ފޯކައިދޫ ކައުންސިލުން އެރަށު ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އޭސީކޮށްދީ އެކޯ މައްސަލަ ހައްލު ކޮށްދީފި

ށ. ފޯކައިދޫ ކައުންސިލުން އެރަށު ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ހޯލު އޭސީކޮށް، ހޯލުގެ އެކޯ މައްސަލަ ހައްލުކޮށްދީފިއެވެ.
އަމާޒް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެން ފޯކައިދޫ ކައުންސިލުން މި މަސައްކަތް ކޮށްދީފައިވަނީ ސްކޫލްގެ ހޯލު ހޫނުގަދަވެ އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށާއި، ހޯލުގެ އެކޯ މައްސަލަ އާއި ގުޅިގެން އިވެންޓްތައް ކުރިއަށް ގެންދިއުމަށް ދަތިވުމުގެ ސަބަބުންނެވެ.
މި މަޝްރޫޢުގެ މަސައްކަތާއި ގުޅިގެން ފޯކައިދޫ ކައުންސިލުގެ ރައީސް އަހްމަދު އާސިފް "ތިލަދުން" އަށް ވިދާޅުވެފައިވަނީ، ސްކޫލުގެ މަލްޓިޕާޕޯސް ހޯލަކީ ސްކޫލުގެ ވަރަށް ގިނަ ހަރަކާތްތަކުގައި ބޭނުންކުރާ ތަނަކަށް ވެފައި، ކައުންސިލް އާއި ޖަމިއްޔާ ތަކުގެ އިވެންޓްތަކަށް ވެސް ބޭނުން ކުރާ ތަނަކަށް ވުމުން މިތަން އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވޭނީ މި މައްސަލަތައް ހައްލުކުރެވިގެން ކަމަށެވެ.
މިގޮތުން ފޯކައިދޫ ކައުންސިލުން ވަނީ ހޯލުގެ އެކޯ މައްސަލަ ހައްލުކުރުމަށް ހޯލުގެ ސްޓޭޖް ހިމެނޭހެން ވަށައިގެން ދޮރުފޮތި ދަމައި، ހޯލު އަލި މަޑުވުމުގެ މައްސަލަ ހައްލުކުރުމަށް ލައިޓްތައް އެއްކޮށް ބަދަލުކޮށްފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ކައުންސިލުން ސްކޫލު ހޯލުގައި 12 އޭސީ ހަރުކޮށްދީފައިވެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިމިފައިވުމުން ކައުންސިލުން ވެދިން އެހީތެރިކަން ފާހަގަކޮށް ފޯކައިދޫ ސްކޫލުން ވަނީ، އެ ސްކޫލުގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި ސްކޫލުގެ މުވައްޒަފުންގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ