ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ސަރުކާރުން ހަވާލުކުރީ ރޭ ފޮނަދޫ ރައްޔިތުންނާއެކު ރައީސް މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުމުގަ އެވެ.
މި މަޝްރޫއުގެ ދަށުން އެއާޕޯޓު ބޮޑުކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ފޮނަދޫއަށް ބޭނުންވާ ބިން ހިއްކުން ހިމެނޭ ކަމަށް ރޭ މުއިއްޒު ވިދާޅުވި އެވެ. މިއީ ވެރިކަމުގައި އެމަނިކުފާނު ފޮނަދޫއަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ. ފުރަތަމަ ދަތުރު ކުރެއްވީ މަޖިލިސް އިންތިހާބާއި ދިމާކޮށް އެޕްރީލް 2024 ގަ އެވެ.
ރައީސް އޮފީހުގެ އެކްސް އެކައުންޓުގެ ޕޯސްޓުތަކާއި ވެބްސައިޓުގައި ހުރި ހަބަރުތަކުން ފެންނަ ގޮތުގައި އެޕްރީލް 11، 2024، ގައި ފޮނަދޫގައި ބޭއްވި ޖަލްސާގައި ހަމަ މި މަޝްރޫއުގެ ފަހުމުނާމާ އެއްގައި ސޮއިކުރި އެވެ. އެފަހަރު މަޝްރޫއު ހަވާލުކުރީ ޗައިނާ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ) އާ އެވެ.
ސަރުކާރުގެ ފަރާތުން އެމްއޯޔޫ ގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެވެ. އެ މަޝްރޫއުގެ މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ ރޭ މުއިއްޒު ދެއްވި އެވެ. މި މަޝްރޫއުން ލ. އަތޮޅަށް އިގުތިސާދީ ފުދުންތެރިކަން ގެނުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އިގުތިސާދީ ފުދުންތެރިކަން ގެނައުމަށްޓަކައި ދުރު ރާސްތާއެއްގައި އެކަން ކުރުމަށްޓަކައި ކައްދޫ އެއަރޕޯޓުގެ ބިޔަ މަޝްރޫއެއް ހިންގަން މިޖެހެނީ. އެހެންވީމާ، މި މަޝްރޫއުގައި މިރޭ ސޮއިކުރެވިގެން މިދިޔައީ. އެއާ އެކީގައި، އެ އެއާޕޯޓް މަޝްރޫއާ އެކީގައި، އަޅުގަނޑުމެންގެ ވިސްނުމަކީ، ކައްދޫގެ އެއްބަޔަކީ ޓޫރިޒަމަށްވެސް ހާއްސަކުރެވޭ ތަނަކަށް ހެދުން،" މީގެ ދޮޅު އަހަރު ކުރިން މުއިއްޒު ވިދާޅުވި އެވެ.
އޭރު މުއިއްޒުގެ ވިސްނުން ހުރީ މިހާރު މަޝްރޫއު ހަވާލުކުރި އެމްއޭސީއެލްގެ ދަށަށް ގެންދަން ނިންމާފައިވާ ރީޖަނަލް އެއާޕޯޓްސް އިން ކައްދޫ އެއާޕޯޓު ހިންގުމަށެވެ. އެ ޕްލޭން ވެސް މިހާރު ބަދަލުވެއްޖެ އެވެ.
ދޮޅު އަހަރުން ބަދަލުވި ޕްލޭން ތިލަކޮށްދެއްވުމުން ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރޭ މުއިއްޒު ވިދާޅުވީ ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓަށް ބޭނުންވާ 114 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން 2،800 މީޓަރުގެ ދިގު ރަންވޭއެއް ވެސް ހަދާނެ ކަމަށެވެ.
"އެއާޕޯޓް ތަރައްގީކުރުމަށް އިންޓަނޭޝަނަލް ފެންވަރުގެ 2،800 މީޓަރު ދިގު ރަންވޭއެއް ހެދިގެންދާ އިންޓަނޭޝަނަލް އެއާޕޯޓެއް. މިހާރު ކައްދޫގެ ހުރި އެމްއެންޑީއެފް މަރުކަޒު އެހެން ތާކަށް ބަދަލުކުރަން ނުޖެހޭގޮތަށް އެއާޕޯޓް ހެދިގެންދާ ގޮތަށް ބިން ހިއްކެނީ. މި އެއާޕޯޓުގެ ބޭނުމަށް މި ތަރައްގީ ބޭނުމަށް 114 ހެކްޓަރު ހިއްކޭނެ،" މުއިއްޒު ވިދާޅުވި އެވެ.
ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިއަދުން ފެށިގެން ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މިއަދުން ފެށިގެން ކުރިއަށް އޮތް ގާތްގަނޑަކަށް ތިން އަހަރު ތެރޭގައި، 36 މަސް ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ނިންމުން އެއާޕޯޓުގެ. އެންމެ ގިނަވެގެން. އެއަށްވުރެ ކުރިއަށް ވެސް ނިންމޭތޯ އެމްއޭސީއެލްއިން މަސައްކަތް ކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.
ލ. ކަައްދޫގައި އެއާޕޯޓެއް އޮންނައިރު އެ އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީ ކުރުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މި ދަތުރުގެ ތެރޭގައި ވެސް އެ އެއާޕޯޓު އަޅާނެ ތަނެއް މުއިއްޒު ވިދާޅެއް ނުވެ އެވެ.
އެމްއޭސީއެލްއާ ތަރައްގީ ކުރަން ރޭ ހަވާލުކުރި ކައްދޫ އެއާޕޯޓު މިދިޔަ އަހަރު ޗައިނާ ކުންފުންޏަކާ ވެސް ހަވާލުކުރި އެމްއޭސީއެލްއާ ތަރައްގީ ކުރަން ރޭ ހަވާލުކުރި ކައްދޫ އެއާޕޯޓު މިދިޔަ އަހަރު ޗައިނާ ކުންފުންޏަކާ ވެސް ހަވާލުކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ