ކޯޓުން ދޫކޮށްލުމުން "ޑްރަގް ބޮޑު" ފުރައިގެންދިޔައީ ލަންކާއަށް، އެތެރެވިޔަނުދީ ރާއްޖެ ފޮނުވާލުމުން ހައްޔަރުކޮށްފި ކޯޓުން ދޫކޮށްލުމުން "ޑްރަގް ބޮޑު" ފުރައިގެންދިޔައީ ލަންކާއަށް، އެތެރެވިޔަނުދީ ރާއްޖެ ފޮނުވާލުމުން ހައްޔަރުކޮށްފި

ފުލުހުން އަމަލުކުރި ގޮތުން މަސްތުވާތަކެތި ވިޔަފާރިކުރާ "ބޮޑެއް" ކަމަށް ތުހުމަތު ކުރެވޭ މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން، ސްރީލަންކާއަށް ފުރައިގެންދިޔުމުން އެ ގައުމަށް އެތެރެވިޔަނުދީ ރާއްޖެ ފޮނުވާލުމުން ފުލުހުން ހައްޔަރުކޮށްފި އެވެ.
ލަންކާއަށް އެތެރެވިޔަނުދީ އަނބުރާ ރާއްޖެ ފޮނުވާލުމުން މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު، 41 އެވެ. އޭނާ ލަންކާއަށް ފުރިކަން އެނގުނީ އިތުރު އަމުރެއްގެ ދަށުން ހައްޔަރުކުރަން ބެލިއިރެވެ.
އަލީ އަންވަރު އެންމެ ފުރަތަމަ ހައްޔަރުކުރީ އޮކްޓޯބަރު 11، ގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާމެދު ގޮތެެއް ނިންމަން ފުރަތަމަ ގެންދިޔުމުން ފަސް ދުވަސް ޖެހި ނަމަވެސް، ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކުރަން އޮކްޓޯބަރު 18، ގައި ގެންދިޔުމުން ވަނީ ދޫކޮށްލާފަ އެވެ.
އޭނާ ދޫކޮށްލީ ހައްޔަރުކޮށް ހައްޔަރާމެދު ގޮތް ކަނޑައަޅާފައިވަނީ ކޮން އަސާސެއްގެ މައްޗަށް ކަމަށް ފުލުހުންނަށް ބުނެދެވިފައިނުވާތީ، ހައްޔަރުކުރުމަށްފަހު އަމަލުކުރަންޖެހޭ އިޖުރާއަތުގައި އުނިކަން ހުރި ކަމަށް ބެލެވޭތީ އެވެ.
ފުލުހުން ކޯޓުގައި ބުނީ އަލީ އަންވަރު ދިރިއުޅޭ ކަމަށް ބެލެވޭ އެޕާޓްމަންޓުގެ ތަޅުދަނޑި އޭނާ އަތުގައި ނެތުމުން އެތަނަށް ވަދެފައިވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށާއި އެތަނުން އޭނާގެ ޕާސްޕޯޓާއި 16 ގްރާމްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ކިރަން ބޭނުންކުރާ ކައްޓާއެއް ފެނުނު ކަމަށެވެ.
ސީނުގައި ކައްޓާއާ ގުޅޭގޮތުން ސުވާލުކުރުމުން އެއީ އެއްކުމަށް އެކި ކަހަލަ ތަކެތި ކިރުމަށް ފަސޭހައަކަށް ގެންގުޅޭ ކައްޓާއެއް ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އަލީ އަންވަރު ދިރިއުޅޭ ކަމަށް ފުލުހުން ބުނާ އެޕާޓްމަންޓަކީ އޭނާއާ ގުޅުމެއް ހުރި ތަނެއް ނޫން ކަމަށާއި އެއްވެސް ގޮތަކަށް ވަދެ ނިކުމެ ހަދާތަނެއް ނޫން ކަމަށް އޭނާ ކޯޓުގައި ބުންޏެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.
އަންވަރާއި، އިތުރު ބަޔަކު ހިމެނޭ މައްސަލައިގައި ޑްރަގުތައް އަތުލައިގަތީ މީގެ ހަ އަހަރު ކުރިން، އޮކްޓޫބަރު 7، 2019 ގައި ފުލުހުންނާއި ސިފައިން ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. މި އޮޕަރޭޝަނުގައި އިރާނުގެ ބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައި ހއ. ތުރާކުނު ބޭރުންނެވެ.
އަންވަރު ނޫން އެންމެންގެ މައްޗަށް އެ މައްސަލައިގައި އުފުލި ދައުވާތައް ޕީޖީން ވަނީ މީގެ ކުރިން އަނބުރާ ގެނެސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ