ކަނޑާއި ވައިގެ ސަރަހައްދު ބަލަހައްޓަން އެމްއެންޑީއެފްއަށް މިދިޔަ އަހަރު ގެނައި ޑްރޯންތަކުގެ އިތުރުން، ދައުލަތުން ބޮޑު ހަރަދުކޮށްގެން މިފަހަރު ގެނައީ ކުރިން ވެސް ގެނައި ބައިރަކްތާރު ޓީބީ-2 ގެ ޑްރޯންތަކެއް ކަން ކަށަވަރުވެއްޖެ އެވެ.
މީގެ ކުރިން މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ދިވެހި އަސްކަރިއްޔާގެ ބޭނުމަށް ގަނެފައިވަނީ ބައިކާރުން އުފައްދާ "ބައިރަކްތާރު އަކިންޗީ" ޑްރޯންތަކެކެވެ. ނަމަވެސް، މިހާރު ކަށަވަރުވެފައިވާ ގޮތުގައި އެމްއެންޑީއެފް އިން ގެނެސްފައިވަނީ ޓީބީ-2 މަރުކާގެ ތިން ޑްރޯން އެވެ.
މި ޑްރޯންތައް ގެނައީ އޮކްޓޯބަރު 15، އަދި އޮކްޓޯބަރު 17، ގެ ރޭ ވަކަވަކިން ގެނައި ތިން ޝިޕްމެންޓެއްގަ އެވެ.
މީގެ ތެރޭގައި ހިމެނެނީ ބެލަރޫސްގެ "ރޫބީ ސްޓާ އެއާވޭސް" ގެ Ilyushin Il-76TD މަރުކާގެ ބޯޓެއްގައި ގެނައި ދެ ޝިޕްމަންޓަކާއި "އެއާ މާސްޓާ" އެއާލައިނުގެ Boeing 737-8F2 މަރުކާގެ ބޯޓެއްގައި ގެނައި ޝިޕްމަންޓެކެވެ.
ރޫބީ ސްޓާގެ ބޯޓު އައްޑޫ ގަމަށް އައީ ޔޫއޭއީގެ ފުޖައިރާ ސިޓީއިންނެވެ. އެއާ މާސްޓާގެ ބޯޓު ގަމަށް އައީ ޔޫއޭއީގެ ޝާރްޖަހް ސިޓީ އިންނެވެ. ރާއްޖެ އައުމުގެ ކުރިން ފުރަތަމަ މި ދެ ބޯޓުން ވަނީ ތުރުކީގެ ބައިކާރު ކުންފުނީގެ ޓެސްޓިން އަދި ޑްރޯން އުފައްދާ ފެސިލިޓީތަކެއް ހުންނަ ތެކިރްދާ ސިޓީ އަށް މަޑުކޮށްފަ އެވެ.
ޑްރޯންގެ ފުރަތަމަ ޝިޕްމަންޓުގައި ހިމެނުނީ 20 ފޫޓުގެ ތިން ކޮންޓެއިނަރުގަ އެވެ. ފަހު ދެ ޝިޕްމަންޓުގައި ހިމެނުނު ތަކެތީ ތަފުސީލެއް މިހާތަނަށް ނުލިބެ އެވެ. ޑްރޯންތައް އެސެމްބަލްކޮށް ޓެސްޓު ކުރުމަށް ބައިކާރުގެ ޓީމެއް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.
ޑްރޯންތައް އެސެމްބަލްކޮށް ޓެސްޓުކުރަން ފެށީ މިއަދު އެވެ. އޭގެ ބައެއް ދަތުރުތައް މިއަދު ހެދުނު ފްލައިޓު ރާޑަރުން ވަނީ ޓްރެކް ކޮށްފަ އެވެ.
އެމްއެންޑީއެފް އަށް އަލަށް ގެނައި ޑްރޯންތަކުގެ ތެރެއިން ޑްރޯން އެއް މިއަދު ހެދުނު ޓެސްޓު ކުރަނީ ----
ޑްރޯންތައް އޮޕަރޭޓުކުރަން އެމްއެންޑީއެފް އިން އަންނަނީ ގަމު އެއާޕޯޓުގައި ޑްރޯން ބޭސް އެއް ތަރައްގީ ކުރަމުންނެވެ.
އެމްއެންޑީއެފްގެ ބޭނުމެއް އައްޑޫ ގަމުން ބިމެއް ދޭން އުޅޭ ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު އަޑު ފެތުރުނެވެ. އޭރު އަޑުފެތުރުނު ގޮތުގައި ގަމުން އެމްއެންޑީއެފްއަށް ދެނީ 980،000 އަކަފޫޓުގެ ބިމެކެވެ. މިކަން މިހާތަނަށް ސަރުކާރުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ގަން އެއާޕޯޓުގެ ރަންވޭގެ ދެކުނުން އޮތް ސަރަހައްދެއްގައި ޑްރޯން ބޭސް ތަރައްގީކުރަމުންދާކަން ސެޓްލައިޓު ފޮޓޯތަކުން ވެސް ދައްކަ އެވެ. ސިފައިން މިހާރު ކުރަމުންދަނީ ޑްރޯން ބޭސް އާއި ގަމުގެ ރަންވޭ ގުޅާލައި، ޓެކްސީވޭއެއް ހެދުމުގެ މަސައްކަތެވެ.
ސަރުކާރުން ސިފައިންނަށް އިރުޝާދު ދީފައިވަނީ މި މަހުގެ ފަހުކޮޅު ރައީސް މުހައްމަދު މުއިއްޒު އައްޑޫއަށް ކުރައްވާ ދަތުރުގައި އެ ބޭސް އިފްތިތާހު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ. މައުލޫމާތު ލިބޭ ގޮތުގައި މުއިއްޒު އައްޑޫއަށް ވަޑައިގަންނަވަނީ މި މަހުގެ ފަހު 10 ދުވަހުގެ ތެރޭގަ އެވެ.
މީގެ ކުރިން ގަތް ބައިރަކްތާރު ޓީބީ-2 ޑްރޯންތައް ގަތުމަށް ސަރުކާރުން ކުރި ހަރަދު ވަނީ ސިއްރުކޮށްފަ އެވެ. ޑްރޯންތައް ގަންނަން ތުރުކީއާއެކު ވީ އެއްބަސްވުމާއި ޑްރޯންތަކުގެ ތަފުސީލު ދިނުމަށް، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ހާޒިރުކުރި 241 ކޮމިޓީގެ ބައްދަލުވުން ވެސް ޑިފެންސުން އެދިގެން ސިއްރުކުރި އެވެ.
އިތުބާރު ހުރި މަސްދަރުތަކުން ބުނާ ގޮތުގައި ޑްރޯން ގަތުމަށް އެއްބަސްވުމުން ހެދީ 37 މިލިއަން ޑޮލަރު (570 މިލިއަން ރުފިޔާ) އަށެވެ. މި ފައިސާ ހަރަދުކުރީ ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުންނެވެ. މިފަހަރު ކުރި ހަރަދުގެ ތަފުސީލު ވެސް ސަރުކާރުން ހާމަ ނުކުރާއިރު، ވޭތުވެދިޔަ މަހެއްހާ ދުވަހު ދައުލަތުން މާލީ ހިސާބުތައް ހާމަކޮށްފައެއް ނުވެ އެވެ.
އެމްއެންޑީއެފް އަށް އަލަށް ގެނައީ ބައިރަކްތާރު ޓީބީ-2 މަރުކާގެ ޑްރޯންތަކެއް، ޓެސްޓުތައް މިއަދު ފަށައިފި އެމްއެންޑީއެފް އަށް އަލަށް ގެނައީ ބައިރަކްތާރު ޓީބީ-2 މަރުކާގެ ޑްރޯންތަކެއް، ޓެސްޓުތައް މިއަދު ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ