމުން ނުދަައްކާ ކުއްޔާއި ޖޫރިމަނާގެ ފައިސާ މައާފުނުކޮށްދިނުމަށް އާންމުންގެ މީހަކު ރައީސް މުހައްމަދު މުއިއްޒުގެ އަރިހުން ރޭ އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ހުޅުމާލެ ދެވަނަ ފިޔަވަހީން ދޫކޮށްފައިވާ ހިޔާ ފްލެޓުތަކުން ކުލި ނުދައްކާ މައްސަލަ ބޮޑުވެ، ފިޔަވަޅު އަޅާނެ ކަމަށް ބުނުމަށް ފަހު، އެތަންތަނަށް ކުލި ނުދައްކައިގެން އަރާފައިވާ މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ޖޫރިމަނާ އަނެއްކާވެސް ސަރުކާރުން މިހާރު ވަނީ މައާފުކޮށްދީފަ އެވެ. މިދިޔަ އަހަރުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާއަށް 1.2 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.
ތަފްސީލް - ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދެއްކި އާންމުންގެ މީހަކު ވާހަކަ ފެށީ ވެސް ވޭތުވެދިޔަ 40 ވަރަކަށް އަހަރު ތެރޭ އެއްވެސް ޕްލޭނެއް ނެތި 'ތާކުންތަކު ނުޖެހޭ' ގޮތަށް ގައުމުގެ ކަންކަން ދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"މި ގައުމުގެ އެއްވެސް ވިޝަނެއް، ޕްލޭނެއް ނެތް. ރަނގަޅު ތަރައްގީގެ، އިޖްތިމާއީ ގޮތުން ވެސް، މާލީ ގޮތުން ވެސް، އުމްރާނީ ގޮތުން ވެސް، އެއްވެސް ޕްލޭނެއް ހެދިފައެއް ނެތް،" އޭނާ ބުންޏެވެ.
ދެވަނަ ކަމަކަށް، އޭނާގެ އަމިއްލަ އެދުމެއްގެ ގޮތުގައި ރައީސަށް ދެންނެވީ އޭނާގެ ފްލެޓުގެ ކުއްޔާއި ކުލި ނުދެއްކައިގެން އަރާ ޖޫރިމަނާގެ ފައިސާ ވެސް މައާފުކޮށް ނުދެއްވުމަށެވެ.
އޭނާ ބުނީ:
އެ ފްލެޓަށް ކުރިމަތިލީ ވަކި ޝަރުތުތަކެއް އޮވެގެން. އެތަން ދެނީ ވަކި އަގެއްގައި ކަން އެނގި ހުރެ ކޮންމެ މަހަކު އެ ފައިސާ ދައްކަން އެއްބަސްވެގެން
އެހެންވީމާ އެތަނަށް ދައްކަން ޖެހޭ ކުއްޔަކީ ދައްކަން ޖެހޭނެ އެއްޗެއް
އެއްބަސްވުމުގައި މަހުން މަހަށް ކުލި ދައްކަން ބުނެފައި އޮއްވާ އެ ކުލި ނުދައްކާތީ އަރާ ޖޫރިމަނާ ވެސް ޖެހޭނީ ދައްކަން
"އަޅުގަނޑުގެ ކުލި މައާފު ނުކޮށްދެއްޗޭ. އެ ފްލެޓަށް ކުލި ނުދައްކައިފިއްޔާ އަރާ ޖޫރިމަނާ ވެސް އަޅުގަނޑަށް މައާފު ނުކޮށްދެއްޗޭ،" އޭނާ ރައީސަށް ދެންނެވި އެވެ.
"އަޅުގަނޑު ކުށެއް ކުރީމާ ލިބެން ޖެހޭ ހައްގު އަދަބު ލިބެން ޖެހޭނެ. އަޅުގަނޑު ޖޫރިމަނާ ވެސް ދައްކަން ޖެހޭނެ. ކުއްޔަށް އުޅޭ ތާކަށް ކުލި ވެސް ދައްކަން ޖެހޭނެ."
ރައްޔިތުންގެ ޕްރެޝަރުގައި އެތަންތަނުގެ ކުލި ކުޑަކޮށްދޭން ޖެހޭ ނަމަ ރާއްޖޭގެ ހުރިހާ ސޯޝަލް ހައުސިން މަޝްރޫއަކަށް ވެސް ހަމަހަމަވާ ގޮތަށް އެކަން ކުރަން ވެސް އޭނާ އެދުނެވެ.
އެނގުން މުހިންމު - ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް 2023ގައި ވެސް މައާފުކޮށްދިނެވެ. އަނެއްކާ މިދިޔަ އަހަރުން ފެށިގެން ނުދައްކާ ކުލީގެ ޖޫރިމަނާ ވެސް މައާފުކޮށް ދިންއިރު، މީގެ ކުރިން ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ސަރުކާރުން ދޫކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ފްލެޓުތަކުން ކުލި ނުދައްކާތީ ދައުލަތަށް ބުރަ ބޮޑުވެ އެވެ. އެހެންވެ ކުލި ނުދައްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭރު ބުނެފައިވެ އެވެ.
އެޗްޑީސީން ބަލަހައްޓާ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،219 ފްލެޓަކުންނެވެ. އަދި 5،099 ފްލެޓަށް ގަވާއިދުން ކުލި ނުދައްކަ އެވެ.
އެޗްޑީސީން މިދިޔަ ޖުލައި މަހު ބުނި ގޮތުގައި ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނުލިބި ހުރި ފަައިސާގެ އަދަދު 628 މިލިއަން ރުފިޔާއަށް އަރަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ