ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފާސްހިސާބު ހާމަނުކުރާތާ މަހެއް
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއް ފަހަރު އާންމުކުރާ ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފާސްހިސާބު ހާމަނުކުރާތާ މަހެއްވާން ކައިރިވެއްޖެއެވެ. ފިނޭންސް މިނިސްޓްރީގެ 'ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް' އާންމު ގޮތެއްގައި ހާމަކުރަނީ ކޮންމެ އަންގާރަ ދުވަހެއްގައި ކަމަށްވާއިރު، އެންމެ ފަހުން ހިސާބުތައް އާންމުކޮށްފައިވަނީ މިދިޔަ މަހުގެ 23ގައެވެ. އެއީ، މިދިޔަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް ކޮށްފައިވާ ޚަރަދާއި ލިބިފައިވާ އާމްދަނީގެ ތަފުސީލެވެ. މި ސަރުކާރުގެ ފުރަތަމަ ކޮޅު ވެސް ޚަރަދުގެ ހިސާބުތައް ހާމަނުކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ. އޭރު ސަރުކާރުން ވަނީ ރިޕޯޓުތައް ހާމަނުކުރެވުނީ މިދިޔަ ސަރުކާރުގައި ބައެއް ޚަރަދުތައް ކޮށްފައި ހުރި ގޮތުން ކަމަށް ބުނެފައެވެ. އެގޮތުން ފިނޭންސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ދެ ބިލިއަން ރުފިޔާ ހިސާބުނުކޮށް ހުރި ކަމަށެވެ. އޭގެ ފަހުން ވެސް، ހިސާބުތައް ހާމަނުކޮށް މަހެއްހާ ދުވަސް ފާއިތުވެފައި އެބަހުއްޓެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް ވެސް އަމާޒުވެއެވެ. މާލީ ހިސާބުތައް އާންމުނުކުރާތީ "ސަން"އިން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ދައުލަތުގެ އާމްދަނީ 27.4 ބިލިއަން ރުފިޔާއަށް އަރާއިރު، ޚަރަދު ވަނީ 26.6 ބިލިއަން ރުފިޔާއަށް އަރައިފައެވެ. ދައުލަތުގެ ޖުމްލަ ޚަރަދު ދަށްވި ނަމަވެސް، އާމްދަނީއާއި ޕެންޝަނަށް ކުރާ ޚަރަދު ވަނީ އިތުރުވެފައެވެ. އެގޮތުން ޖުމްލަ ޚަރަދު 15.13 ޕަސެންޓް ދަށްވި ނަމަވެސް، އާމްދަނީއާއި ޕެންޝަނަށް ކުރި ޚަރަދު ވަނީ ހަ ޕަސެންޓް އިތުރުވެފައެވެ. ޖުމްލަ ޚަރަދު ދަށްވި މައިގަނޑު ސަބަބަކަށްވީ ކެޕިޓަލް އެކްސްޕެންޑިޗާ ނުވަތަ މަޝްރޫއުތަކަށް ކުރާ ޚަރަދު ވަރަށް ބޮޑަށް ދަށްކޮށްފައިވުމެވެ. އެގޮތުން މަޝްރޫއުތަކަށް ކުރި ޚަރަދު ވަނީ 57 ޕަސެންޓް ދަށްވެފައެވެ. https://sun.mv/211760 ރާާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ، އެންމެ ބޮޑު ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައެވެ. މި އަހަރު ދަރަންޏަށް ދެއްކުމަށް ބަޖެޓު ކުރީ 3.87 ބިލިއަން ރުފިޔާ ނަމަވެސް، މިދިޔަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް، ލޯނުތައް އަނބުރާ ދެއްކުމަށް ބަޖެޓަށް ވުރެ އިތުރަށް ވަނީ ޚަރަދުކޮށްފައެވެ. އެއީ 4.32 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު ވެސް ދައުލަތުން 1.1 ބިލިއަން ޑޮލަރު ދައްކަން ޖެހޭއިރު، އެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމަށް އިދިކޮޅުން ބުނަމުންދެއެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނެފައެވެ. https://sun.mv/211676 މި ސަރުކާރުން ޚަރަދު ކުޑަ ކުރުމަށް ޕެންޝަނާއި ސަބްސިޑީ އިސްލާހު ކުރަން ބަޖެޓުގައި ހިމެނި ނަމަވެސް އެ ނިންމުންތައް ފަހުން ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ، އެ އިސްލާހުތައް ގެނައުމުގެ ބަދަލުގައި، ސަރުކާރުގެ ކުންފުނިތަކަށް މަޝްރޫއުތައް ދީގެން ޚަރަދު ސަލާމަތް ކުރުމަށެވެ. އެ ނިންމެވުމާ ގުޅިގެން އަމިއްލަ ވިޔަފާރިތަކަށް މަޝްރޫއުތައް ނުލިބި، ގެއްލުންވަމުން އަންނަ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ